ރައީސްގެ ނިންމެވުމަށް އިހުތިރާމު ކުރަން: އަކްރަމް

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާގެ މުއާމަލާތްތައް ހިންގި ސްކޯސް އޮފް ފްލެެއާ (އެސްއޯއެފް) އިން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ އެކައުންޓަށް ފައިސާ ޖަމާކުރި މައްސަލައިގައި އޭނާ ގޭގައި މަޑުކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންގެވި އެންގެވުމަށް އިހުތިރާމު ކުރައްވާ ކަމަށް އަކްރަމް ރޭ ވިދާޅުވެއްޖެ އެވެ.


އެސްއޯއެފްގެ އެކައުންޓުން އަކްރަމްގެ އެކައުންޓަށް 30،000 ޑޮލަރު އަދި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ އެކައުންޓަށް 33،000 ޑޮލަރު ވަނީ ޖަމާކޮށްފަ އެވެ. އެމްއެމްޕީއާރުސީގެ ތަފްސީލީ ރިޕޯޓް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން އިއްޔެ ނެރުމާ އެކު، ރައީސް ވަނީ އެ ދެ ބޭފުޅުންނަށް ތުހުމަތު ކުރެވޭ މައްސަލަ ބަލައި ވަކިގޮތެއް ނިމެންދެން މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފަ އެވެ.

އެ ފިޔަވަޅަށް ފަހު، އަކްރަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތުހުމަތު ކުރެވޭ ސިޔާސީ ބޭފުޅުން އެ މީހުންގެ ޒިންމާއިން ސަސްޕެންޑް ރައީސް ނިންމެވި ނިންމެވުމަށް އިހުތިރާމް ކުރައްވާ ކަމަށެވެ. އަދި އެއީ އެ މައްސަލަތައް ބަލައި ހޯދޭ ކަންކަން އަވަހަށް އާއްމުންނަށް އަންގަން ޖެހޭ ސަބަބެއް ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

ފައިސާގެ މުއާލަމާތާ ގުޅޭގޮތުން އަކްރަމް އިތުރު އެއްޗެއް ވިދާޅެއް ނުވެ އެވެ.

އަކްރަމްގެ ޓްވީޓް--

މިނިސްޓަރު މަހުލޫފް ވެސް ވަނީ އޭނާ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކުރުމުން އެ ކަމަށް އިހުތިރާމް ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

މަހްލޫފް ކުރިން ވިދާޅުވެފައި ވަނީ އެސްއޯއެފްއާ އެކު ހިންގާފައިވަނީ ސައްހަ މުއާމަލާތެއް ކަމަށާއި އެކަމުގައި އެއްވެސް މައްސަލައެއް އުޅޭ ނަމަ، އިސްތިއުފާ ދެއްވާނެ ކަމަށެވެ. މަހްލޫފް ވިދާޅުވެފައިވާ ގޮތުގައި އެސްއޯއެފުން ޖަމާކުރި ފައިސާ އަކީ އޭނާގެ އާއިލާއިން ހިންގި ފިހާރައަކަށް ޑޮލަރު ހޯދުމަށްޓަކައި އޭނާގެ ކޮއްކޮ އަކު މެދުވެރިވެގެން، ނަގުދު ފައިސާ ދީގެން އެސްއޯއެފް އަތުން ޑޮލަރު ގަތުމަށް ހިންގި މުއާމަލާތެކެވެ. އަދި އެކަމުގެ މުއާމަލާތް ހިންގިއިރު ބަދަލުކުރި ލިޔުންތައް ވެސް އޭނާ ވަނީ އޭސީސީއާ ހިއްސާކޮށްފަ އެވެ.

އޭސީސީން އާއްމުކުރި ތަފްސީލީ ރިޕޯޓުގައިވާ ގޮތުން ޚިޔާނާތުގެ ފައިސާ އިން ރައްޔިތުންގެ މަޖިލިހުގެ ހަތަރު މެމްބަރަކަށް ނުވަ މިލިއަން ރުފިޔާ ޖަމާކޮށްފައިވެ އެވެ. ނަމަވެސް އެ މެމްބަރުން ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައިފަ އެވެ.

އެސްއޯއެފް އިން ފައިސާ ޖަމާކުރި މެމްބަރުން:

- ހުސެއިން މަނިކު ދޮންމަނިކު/ ގުރައިދޫ ދާއިރާ 250،000 ޑޮލަރު (3،855،00 ރުފިޔާ) - މޫސާ މަނިކު/ ހުޅުހެންވޭރު ދާއިރާ 100،000 ޑޮލަރު (1،542،000 ރުފިޔާ) - ރިޔާޒް ރަޝީދު/ ވިލުފުށި ދާއިރާ 424،255 ޑޮލަރު (6،542،012 ރުފިޔާ) - އަހްމަދު މަހްލޫފް/ ޔޫތު މިނިސްޓަރު 33،000 ޑޮލަރު (539،700 ރުފިޔާ)