ޔަޒީދުގެ އާއިލާގެ 10 މީހަކަށް ފްލެޓު، އޭސީސީގެ މެމްބަރު ޔަޒްމީދު ވެސް ހިމެނޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އާންމުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ހިންގި ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ދޭން ނިންމާފައިވާ މީހުންގެ ތެރޭގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދުގެ އާއިލާގެ 10 މީހަކު ހިމެނޭ ކަން ހާމަވެއްޖެ އެވެ.


"މިހާރު" އަށް އެނގިފައިވާ ފްލެޓު ލިބިފައިވާ ޔަޒީދުގެ އާއިލީ މީހުންގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރު ޔަޒްމީދު މުހައްމަދު ހިމެނެ އެވެ. ގުޅީ ފަޅުން ފްލެޓް ލިބިވަޑައިގެންނެވި ޔަޒްމީދަކީ، ޔަޒީދުގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ. ޔަޒްމީދަށް ފްލެޓު ލިބިވަޑައިގެންނެވި އިރު، އޭނާގެ އަނބިކަނބަލުން ނަމްޝާ ނާސިރަށް ވެސް ވަނީ ފްލެޓް ލިބިވަޑައިގެންފަ އެވެ.

ޔަޒީދުގެ އާއިލާގެ މީހުންގެ ތެރެއިން ދެން ފްލެޓް ލިބުނު މީހުންގެ ތެރޭގައި އޭނާގެ އެއްބަނޑުއެއްބަފާ ދެ ދައްތަ އިން ކަމަށްވާ ޔަޒީދާ މުހައްމަދާއި ޝަޒިއްޔާ މުހައްމަދު ހިމެނެ އެވެ. އަދި ޔަޒީދުގެ އެއްބަނޑު އެއްބަފާ ދެ ކޮއްކޮ ޔަޒްނާ މުހައްމަދަށާއި މަޒީދު މުހައްމަދަށް ވެސް ވަނީ ފްލެޓު ލިބިފަ އެވެ. ޔަޒީދުގެ އެއްބަނޑު އެއްބަފާ ކޮއްކޮއިންނާއި ދައްތައިންގެ އިތުރުން އާއިލާގެ އިތުރު ބަޔަކަށް ވެސް ފްލެޓު ލިބިފައި ވެ އެވެ.

މައުލޫމާތު އެނގޭ މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި ޔަޒީދުގެ އާއިލާގެ މެމްބަރުންގެ ތެރެއިން ފްލެޓު ލިބުނު ބައެއް މީހުން މާލޭގައި ދިރިއުޅޭތާ ވަރަށް ގިނަ ދުވަސްވެއްޖެ އެވެ.

"ރަށުގައި ރަޖިސްޓަރީ ކޮށްފައި އޮތަސް، މިސާލަކަށް ގއ. ވައިޖެހޭގޭގައި ރަޖިސްޓަރީކޮށްފައި ތިބި މީހުން މާލޭގައި ދިރިއުޅޭތާ ވިއްސަކަށް އަހަރުވެދާނެ،" އެ މީހާ ބުންޏެވެ.

"އެހެންވެ، އޭގެ ތެރޭގައި ފްލެޓު ހައްގު ބައެއް މީހުން ވެސް އެބަތިބި."

ނަމަވެސް ގިނަ ބަޔަކު ސުވާލު އުފައްދަނީ ދައުލަތުގެ އިސް ބޭފުޅެއްގެ މަގާމު ފުރުއްވަމުން ގެންދަވާ ޔަޒީދުގެ އާއިލާގެ އެހާ ގިނަ ބަޔަކަށް ފްލެޓު ލިބިފައިވާތީ އެވެ. އެކަމާ ގުޅިގެން ޔަޒީދަށް ތަކުރާރުކޮށް ގުޅައި، މެސެޖް ކުރުމުން ވެސް ފޯނަށް ޖަވާބެއް ނުދެއްވި އެވެ.

މިދިޔަ ސަރުކާރުން ފްލެޓް ދިން މީހުންގެ ތެރޭގައި ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ނުހައްގުން ފްލެޓް ހޯދި ގިނަ ބަޔަކު ތިބި ކަމަށް ތުހުމަތު ކުރެވެ އެވެ. ފްލެޓް ލިބޭ މީހުން ކަނޑައަޅައި، ފްލެޓް ލިބުނު ކަމުގެ ލިޔުން ހަވާލުކޮށްފައި ވިޔަސް ޔާމީންގެ ސަރުކާރުން އެއީ ކޮން ބައެއްކަން ހާމަކޮށްފައެއް ނުވެ އެވެ.

ފްލެޓު ލިބުނު މީހުންގެ މައުލޫމާތު ހާމަކުރީ، ފްލެޓް ދިން ގޮތް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އުފެއްދި ކޮމިޓީންނެވެ.

ފްލެޓް ދިނުމުގައި ކަން ހިނގާފައިވާ ގޮތް ބަލައި، އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އަޅަން އުފައްދާފައިވާ ކޮމިޓީގެ މެމްބަރު އަހުމަދު ތޮލާލް މިރޭ ވިދާޅުވީ ކުރީގެ ސަރުކާރުން ބައެއް މީހުންނާ ހަވާލުކުރި ފްލެޓުތަކާ ގުޅިގެން އެ ކޮމިޝަނަށް ގިނަ އަދަދެއްގެ ޝަކުވާ ލިބެމުން ދާ ކަމަށެވެ. އެކަމަކު، އެ ޝަކުވާތަކުގެ ތެރޭގައި ޔަޒީދުގެ މައްސަލައެއް ހުށަހެޅިކަން ނުވަތަ ނޫން ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

"ޝަކުވާ ހުށަހަޅަން ފުރުސަތު ދީފައި ވާނީ. ހުރިހާ ޝަކުވާތަކެއް ލިބުނީމަ އަޅުގަނޑުމެން ބަލައި އެކަންކަމުގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނީ،" ތޮލާލް ވިދާޅުވި އެވެ.

ތޮލާލް ވިދާޅުވި ގޮތުގައި މީޑިއާގެ ސަމާލު ކަމަށް އަންނަ މައްސަލަތައް ވެސް ކޮމިޓީން އަންނަނީ ބަލަމުންނެވެ.

ޔަޒީދުގެ އާއިލާގެ ބަޔަކަށް ފްލެޓު ލިބުނު އިރު، ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލްގެ އާއިލީ ގުޅުމެއް އޮތް 37 މީހަކަށް ފްލެޓު ވަނީ ލިބިފަ އެވެ. އެކަމަކު، ޚަލީލް ވިދާޅުވީ އާއިލާގެ ބަޔަކަށް ފްލެޓު ލިބުނީ އޭނާގެ ނުފޫޒު ބޭނުން ކުރައްވައިގެން ނޫން ކަމަށެވެ.