އެސްއޯއެފާ އެކު ސައްހަ ނޫން މުއާމަލާތެއް ނުހިންގަން: މައުސޫމް

އެމްއެމްޕީއާރުސީން ހިންގި 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާ ވަދެފައިވާ ކަމަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފާހަގަކޮށްފައިވާ ކުންފުނިތަކުގެ ތެރޭގައި، ފެން ކުންފުނީގެ ޗެއާމަން އަހްމަދު މައުސޫމްގެ ހިއްސާ އޮންނަ ކުންފުންޏެއް އޮތަސް އެއީ ސައްހަ ވިޔަފާރީގެ މުއާމަލާތްތަކެއް ކަމަށް މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.


މައުސޫމްގެ ހިއްސާ އޮންނަ ސީޖީޓީ ޕްރައިވެޓް ލިމިޓެޑަށް ވަނީ، ޚިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފުން އެތައް މިލިއަން ޑޮލަރެއް ޖަމާކޮށްފަ އެވެ. އެ ކުންފުންޏަށް 5.7 މިލިއަން ޑޮލަރު (88.5 މިލިއަން ރުފިޔާ) އެސްއޯއެފްއިން ޖަމާކޮށްފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ. އަދި ކުރިން އޭނާގެ ހިއްސާ އޮތް އެމްސީ މޯލްޑިވްސް އަށް ވެސް ގިނަ އަދަދެއްގެ ޑޮލަރު ޖަމާކޮށްފައިވެ އެވެ.

އެ މައްސަލަ ބަލައި ނިމެންދެން މައުސޫމް ގޭގައި މަޑުކުރަން ސަރުކާރުން ވަނީ އަންގައިފަ އެވެ. އޭގެ ފަހުން ކުރީގެ ރައީސް ނަޝީދު ވަނީ މައުސޫމަކީ ނަޒާހަތްތެރިއެއް ކަމަށް ވިދާޅުވެފަ އެވެ. އޭނާ އަކީ ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަދި އެ ޕާޓީގެ ކުރީގެ ޗެއާޕާސަންގެ ނައިބު (މާލީ)ގެ މަގާމް ފުރުއްވި ބޭފުޅެކެވެ.

މައުސޫމް ނެރުއްވި ބަޔާނުގައި ވިދާޅުވީ އޭސީސީއިން އެ މައްސަލަތަކާ ގުޅޭގޮތުން އޭނާއާ އެއްވެސް ސުވާލެއް ކޮށްފައިނުވާ ކަމަށެވެ. އެ ރިޕޯޓުގައި އެއީ ކޮރަޕްޝަން ހިމެނޭ މައްސަލައެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި ނެތްއިރު ރިޕޯޓުގެ ސަބަބުން އޭނާއާ ދޭތެރޭ މީހުން ދެކޭ ގޮތް ބަދަލުވެފައިވާ ކަމަށް ވެސް ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

ގާނޫނާ ހިލާފު އެއްވެސް އަމަލެއް ކޮށްފައިނުވާނެ ކަމަށާއި އެ މައްސަލަތައް ބެލުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށް ވެސް ބަޔާނުގައިވެ އެވެ. އޭނާ ވިދާޅުވީ އެކަމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.

އޭނާއަކީ ގިނަ ވިޔަފާރިތަކެއް ކުރާ މީހަކަށް ވާއިރު އެ ކުންފުނިތަކުގައި އޭނާގެ ދައުރަކީ ސައިލެންޓް ޝެއާ ހޯލްޑަރެއް ކަމަށް ވެސް ބަޔާނުގައި ވިދާޅުވެފައިވެ އެވެ. އެގޮތުން އެސްއޯއެފުން ފައިސާ ޖަމާކޮށްފައިވާ ސީޖީޓީގެ އާއްމު އޮޕަރޭޝަންސްގައި ނޫޅުއްވާކަމަށް މައުސޫމް ވިދާޅުވި އެވެ.

"ޑޮލަރު ގަތުމުގެ އެއްވެސް މުއާމަލާތެއްގައި އެސްއޯއެފްއާއެކު އަޅުގަނޑު ހިއްސާވާ އެއްވެސް ކުންފުންޏަކުން ކޮށްފައިވާ ނަމަ އެކަމުގައި އާދަޔާ ހިލާފު އެއްވެސް ކަމެއް ނުވާނެ. ގަނެފައިވާ ޑޮލަރަށް އޭގެ ފުރިހަމަ އަގު އަދާކޮށްފައިވާނެ،" އެމްޑީޕީގައި އިސްކޮށް އުޅުއްވާ މައުސޫމް ވިދާޅުވެފައިވެ އެވެ.

އެއީ ސައްހަ މުއާމަލާތެއްކަން ސާބިތުކޮށްދެވޭ ވަރަށް ލިޔެކިޔުން އެބަހުރި ކަމަށް ވެސް މައުސޫމް ވިދާޅުވި އެވެ.

އެސްއޯއެފުން ފައިސާ ޖަމާވި މައްސަލާގައި ސަރުކާރުން ފިޔަވަޅު އެޅި ބޭފުޅުންގެ ތެރޭގައި ހިމެނެނީ މައުސޫމްގެ އިތުރުން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އަދި އައައިލެންޑް އޭވިއޭޝަންގެ ބޯޑު މެމްބަރު އަބްދުﷲ އާޒިމެވެ. އެ ހުރިހާ ބޭފުޅުން ވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ. އޭސީސީގެ ތަހުގީގުގައިވާ ގޮތުން 155 ފަރާތަކަށް އެސްއޯއެފުން ވަނީ މިލިއަނުންނާއި ލައްކަ އިން ޑޮލަރު ޖަމާކޮށްފަ އެވެ. އެ ލިސްޓުގައި ހިމެނޭ މީހުންނަށް ފައިސާ ޖަމާވި ސަބަބު ދެނެގަތުމަށް އޭސީސީން އަންނަނީ އިތުރު ތަހުގީގެއް ކުރަމުންނެވެ.