އާސަންދައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މައުމޫނާއި (ކ) އެންސްޕާގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ.
28 ފެބުރުއަރީ 2019 - 16:31
އާސަންދަ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މައުމޫން އަބްދުއްސަމަދާއި އެންސްޕާގެ ކުރީގެ ސީއީއޯ މުޖުތަބާ ޖަލީލުގެ އާއިލާ އަށް އުސޫލާ ޚިލާފަށް ދައުލަތުން ހޭދަކޮށްފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގު ރިޕޯޓުގައި ބުނެފި އެވެ.
ދައުލަތުގެ ޚަރަދުގައި ހިލޭ ބޭސްފަރުވާ ކުރުމުގެ ނިޒާމު، އާސަންދަ އާއި އެންސްޕާ މެދުވެރިކޮށް ޚިޔާނާތް ހިންގާ ކަމަށް އޭސީސީ އަށް ހުށަހެޅި މައްސަލަތަކެއް އެ ކޮމިޝަނުން ވަނީ ތަހުގީގުކޮށްފަ އެވެ.
"މިހާރު" އަށް ކޮޕީ ލިބިފައިވާ އެ ރިޕޯޓުގައިވާ ގޮތުން، އާސަންދަ އާއި އެންސްޕާ އިން ހޭދަކުރަން ހަމަޖައްސާފައި އޮންނަ އުސޫލާ ޚިލާފަށް، މައުމޫނާއި މުޖުތަބާގެ އާއިލާ އަށް ހޭދަކޮށްފައިވާ ކަން ތަހުގީގަށް ވަނީ އެނގިފަ އެވެ. ނަމަވެސް އެއީ ކިހާ އަދަދެއް ކަމެއް އެ ރިޕޯޓުން އެނގޭކަށެއް ނެތެވެ.
އެންސްޕާ އަދި އާސަންދަ އިން މެދުވެރިކޮށް، ބޭރުން ބޭސްފަރުވާ ހޯދުމުގެ ހުއްދަ ދޭން ހަމަޖައްސާފައި އޮންނަނީ، ރާއްޖެ އިން ނުލިބޭ ފަރުވާތަކަށެވެ.
އޭސީސީގެ ރިޕޯޓުގައި ބުނީ މައުމޫނާއި އޭނާގެ އާއިލާގެ ފަސް މެމްބަރުންނަށް އެންސްޕާގެ އެހީގައި އިންޑިއާގެ މަނީ ޕާލް ހޮސްޕިޓަލުން ޑޮކްޓަރަށް ދެއްކުމަށާއި އައިނު ހައްދަން ފައިސާ ހަމަޖައްސައިދީފައިވާ ކަމަށެވެ. އެންސްޕާ އިން އެހީ ހޯދި އެ ޚިދުމަތްތައް އާސަންދައިގެ ނިޒާމުގެ ތެރެއިން ވެސް ލިބޭ ކަން އޭސީސީން ފާހަގަކޮށްފައިވެ އެވެ.
އެންސްޕާ މެދުވެރިކޮށް އެހީ ހަމަޖައްސަނީ ކުއްލި ހާލަތްތައް މެދުވެރިވެގެން ނަމަވެސް މައުމޫނާއި އޭނާގެ އާއިލާ އަށް އެންސްޕާ މެދުވެރިކޮށް އެހީ ހަމަޖެއްސިއިރު އެއީ ކުއްލި ހާލަތެއްގައި ދޭން ޖެހުނު ފަރުވާތަކެއް ކަމުގެ ލިޔެކިޔުމެއް ވެސް ނެތް ކަމަށް އޭސީސީން ބުންޏެވެ.
އާސަންދަ މެދުވެރިކޮށް ނަމްބަރު އައިނު ހެއްދޭގޮތަށް ހަމަޖައްސާފައި އޮންނަނީ ކޮންމެ ދެ އަހަރަކުން އެއް އަހަރެވެ. އެއީ ވެސް އާސަންދައާ އެކު އެއްބަސްވެފައިވާ ރާއްޖޭގެ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން އެކަންޏެވެ. އެ ޚިދުމަތަށް ކަނޑައަޅާފައި ވަނީ 1،000 ރުފިޔާ އެވެ.
