ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ބެލްޖިއަމްގެ ސަފީރު ކަމަށް ހަސަން ސޯބިރު މިއަދު އައްޔަން ކުރައްވައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އޭނާ އަށް މަގާމުގެ ފަތްކޮޅު ދެއްވައިފި އެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ސޯބިރަށް މަރުހަބާ ދަންނަވައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އީޔޫ އަކީ ރާއްޖެ އަށް ޑިމޮކްރަސީ ގެނައުމަށާއި ތަރައްގީ ގެނައުމުގެ މުހިންމު ބައިވެރިއެއް ކަމަށެވެ. އަދި ސޯބިރުގެ ސަފީިރުކަމުގައި އެ ގުޅުން އިތުރަށް ބަދަހި ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
ސޯބިރަށް މަޖިލީހުން ރުހުންދީފައިވަނީ އިތުރު ހަތް ސަފީރުންނާ އެކު މިދިޔަ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ.
ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ސަފީރު ޑރ. އަބްދުﷲ މައުސޫމް ވެސް އެ ގައުމުގެ ރައީސް ހަލީމާ ޔައުގޫބަށް މިއަދު ވަނީ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފަ އެވެ.
މިދިޔަ މަހު 18 ގައި ސިންގަޕޫރު ސަފީރަކަށް ރާއްޖޭން އައްޔަން ކުރައްވާފައިވާ މައުސޫމް މިއަދު ފަތްކޮޅު ހަވާލު ކުރެއްވުމުގެ އިތުރުން ދެ ގައުމުގެ ގުޅުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެ އެވެ. ސިންގަޕޫރުން މައުސޫމަށް ހޫނު މަރުހަބާއެއް ދަންނަވާފައިވެ އެވެ.
ފޮރިން މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މައުސޫމުގެ ސަފީރު ކަމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެކަން ޔަގީން ކުރައްވާ ކަމަށެވެ.
ސިންގަޕޫރުގައި ހުންނަވާ ދިވެހި ސަފީރުކަމުގެ މަގާމަށް މައުސޫމް އައްޔަން ކުރެއްވީ، ވެރިކަން ކުރާ އިއްތިހާދުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ. އޭނާ ކުރިން ހުންނެވީ އެ ޕާޓީގެ ނައިބު ރައީސް އެވެ. އެ މަގާމުން އިސްތިއުފާދެއްވީ ދާދި ފަހުންނެވެ.
މައުސޫމް ޓޫރިޒަމް މިނިސްޓަަރުކަން ކުރެއްވީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ވެރިކަމުގަ އެވެ. އޭގެ ފަހު އޭނާ ވަނީ ރައްޔިތުންގެ މަޖިލިހުގެ ކެލާ ދާއިރާގެ މެމްބަރުކަން ކުރައްވައިފަ އެވެ. ނަމަވެސް ފަހުން ސިޔާސީ މަސައްކަތުން ދުރަށް ވަޑައިގެން އުޅުއްވީ ވިލާ ގްރޫޕުން ހިންގާ ސަން އައިލެންޑް ރިސޯޓްގެ ޖެނެރަލް މެނޭޖަރަކަށެވެ.