އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިންތިޚާބުތަކުގައި ބޭނުންކުރާ ވޯޓު ކަރުދާސްތަކުގައި އެއްޗަކުން ކުރަހައި ނުވަތަ ލިޔެފި ނަމަ، އެ ވޯޓު ކަރުދާހެއް ބާތިލްވާ ގޮތަށް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލިހަށް އަނެއްކާވެސް ހުށަހަޅައިފި އެވެ.
އިންތިޚާބުތަކުގައި ބޭނުންކުރާ ވޯޓު ކަރުދާސްތަކުގައި ކުރެހުމެއް ނުވަތަ ލިޔުމެއް ހުރެއްޖެ ނަމަ، އެ ކަރުދާހެއް ބާތިލްވާ ގޮތަށް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމަށް އެކި ފަހަރު މަތިން މަޖިލިހަށް ހުށަހެޅި ނަމަވެސް އެގޮތަށް ފާހެއް ނުކުރެ އެވެ.
މިފަހަރު، އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލިހަށް ހުށަހެޅުއްވީ ސ. ހުޅުދޫ ދާއިރާގެ މެމްބަރު ޕީޕީއެމްގެ މެމްބަރު މުހައްމަދު ޝާހިދެވެ.
ޝާހިދު ބިލް ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ވަނީ ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން ވޯޓުދޭ ފަރާތް އެނގޭނެހެން އިތުރު އެހެން ފާހަގަ ޖަހައި ނުވަތަ ކުރަހާފައި ހުންނާތީ ވޯޓު ދިން މީހާގެ ސިއްރުކަން ގެއްލޭ ހާލަތްތައް މެދުވެރިވުމެވެ.
އެހެންވެ، ކަރުދާހުގައި ކުރަހާ ނަމަ ވޯޓު ބާތިލްވާ ގޮތަށް އޮތުމަކީ ގާނޫނުއަސާސީ އާއި އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެމީހަކު ލާ ވޯޓަކީ ސިއްރު ވޯޓެއްގެ ގޮތުގައި ކަށަވަރު ކުރަން ކަމަށް ވެސް ޝާހިދު ހުށަހެޅުއްވި ބިލްގައިވެ އެވެ.
ޝާހިދު ވިދާޅުވި ގޮތުގައި ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން ވޯޓުދޭ ފަރާތް އެނގޭނެހެން އިތުރު އެހެން ފާހަގަ ޖަހައި ނުވަތަ ކުރަހާފައި ހުންނާތީ ވޯޓު ދިން މީހާގެ ސިއްރުކަން ގެއްލޭނެ.
ޝާހިދުގެ އިސްލާހުގައިވާ ގޮތުން ބިލަށް އަމަލު ކުރަން ފަށާނީ، ބިލް ފާސްވެ، ރައީސް ތަސްދީގު ކުރައްވައި، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.
ޝާހިދުގެ އިސްލާހު މިއައީ، އަންނަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވަމުން އަންނަނިކޮށެވެ.