އޭސީސީގެ ރިޕޯޓުގައިވާ ގޮތުގައި މައުމޫނާއި އޭނާގެ އާއިލާގެ ދެ މެމްބަރަކު އިންޑިއާގެ މަނިޕާލް ހޮސްޕިޓަލުން އައިނު ހެއްދުމަށް އާސަންދަ އިން ހޭދަކޮށްފައިވެ އެވެ. އަދި އެ ޚަރަދު، އާސަންދައިން އައިނު ހައްދަން ކަނޑައަޅާފައިވާ 1،000 ރުފިޔާ އަށް ވުރެން އިތުރު ކަމަށް ބުނެފައިވެ އެވެ.
ނަމަވެސް އުސޫލާ ޚިލާފަށް ދައުލަތުގެ ބަޖެޓުން ހިނގި ހަރަދުގެ ތަފްސީލެއް ރިޕޯޓުގައި ނެތެވެ.
ރިޕޯޓުގައި ބުނީ އެންސްޕާގެ ސީއީއޯ މުޖުތަބާ ޖަލީލުގެ ދަރިއަކަށް އުސޫލާ ޚިލާފަށް އާސަންދަ އިން ހޭދަކޮށްފައިވާ ކަމަށެވެ.
އޭސީސީން ބުނެފައިވާ ގޮތުގައި މުޖުތަބާގެ ދަރިފުޅަށް އެންސްޕާ މެދުވެރިކޮށް ހޯދާފައިވާ ފަރުވާތަކަކީ ރާއްޖެ އިން އެ ބައްޔަށް އެކަށީގެންވާ ފަރުވާ ނުދެވިއްޖެ ނަމަ، ޑޮކްޓަރެއްގެ ލިއުމާ އެކު އާސަންދަ އަށް ހުށަހެޅުމުން އެތަނުން ހަމަޖައްސައިދޭން އޮންނަ ފަރުވާތަކެކެވެ. އެ ފަރުވާ ކުރިއަށް ގެންދަން އެންސްޕާ އިން ލަފާ ދީފައެއް ނުވެ އެވެ.
"ރަސްމީކޮށް ހުށަހަޅަން ޖެހޭ ލިއުންތަކާ އެކު އެންސްޕާގެ ޚިދުމަތް ހޯދުމަށް ހުށަހަޅާފައި ނުވާތީ އާއި އެ ކުއްޖާ އަކީ ކުއްލި ހާލަތެއްގައި ޚިދުމަތް ދޭން ޖެހުނު ކުއްޖެއް ކަން ލިޔެކިޔުމުން އެނގެން ނެތުމުން، އެންސްޕާ އިން ....[މުޖުތަބާގެ ދަރިފުޅަށް] ޚިދުމަތް ދީފައި ވަނީ މި އުސޫލުގެ 2 ވަނަ މާއްދާގެ ރ.އާ ޚިލާފަށް ކަން ފާހަގަކުރެވެ އެވެ،" އޭސީސީގެ ރިޕޯޓުގައިވެ އެވެ.
އެ ކޮމިޝަނުން ހަވާލާ ދީފައި އޮތީ، އެންސްޕާ މެދުވެރިވެގެން މެޑިކަލް ވެލްފެއާގެ އެހީ ދިނުމަށް އެކުލަވާލާފައިވާ އާއްމު އުސޫލަށެވެ.
އެންސްޕާ އާއި އާސަންދަ އިން އެހީ ދެނީ ފަރުވާ އަށް އެދި ހުށަހަޅާ މީހުންގެ މާލީ ހާލަތު ވެސް ބެލުމަށް ފަހު އެވެ. އެކަމަކު، މައުމޫނާއި މުޖުތަބާ އަށް ދައުލަތުން ހޭދަކޮށްފައިވާ އިރު، އެ ދެ ބޭފުޅުންގެ މާލީ ހާލަތު ދެނެގަނެފައިވާ ލިއުންތަކެއް ވެސް ތަހުގީގަށް ލިބިފައި ނުވާ ކަމަށް ރިޕޯޓުގައިވެ އެވެ.
