ޔާސިރު އެސްޓީއޯގެ ބޯޑުން ވަކިވެއްޖެ

ދައުލަތުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ ބޯޑަށް މީގެ ދެހަފުތާއެއް ކުރިން އައްޔަން ކުރި އިސްމާއީލް ޔާސިރު އެ މަގާމު ބޭނުން ނުވުމުން، އޭނާގެ އެދިވަޑައިތުމުގެ މަތިން މަގާމުން ވަކިކޮށްފި އެވެ.


ދައުލަތުގެ ކުންފުނިތަކުގެ ބޯޑަށް ބޭފުޅުން އައްޔަންކުރާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑުގެ ޗެއާމަން މުހައްމަދު ނިޒާރު މިއަދު ވިދާޅުވީ އެސްޓީއޯގެ ބޯޑު މެމްބަރުކަން އަދާކުރެއްވެން ނެތްކަން ޔާސިރު އެންގެވީ އޭނާ މަގާމަށް އައްޔަން ކުރިކަން އަންގައި ފޮނުވި ސިޓީގެ ޖަވާބުގައި ކަމަށެވެ.

"އޭނާ ވިދާޅުވީ މަސައްކަތް ހުރި ގޮތުން ވަގުތު ދެއްވެން ނެތް ކަމަށް. އެހެންވެ އެމަގާމު ގަބޫލުކުރެއްވެން ނެތް ކަމަށް،" ނިޒާރު ވިދާޅުވި އެވެ.

އެސްޓީއޯ ބޯޑަށް ޔާސިރު އައްޔަންކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެ ބޯޑަށް އައްޔަންކުރައްވާފައިވާ ހުންނެވި އާއިޝަތު ރަފިއްޔާ ވަކިކުރުމަށް ފަހު އެވެ. އެސްޓީއޯގެ ބޯޑުގައި ތިއްބަވަނީ ހަ މެމްބަރުންނެވެ.

މިހާރު ބޯޑުގައި ތިއްބެވީ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުގެ އިތުރުން މުހައްމަދު މިހާދާއި އާމިރު މަންސޫރާއި މަރިޔަމް ޒާހިޔާ އަދި އާއިޝަތު ފަޒީނާ އެވެ.

ނިޒާރު ވިދާޅުވީ، އެސްޓީއޯގެ ބޯޑުގެ މެމްބަރުކަން ޔާސިރު ދޫކޮށްލެއްވުމުން އެ މަގާމަށް އަދި ބޭފުޅަކު އައްޔަން ނުކުރާ ކަމަށެވެ.