ކުއްތާ ވެސް ބޭނުންކޮށްގެން ހިންގި މަސްތުވާތަކެއްޗާ ގުޅޭ ހާއްސަ އޮޕަރޭޝަނެއްގައި މާލޭގެ ގެއެއް ފާސްކޮށް 13 މީހަކު ފުލުހުން އިއްޔެ ހައްޔަރުކޮށްފި އެވެ.
ފުލުސް އޮފީހުން ބުނީ މަސްތުވާތަކެތި ބޭނުންކުރާ ކަމުގެ މައުލޫމާތު ލިބުމުން، ކޯޓު އަމުރަކާ އެކު ގޮސް، ގަލޮޅުގެ ގެއެއްގައި ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރީ ދިވެހި 10 ފިރިިހެނަކާއި ދިވެހި ދެ އަންހެނެއްގެ އިތުރުން 36 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށެވެ.
ހައްޔަރުކުރި މީހުންގެ އުމުރު އުޅެނީ، ފުލުހުން ބުނި ގޮތުގައި، 18 އަހަރާއި 46 އަހަރާ ދެމެދުގަ އެވެ.
އެގެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 31 ރަބަރު ޕެކެޓް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ޑްރަގް އެންފޯސްމެންޓް ޔުނިޓުން އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް މި ފަހުން ފުލުހުން ހިންގި އެހެން އޮޕަރޭޝަނެއްގައި ދެ ގެއަކުން 37 ދިވެހި ފިރިހެނުން ހައްޔަރުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނެ އެވެ.