ކުރީގެ ރައީސް ޔާމީން މާފުށީ ޖަލަށް ގެންގޮސްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގައި، ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރު ކުރުމާ އެކު އެ މަނިކުފާނު ކ. މާފުށީ ޖަލަށް ގެންގޮސްފި އެވެ.


ޔާމީންގެ މައްޗަށް ދައުވާ އުފުލީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްފައި ހުރި ފައިސާ ލޯންޑަކުރި މައްސަލައިގަ އެވެ. އިސްލާމިކް ބޭންކްގައި ހުރި ޔާމީންގެ ޑޮލަރު އެކައުންޓަކަށް ދެ ޗެކަކުން އެސްއޯއެފުން ފައިސާ ޖަމާކުރީ އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ޚިޔާނާތް ފަޅާއަރާފައި ވަނިކޮށެވެ.

އެކަމާ ގުޅޭގޮތުން ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތް ނިމުމާއެކު ޔާމީން ވަނީ، ވޭނެއްގައި ޝަހީދު ހުސެން އާދަމް ބިލްޑިން ކައިރިއަށް ގެންގޮސްފަ އެވެ. އޭރު އެ ސަރަހައްދަށް ކޮންމެވެސް ވަރަކަށް މީހުން އެއްވެފައި ތިއްބެވެ. މާފުއްޓަށް ގެންދިޔުމަށް، ޑީޕީއާރުއެސްގެ އޮފިޝަލުންނާއި ފުލުހުން ވެސް ތިބި ލޯންޗަށް ޔާމީން އެރުއްވުމާ އެކު އެ ސަރަހައްދުގައި ތިބި މަދު ސަޕޯޓަރުންތައް އެ މަނިކުފާނާ ދިމާއަށް ދުއްވައިގަތެވެ. އެކަމަކު ފުލުހުން ވަނީ އެ މީހުން ހުއްޓުވައިފަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މުގުލުގެ ގޮތުގައި ސިފަ ކުރާ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވެސް ބަންދުކޮށްފައި ވަނީ މާފުށީ ޖަލުގަ އެވެ.

ޔާމީންގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ވަކީލާ އައިޝަތު މުހައްމަދު ވިދާޅުވީ ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގެ މައްސަލަ އާއި އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތެރެއަށް ނުފޫޒު ފޯރުވާފައިވާ ކަމަށެވެ.

އެހެންވެ، ޔާމީން ހެއްކަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ގަބޫލު ކުރެވޭތީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ދަށުން ޝަރީއަތް ނިމެންދެން ޔާމީން ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް ޕީޖީގެ ވަކީލް ވަނީ އެދިވަޑައިގެންފަ އެވެ. އަދި އޭނާ އެދިވަޑައިގެންނެވި ގޮތަށް ގާޒީ އަހުމަދު ހައިލަމް ވަނީ ޔާމީން ރިމާންޑް ޖަލެއްގައި ބެހެއްޓުމަށް އަމުރު ކުރައްވައިފަ އެވެ.

ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑެރިންގެ ތުހުމަތުތައް އެމަނިކުފާނު ވަނީ ދޮގު ކުރައްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި އިސްލާމިކް ބޭންކަށް ޖަމާކޮށްފައި ވަނީ އެމަނިކުފާނުގެ ފައިސާ އެވެ. އެއީ، ކެމްޕޭނަށް ރާއްޖޭގެ އެކި ފަރާތްތަކުން ދިން ފައިސާގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އަތްޕުޅުގައި ހުރި ފައިސާ ކަމަށް ވިދާޅުވި އެވެ.