ރިޕޯޓުގައި ބުނެފައި ވަނީ، އިމަޖެންސީކޮށް ފަރުވާ ދޭން ޖެހުމާ ގުޅިގެން އެންސްޕާ އަށް ބިލްކުރާ ގޮތަށް ފަރުވާގެ ކަންތައްތައް ހަމަޖައްސައިދޭން އެދުނު ލިސްޓުގައި މައުމޫނާއި މުޖުތަބާގެ އިތުރުން 42 މީހަކު ހިމެނެ އެވެ. އޭގެ ތެރެއިން ގިނަ މީހުން ފަރުވާ ހޯދާފައި ވަނީ އިމަޖެންސީ ހާލަތުގައި ނޫން ކަން ވެސް ތަހުގީގު ޓީމަށް އެނގުނު ކަމަށް އޭސީސީން ބުންޏެވެ.
އެ މައްސަލަތައް ތަހުގީގަށް ފާހަގަވެފައިވީ ނަމަވެސް އޭސީސީން ނިންމާފައި އޮތީ، އެކަމުގައި ކޮރަޕްޝަންގެ އަމަލެއް ނެތް ކަމަށެވެ.
އޭސީސީގެ ރިޕޯޓުގައި ބުނެފައި ވަނީ މައުމޫނާއި މުޖުތަބާގެ އާއިލާ ހިމެނޭ ގޮތުން ފަރުވާ ހޯދާފައި ވަނީ ކުއްލި ހާލަތެއް މެދުވެރިވެގެން ނޫން ނަމަވެސް އުސޫލްތައް ހަރުދަނާ ނުވުމުގެ ސަބަބުން އެކަމުގައި ވަކި ފަރާތަކުން ނާޖާއިޒު ފައިދާ ހޯދާފައިވާ ކަން ނުވަތަ ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން މަސައްކަތް ކޮށްފައިވާ ކަން ސާބިތުވާނެ ކާފީ ހެކި ލިބިފައެއް ނުވެ އެވެ. އެހެންވެ އޭސީސީން ނިންމާފައި އޮތީ އެ މައްސަލައިގައި ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިވިލް ސަރވަންޓް
02 March 2019
ސިވިލްސާރވިސްމަޣާމު ތަކުގައި ލިބޭ މުސައިރައިން މެޑިކަލް ކަންތައް ހަމަ ނުޖެހިގެން އާސަންދަ އަށް ލީމަ ނުލިބޭ... ޑޮކްޓަރަށް ދައްކަން އައިޖީއެމްއެޗްއަށް ދާއިރު ކިއުބޮޑު ވެއިޓިންގް ގަ 6 މަސް 3 މަސްވޭ ލިބޭ މުސާރަ ކުލި ބިލްސް ކުދީންގެ ކިޔެވުން ކާބޯތަކެތި ގަނެފަ ނޯވޭއެއްޗެއް... ބޭރަށްގޮސް ބޭސްކޮށްލަން.. ނުވިތާކަށް އޯވަދަކައުންޓަރ ބޭސް ކޮޅުވެސް އަތުން ގަންނަން ޖެހެނީ.. ކުޜީގައިދޭ 3 މަހުން އެއްމަހު 250 ރުފިޔާ.
ޚޮޅުދޫ
02 March 2019
މައަށް އެގޭ ތި އަދި ބޮޑެތިމީހުންތާ.... މެމްބަރުން ގުޅައިގެން އާސަންދަ ހަމަޖައްސާދޭ މީހުންވެސް ތިބޭ. މާލެއިން ހިދުމަތް ލިބޭތާވެސް ވޯޓުހޯދަން
އެއްބުރުން
02 March 2019
މި ސަރުކާރުން މިހާރުވަނީ ރާއްޖޭން ބޭރުން ދެހުޅު ބަދަލުކުރެވޭނެ އިންތިޒާމް އދ.ކުނބުރުދޫ ބޭފުޅަކަށް ދާދިމިދާކަށްދުވަހު ކެމްޕޭނުދަތުރެއްގައި ހަމަޖައްސައިދީފައި. މިއީވެސް ރާއްޖޭން ކުރެވޭކަމެއް.
