ޖިއާންގެ މަރާ ގުޅިގެން ދެ ދިވެއްސަކާއި ހަތަރު ބިދޭސީއަކަށް ދައުވާކޮށްފި

ޑަބްލިއު ކޮންސްޓްރަކްޝަނުން އިމާރާތްކުރަމުން ދިޔަ ތަނަކުން ސިމެންތި ބަސްތާއެއް ވެއްޓި، ބަންގްލާދޭޝްގެ ކުޑަކުއްޖެއް ކަމަށްވާ ރަވްޝާން ޖިއާން މަރުވި މައްސަލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރާއި ސުޕަވައިޒަރެއްގެ އިތުރުން އިންޑިއާގެ ހަތަރު މީހެއްގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާކޮށްފި އެވެ.


ދައުވާ އުފުލި ދެ ދިވެހިންނަކީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް ޝަފީގާއި ސީނިއާ ސައިޓް ސުޕަވައިޒަރު މޫސާ ހަސަނެވެ. އެ ދެ މީހުންގެ މައްޗަށް އުފުލާފައިވަނީ މީހަކު މަރުވުމުގައި އިހުމާލުގެ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އެވެ. ގާނޫނުލް އުގޫބާތުގައި މި އަދަބުގެ އަސާސީ މިންގަނޑަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމެވެ.

މި ދެ މީހުންގެ މައްޗަށް މި ދައުވާކޮށްފައި ސަވާޖީއެއް ބޭނުންކޮށްގެން ސިމެންތި ބަސްތާތައް މައްޗަށް ނެގުމުގެ މަސައްކަތްކުރި އިރު އަޅަންޖެހޭ ފިޔަވަޅުތަކަށް އިހުމާލު ވެފައި ވާތީ އެވެ.

ޕީޖީ އޮފީހުން ނެރުނު ބަޔާނުގައިވާ ގޮތުން ސިމެންތި ބަސްތާ ވެއްޓުނީ މ. ނަލަހިޔާ މަންޒިލްގެ ނުވަ ވަނަ ބުރިއަށް ސިމެންތި ބަސްތާތައް އެރުވި އިރު، ވިންޗު ލައިނަށް މާބޮޑަށް ދޫވެގެންނެވެ.

ސިމެންތި ބަސްތާ ވެއްޓުނު ވަގުތު ސިމެންތިތައް ބުރައިގެންދާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއްގެ މަންޒަރެއް

ދައުވާ ލިބޭ ބިދޭސީންގެ ތެރެއިން އެކަކަށް، މީހަކު މަރުވުމުގައި ފަރުވާ ކުޑަކުރުމުގެ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ވެސް ކޮށްފައިވެ އެވެ. އެއީ އަދަބުގެ އަސާސީ މިންގަނޑަކީ ހަ އަހަރަށް ޖަލަށް ލުމެވެ. އެއީ ސިމެންތި ބަސްތާ ނަގަން ބޭނުންކުރި ވިންޗު އޮޕަރޭޓްކުރަން ހުރި މީހާގެ މައްޗަށް ކުރި ދައުވާ އެވެ. ޕީޖީން ބުނީ މި ދައުވާ ކުރަނީ އޭނާ އަކީ ވިންޗު އޮޕަރޭޓްކުރަން ހަވާލުކޮށްފައިވާ މީހާ ނޫންކަން އެނގި ހުރެ އެ މަސައްކަތް ކޮށްފައި ވާތީ ކަމަށެވެ. އަދި ބައެއް މީހުންގެ މައްޗަށް، މީހަކު މަރުވެދިއުމުގައި ފަރުވާ ކުޑަ އަމަލެއް ހިންގުމުގައި ބައިވެރިވި ކަމުގެ ދައުވާ ވެސް ވަނީ ކޮށްފަ އެވެ. އެއީ ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމުގެ އަދަބު އޮތް ކުށެކެވެ.

ރާއްޖޭގައި މަސައްކަތްކުރަމުން އަންނަ ބަންގްލަދޭޝްގެ ދެ ޑޮކްޓަރެއްގެ ތިބި ދެ ކުދިންގެ ތެރެއިން ދޮށީ ކުއްޖާ، ޖިއާން، މިދިޔަ އަހަރުގެ ޑިސެމްބަރު 16 ގައި މަރުވީ ނަލަހިޔާ މަންޒިލްގެ ފަސް ވަނަ ބުރިން ވެއްޓުނު ސިމެންތި ބަސްތާ އިން ޖެހި ލިބުނު ޒަހަމްތަކަށް، އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.