ކީ ސްޓޭޖް އެކެއްގައި ހިމެނޭ ގްރޭޑްތަކުގެ ދަރިވަރުންނަށް، މާއްދާތައް ދިވެހި ބަހުން ކިޔަވައިދިނުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ޓީވީއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ކީ ސްޓޭޖް އެކެއްގައި ހިމެނޭ، ގްރޭޑް 1-3 ގެ ދަރިވަރުންނަށް ދިވެހި ބަހުން ކިޔަވައިދެވޭނެ ގޮތަކަށް މަންހަޖަށް ބަދަލު ގެނައުމަށް ބައެއް ފަރާތްތަކުން ހުށަހަޅާފައިވާތީ، އެކަމާ ގުޅޭގޮތުން މިހާރު މަޝްވަރާތައްކޮށް، ދިރާސާތައް ހެދުމަށް ނިންމާފައިވާ ކަމަށެވެ.
ކީ ސްޓޭޖް އެކެއްގެ އިތުރުން އެހެން ގްރޭޑްތަކުގެ ދަރިވަރުންނަށް ސޯޝަލް ސްޓަޑީޒް ދިވެހި ބަހުން ކިޔަވައިދިނުމަށް ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުދިންގެ ކިޔެވުން ދިވެހި ބަހަށް ބަދަލު ކުރުމުން، އޭގެ ސަބަބުން ދަރިވަރުންގެ ކުރިއެރުމަށް ހުރި ފުރުސަތުތަކާއި ބަހަށް ލިބޭނޭ ކުރިއެރުންތައް ދެނެގަންނާނެ ކަމަށެވެ.
"އެކަމަކު މިއީ މަންހަޖަށް ގެންނަން ޖެހޭ ބަދަލެއް ކަމުން އެކަމާ ގުޅޭގޮތުން ގިނަ ދިރާސާތަކެއް އަދި މަޝްވަރާތައް ކުރުމަށް ފަހު ނޫނީ އަޅުގަނޑުމެން ބަދަލެއް ނުގެންނާނަން،" އައިޝަތު އަލީ ވިދާޅުވި އެވެ.
ތައުލީމީ މަންހަޖު މުރާޖައާ ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވަރަށް ފަހުން ތައުލީމީ މަހާސިންތާއެއް ބާއްވައިފަ އެވެ. އެ މަހާސިންތާގައި ބައެއް ފަރާތްތަކުން ވަނީ، މާއްދާތައް ސްޓްރީމްކޮށްގެން ކިޔަވައިދިނުމުގެ ބަދަލުގައި ހުރިހާ މާއްދާތަކެއް ކިޔަވައިދިނުމަށާއި މާއްދާތަކަށް ކަނޑައަޅާފައި އޮންނަ ވަގުތު، އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒު ނުކުރެވޭ މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކައިފަ އެވެ.
މިނިސްޓަރު ވިދާޅުވީ އެ ބަދަލުތައް ގެނެވޭނީ ސްކޫލުތަކުގެ ކިޔެވުން އެއްދަންފަޅި އަށް ބަދަލުކޮށްގެން ކަމަށާއި ސްކޫލުތަކުގެ ކިޔެވުން ދެން ބައްޓަން ކުރާނީ އެގޮތަށް ކަމަށެވެ.
ސަރުކާރުން ވަނީ ތައުލީމަށް އިންގިލާބީ ބަދަލުތަކެއް ގެންނާނެކަމަށް ވައުދުވެފަ އެވެ. އޭގެ ދަށުން، ސަރުކާރު ހަރަދުގައި މިހާރު ޑިގްރީ އަށް ހިލޭ ކިޔެވެ އެވެ.
ސަރުކާރުގެ ދެ ޔުނިވާސިޓީ ކަމުގައިވާ އެމްއެންޔޫ އަދި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގައި ޑިގްރީއަށް ހިންގާ ހުރިހާ ކޯސްތަކެއްގައި މުޅިން ހިލޭ ކިޔެވެ އެވެ. އަމިއްލަ ކޮލެޖްތަކުން ހިންގާ ޑިގްރީ ޕްރޮގްރާމްތަކުގެ ކޯސް ފީގެ ވަރަށް ބޮޑު ބައެއް ސަރުކާރުން ދައްކައިދޭނެ އެވެ.