ފްލެޓް ކަށަވަރުވި މީހުންގެ ދިފާއުގައި އަނެއްކާވެސް މުއިއްޒު

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އާންމުކުރި އިރު، ކަނޑައެޅި މިންގަނޑުތަކާ ޚިލާފަށް އެއްވެސް މީހަކަށް ފްލެޓު ކަށަވަރުކޮށްދީފައި ނުވާނެ ކަމަށް ވިދާޅުވެ، އެ ސަރުކާރުގެ ހައުސިން މިނިސްޓްރު ޑރ. މުހައްމަދު މުއިއްޒު އަނެއްކާ ވެސް ދިފާއު ކުރައްވައިފި އެވެ.


ކުރީގެ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގައި ރައްޔިތުންގެ ހައްގުތަކަށް އިހުމާލުވެފައިވާ ކަމަށް، ފްލެޓް ދިން ގޮތުގެ މައްސަލަ ބަލަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ ކޮމިޓީން އިއްޔެ ވަނީ ބުނެފަ އެވެ.

ފްލެޓު ދިން ގޮތުގެ މައްސަލަ ބަލަން އުފެއްދި ކޮމިޓީގެ ވާހަކަތައް ދޮގު ކުރައްވައި މުއިއްޒު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓު ލިބޭ މީހުން ކަނޑައަޅައި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާ ދާއިމީ ލިސްޓުތަކުގައި އިއުލާންކޮށް ނުވަތަ ޝާއިއުކޮށްފައިވާ އުސޫލަކާއި ނުވަތަ ޝަރުތަކާއި ނުވަތަ ޕޮއިންޓް ލިބޭ މިންގަނޑުތަކާ ޚިލާފަށް އެއްވެސް މީހަކު ހިމަނާފައި ނުވާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ހޯދުމަށް ހުށަހެޅި ފޯމުތައް، ޔާމީންގެ ސަރުކާރު ނިމުނުއިރު، ސުމާރު ނަންބަރު ތަރުތީބުން ވަނީ ފޮށިގަނޑުތަކަށް އަޅައި ބަންދުކޮށްފަ އެވެ.

"އެ ފޯމުތައް ހުރީ އޮފީސް ތެރެއަށް އުކާލާފައި ކަމަށް ކޮމިޓީގެ މެމްބަރުން ވިދާޅުވުމުން މި ކަމަކީ ނުހަނު ކަންބޮޑުވާން ޖެހޭ ސީރިއަސް މައްސަލައެއް ކަން ފާހަގަ ކުރަމެވެ. އަދި އެކަމުގެ ސަބަބުން ކޮމިޓީން ބަލާ ފޯމްތަކުގެ ސައްހަކަމާ މެދު ވެސް ސުވާލު އުފެއްދުމުގެ ޖާގަ އޮތް ކަން ވެސް ފާހަގަ ކުރަމެވެ،" ފްލެޓަށް އެދި އާންމުން ހުށަހެޅި ފޯމުތައް ކުރީގެ ސަރުކާރުން ހުރީ އޮފީހުގެ އެކި ތަންތަނަށް އުކާލާފައި ކަމަށް، ފްލެޓް ދޫކުރި ގޮތް ބަލަން މި ސަރުކާރުން އުފެއްދި ކޮމިޓީން ބުނިބުނުމަށް ރައްދު ދެއްވަމުން މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހިޔާ މަޝްރޫއަކީ ގެދޮރުވެރިކަން ބޭނުންވެފައިވާ ދިވެހިންނަށް އެކަން ފޯރުކޮށްދިނުމަށްޓަކައި ފެށި މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން ފްލެޓުތައް ލިބޭ މީހުން ކަނޑައެޅީ މީޑިއާއާ ގާތުން ދެ ފުށް ފެންނަ އުސޫލުން ކަމަށް ވެސް މުއިއްޒުގެ ބަޔާނުގައިވެ އެވެ.

"ފްލެޓު ލިބޭ މީހުން ކަނޑައެޅުމުގައި މުޖުތަމައުގެ ހުރިހާ އަފްރާދުންނަށް ވެސް ފުރުސަތު ލިބޭ ގޮތަށް ކުރިއަށް ގެންދިއުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ސިޔާސަތެކެވެ،" ބަޔާނުގައިވެ އެވެ.

