ޔާމީން ހައްޔަރުކުރި މައްސަލަ އިސްތިއުނާފަށް ބަލައިގެންފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހިންގާ މަނީ ލޯންޑަރިންގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ހައްޔަރުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިިދިޔަ ހޯމަ ދުވަހު ނެރުނު އަމުރު އިސްތިއުނާފު ކުރަން ހުށަހެޅި މައްސަލަ ހައި ކޯޓުން ބަލައިގެންފި އެވެ.


އަންގާރަ ދުވަހު ހުށަހެޅި މައްސަލަ މިއަދު ބަލައިގެންފިކަން ޔާމީންގެ ވަކީލު އަބްދުﷲ ސިޔާޒު ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.

ކޯޓުގެ އަމުރާ އެއްގޮތަށް ޔާމީން މާފުށީ ޖަލަށް ގެންދިޔަ ދުވަހު ނޫން އަނެއް ދުވަހު އައިޖީއެމްޗަށް ގެނެސް އިއްޔެ ވަނީ އެޑްމިޓްކޮށްފަ އެވެ. އެކަމަކު ޔާމީނަށް ދިމާވީ ސިއްހީ ކޮން މައްސަލައެއް ކަމަށް ހާމަކޮށްފައެއް ނުވެ އެވެ.

ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ސިޔާޒުކުރެއްވި ޓްވީޓް

ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ބުނެފައި ވަނީ އެމްއެމްޕީއާރްސީގެ 1.4 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާއިން އެމަނިކުފާނު އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާ ކުރުމުން އެ ފައިސާއިން މަންފާ ހޯއްދަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ.

އިސްލާމިކް ބޭންކް (އެމްއައިބީ)ގައި ހުރި ޔާމީންގެ ޑޮލަރު އެކައުންޓަކަށް އެސްއޯއެފްގެ ދެ ޗެކަކުން އެއް މިލިއަން ޑޮލަރު ޖަމާކުރީ އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ޚިޔާނާތް ފަޅާއަރާފައި ވަނިކޮށެވެ. އެ އެއް މިލިއަން ޑޮލަރު އޭސީސީއާ ހަވާލުކުރައްވަން އެމަނިކުފާނު ފުރަތަމަ އިންކާރު ކުރެއްވި އެވެ. އެކަމަކު ފަހުން އެއްބަސްވެވަޑައިގަތީ އޭސީސީއާ އެކު އެސްކްރޯ އެކައުންޓެއް ހުޅުވައި ފައިސާ ޖަމާކުރައްވާ ގޮތަށެވެ.

އެގޮތުން އެސްކްރޯ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށް، އެއީ އެމްއައިބީގެ އެކައުންޓްގައި ހުރި ފައިސާކަން ދައްކަވަން އޮޅުވާލެއްވީ ކަމަށް ބަލައި، ދައުލަތުން ކުރީ މަނީ ލޯންޑަރިންގެ ދައުވާ އެވެ.