އެސްއޯއެފުން ފައިސާ ލިބުނު މޭޖާ ނަވީނަށް ފިޔަވަޅު އަޅާނަން: ޝަމާލް

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ފައިސާ ޖަމާކުރި އެސްއޯފުން އެމްއެންޑީއެފްގެ މޭޖަ އަކަށް 100،000 ޑޮލަރު ޖަމާކުރި މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެ އެވެ.


ކޯސްޓްގާޑް ބިލްޑިންގުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި "މިހާރު"ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަމާލް ވިދާޅުވީ އެސްއޯފުން ފައިސާ ޖަމާކުރި މޭޖާ ނަވީން ޒުބައިރު މިހާރު ހުންނެވީ ރާއްޖޭން ބޭރުގައި ކަަމަށާއި އެހެންވެ، މިހާރުން މިހާރަށް ފިޔަވަޅު އަޅަން ދަތިތަކެއް އެބަހުރި ކަމަށެވެ. ނަމަވެސް ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް އެކަމުގައި އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަވީނަށް ފައިސާ ޖަމާކޮށްދިންކަން އެނގުނީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ނެރުނު ރިޕޯޓުން ކަމަށް ވެސް ޝަމާލް ވިދާޅުވި އެވެ.

"މޭޖާ ނަވީން ޒުވައިބު މި ވަގުތު ހުންނެވީ ވޯކްޝޮޕެއްގައި ރާއްޖޭން ބޭރުގައި. ދެތިން ހަފުތާއެއްގެ ވޯކްޝޮޕެއްގައި ހުންނެވީ. ރިޕޯޓް ނިކުތުމާ އެކީގައި އަޅުގަނޑުމެންނަށް ވެސް އެ ނަން ފެނުނީ. ދެން ނަވީންއާ ދޭތެރޭގައި މިހާރުން މިހާރަށް ރާއްޖޭން ބޭރުގައި ހުންނެވީމާ ސުވާލުކޮށް ކަންތައް ކުރަން އެބަހުރި ބައެއް ލިމިޓޭޝަންސް. އެހެން ނަމަވެސް ހަމަ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް އަޅުގަނޑުމެން އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ވާހަކަ ދަންނަވަން،" ޝަމާލް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ތަހުގީގު ރިޕޯޓުގައި އެސްއޯއެފުން މަނީ ލޯންޑަރިން ހިންގި ގޮތާއި އެމްއެމްޕީއާރުސީ އަށް ވަންނަން ޖެހޭ ފައިސާ އެސްއޯއެފް އެކައުންޓްތަކަށް ޖަމާކޮށް، ޑޮލަރު ވިއްކުމުގެ މުއާމަލާތް ހިންގި ގޮތާއި ފައިސާ ޖަމާކުރި 155 މީހުންގެ ތަފްސީލްތައް ހިމަނާފައިވެ އެވެ. އެސްއޯއެފުން ފައިސާ ލިބުނު މީހުންގެ ތެރޭގައި ހިމެނޭ، ދައުލަތުގެ މަގާމުތަކުގައި ތިބި ބައެއް ބޭފުޅުންނަށް ވަނީ ފިޔަވަޅު އަޅައިފަ އެވެ.

މީގެ އިތުރުން ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ނުއަގުގައި ވިއްކި ގޮތާއި ދައުލަތަށް ލިބުނު ގެއްލުން ވެސް ރިޕޯޓުގައި ހިމަނާފައިވެ އެވެ. އެކަމަކު، އެސްއޯއެފުން ޑޮލަރު ވިއްކި 155 މީހުންނާ، ހިޔާނާތާ ހުރި ގުޅުމާއި ދައުލަތުގެ ފައިސާ އެސްއޯއެފުން ބެހި މީހުންގެ ތަފްސީލާ ހަމައަށް އޭސީސީން ވާސިލްވެފައެއް ނުވެ އެވެ.