މުއިއްޒު ވިދާޅުވީ، ކޮންމެ ކެޓަގަރީއެއްގައި ވެސް ޕޮއިންޓް ދިނުމުގައި މިންގަނޑުތައް އެކުލަވައިލާފައި ވަނީ އެ ކެޓަގަރީއަކާ އެންމެ އެކަށީގެންވާ އަދި އެ ކެޓަގަރީއަކަށް ފޯމު ހުށަހަޅާ މީހުންގެ ތެރެއިން އެންމެ ހައްގު މީހަކަށް މަތިން ޕޮއިންޓް ލިބޭ ގޮތަށް ކަމަށެވެ.

މިގޮތުން ޑޮކްޓަރުންނާއި ނަރުހުންގެ ކެޓަގަރީ އަދި ޓީޗަރުންގެ ކެޓަގަރީގައި ތައުލީމަށާއި ވަޒީފާގެ މުއްދަތަށް ބެލި އިރު، މި ކެޓަގަރީގެ ދަށުން ފްލެޓު ހަވާލު ކުރުމަށް ފަހު 10 އަހަރު އެ ދާއިރާއެއްގެ ވަޒީފާގައި ދެމިހުރުމަށް ޝަރުތު ކޮށްފައިވާ ކަމަށާއި އެކަނިވެރި މައިންނާއި ބަފައިންގެ ކެޓަގަރީގައި އެކަނިވެރި މައެއް/ބަފައެއްގެ ގޮތުގައި ހޭދަވެފައިވާ މުއްދަތަށް ޕޮއިންޓް ދީފައިވާއިރު، ދަފްތަރުގެ ކެޓަގަރީގައި ދަފްތަރުގެ ނުވަތަ މާލޭގައި އުޅުނު މުއްދަތަށް ޕޮއިންޓް ދީފައިވާނެ ކަމަށް މުއިއްޒުގެ ބަޔާނުގައިވެ އެވެ. އަދި ސިވިސް ސާވިސް މުވައްޒަފުން ހިޔާރު ކުރާ ކޮންމެ ކެޓަގަރީއަކަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ދިންކަން ފާހަގަކޮށްފައިވެ އެވެ.

މުއިއްޒު ވިދާޅުވީ ބައެއް ކެޓަގަރީތަކުގެ ފޯމު ހުށަހަޅާއިރު، ކައިވެންޏެއް ކޮށްގެން ހުރުން ޝަރުތު ކޮށްފައިވީ ނަމަވެސް، ބައެއް ކެޓަގަރީތަކުގައި އަނބި/ފިރިމީހާ ނިޔާވެފައިވާ ނަމަ، ނުވަތަ ވަރިވެފައިވާ ނަމަ ދަރިއެއް/ދަރިން ބަލަމުންދާ ނަމަ ޝަރުތު ފުރިހަމަ ވާނެ ކަމަށެވެ. އަދި ބައެއް ކެޓަގަރީތަކުގައި، ކައިވެންޏެއް ކޮށްގެން ހުރުން ލާޒިމްކޮށްފައި ނުވާ ކަން ވެސް މުއިއްޒުގެ ބަޔާނުގައި ފާހަގަކުރައްވާފައި ވެ އެވެ.

އެގޮތުން، ޑޮކްޓަރުންނާއި ނަރުހުންގެ ކެޓަގަރީތަކަށް ފޯމު ހުށަހެޅުމުގައި ކައިވެނި ޝަރުތެއްގެ ގޮތުގައި ހިމެނިފައި ނުވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ޔާމީންގެ ސަރުކާރުގެ ސިޔާސަތުގެ ދަށުން ހާއްސަ އެހީއަށް ބޭނުންވާ ވީހާޥެސް ގިނަ ބަޔަކަށް ފުރުސަތު ދިނުމަށް އެ ކެޓަގަރީގައި ވެސް ކައިވެނި ޝަރުތެއްގެ ގޮތުގައި ހިމެނިފައި ނުވާނެ ކަމަށާއި އެކަނިވެރިމައިން/ބަފައިންގެ ކެޓަގަރީގެ ޝަރުތު ހަމަވާނީ ކައިވެންޏެއް ކޮށްގެން ތިބި މީހުންނަށް ނުވާ ނަމަ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންނަށް ހެޔޮ އެދިގެން އިހްލާސްތެރިކަމާއި އަމާނާތްތެރިކަމާ އެކު ހިދުމަތް ކުރާ ނަމަ، ފްލެޓު ލިބޭނެ ކަމުގެ ދާއިމީ ލިސްޓްގައި ނުހިމެނޭ މީހުންނާއި ގެދޮރުވެރިކަން ބޭނުންވާ މީހުންނަށް އިތުރު ހައުސިން މަޝްރޫއުތައް ހިންގައި އެމީހުންނަށް ގެދޮރުގެ ތަނަވަސްކަން ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.