އެސްއެމްއީ ބޭންކް ހިންގަން ލައިސަންސް ދީފި

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ސަރުކާރުން އުފެއްދި އެސްއެމްއީ ބޭންކުގެ މަސައްކަތް ފެށުމަށް، ފައިނޭންސިން ބިޒްނަސް ލައިސަންސް މިއަދު ދޫކޮށްފި އެވެ.


މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ން ނެރުނު ބަޔާނެއްގައި ބުނީ، 100 ޕަސެންޓު ސަރުކާރުން ހިއްސާވާ، އެސްއެމްއީ ފައިނޭންސިން އެންޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ވިޔަފާރި ފެށުމުން، ރާއްޖޭގެ އިގްތިސޯދީ ކުރިއެރުމަށް ބޭނުންވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ލިބުމަށް މަގުފަހިވާނެ ކަމަށެވެ. އަދި މާލީ ދާއިރާގެ ވާދަވެރިކަން އިތުރުކުރުމަށް މަގުފަހިވާނެ ކަމަށް ބުންޏެވެ.

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަނަކީ މާލޭގެ އިތުރުން އައްޑު އާއި ފުވައްމުލަކު ސިޓީ ކައުންސިލްގެ ފަސް ޕަސެންޓް ހިއްސާ ހިމެނޭ ކުންފުންޏެކެވެ.

މި މަހުގެ ކުރީކޮޅު އުފެއްދި ކުންފުނިން، އަންނަ މަހުގެ ތެރޭގައި ލޯނު ދޫކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވިދާޅުވި ގޮތުގައި ސަރުކާރުގެ ވިސްނުމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ސަރުކާރުގެ ކުންފުނިތައް ނުވަދެ އެ ކުންފުނިތަކަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ އަދި ބޮޑެތި މަޝްރޫއުތައް ހިންގާ ކުންފުނިތަކަށް ހެދުމެވެ. އަދި އެކަމަށް، ކުންފުނިތައް ރީސްޓްރަކްޗާ ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.