ކެޔޮނިރު
02 March 2019
ކޮބާ ޕީއެސްއެމުން ބިގަށް ދޭ 78 މިލިޔަން. މިކަމާ ކަންބޮދެއްނުވޭތަ މީ ކޮރަޕްޝަނަށް ނުވަނީތަ އަޅެފަހެ
ޙައްޖަ
01 March 2019
ރާއްޖޭގަ ހުޅުބަދަލު ކުރުމުގެ ކިއު ދިގުވެ ލަސްވާތީ ރައްޓެއްސެއްގެ މަންމަ ކިމްސްން އޮޕަރޭޝަން ކުރީ ވެސް އިމަޖެންސީއެއް ނެތި ހަމަ އާސަންދަ އިން. އުސޫލް އޮންނާނީ ވކި ބަޔަކަށް. ޙުތިހަ އިރަކުވެސް
ހަަސަނުގޯތީ އާދަނު
01 March 2019
މީ ސަތޭކަޕަސެންޓް ކޮރަޕްޝަން އަމަލެއް. .މިއޮތި މެޑަމްގެ ނުފޫޒުން މުޖޭއާއި މާނު ސަލާމަތްކޮށްފަ. ވަކި އުސުލެއް ހަމަޖެހިފަ އޮންނަ ކަންކަމުގަ އުސޫލާ ޚިލާފަށް ކަންކަން ކުރީމަ އޭސީސީން ނިންމާފަހުންނަނީ ކޮރަޕްޝަންކަމަށް. މިފަހަރު ކޮރަޕްޝަނެއް ނޫނޯ.
ކަދުރޭ22
01 March 2019
ވަރަށް ކުޑަ މިންވަރެއްގެ ވާހަކަ މިދެއްކެނީ. މާމްބެމެން ރެސްޓޯރެންޓްތަކާ ބިންތަކާ ގެސްޓްހައުސްތައް ގަނެލީ އެއްލަކިން.
އަފުޒާނާ
03 March 2019
ވަރަށްބޮޑު ތެދެއް
ޝެލަރީ
01 March 2019
ކޮރަޕްޝަނެއްނެތޯ ބޮޑުއަރަތެއް ދެއްތޯ؟
ޖީލް
01 March 2019
ދިގު މުއްދަތަށް ބޭރުން ފަރުވާ ހޯދުމުގެ ނަމުގަ "ރަށްޓެހި" ކުދިން ކޮންމެ މަހަކު 700 އާ 1000 ޑޮލަރާ ދޭތެރޭން ފައިސާދީފަ ލަންކާ އިންޑިއާ ގަ އެންސްޕާއިން ބަހައްޓާފަ އެބަހުރި ވަރަށް ދިގު މުއްދަތަށް. ޔާމީންއަށް އުނދަގޫ ބޮޑުވެގެން މުޖޭ ވަކި ކުރާނީ ދެން ކިހާވަރެއްވީމަ. ވިސްނާލާ!
ކަދުރޭ22
01 March 2019
މެޑަމް ފޫބުޑަށް ވަދެވުނީމަ ވާގޮތް.
ޔާސްމީން
01 March 2019
އެފައިސާ ޖެހޭ އެމީހުން އަތުން އަނބުރާ ދައުލަތަށް ހޯދަން. އަދި މިދެމީހުންނަށް ޤާނޫނީ ގޮތުން ފިޔަވަޅުވެސް އަޅަން ޖެހޭ.
ތުނިޔަ
02 March 2019
ތިދެމީހުން ވީތަނެއްވެސް އެނގޭބަޔަކު ނެތް! ގައިމުވެސް މިގައުމަކުނޫޅޭ!