ލ. ކަލައިދުއަށް ދިޔަ ތެޔޮ ބޯޓެއް ފާސްކޮށް މަސްތުވާތަކެއްޗާ އެކު ހަތަރު ދިވެއްސަކު އިއްޔެ ހައްޔަރުކޮށްފި ކަމަށް، ފުލުހުން މިއަދު ބުނެފި އެވެ.
ކަލައިދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެން ކޯޓު އަމުރަކާ އެކު ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ 20، 22، 26 އަދި 36 އަހަރުގެ ދިވެހި ހަތަރު ފިރިހެނުންނެވެ. އެކަމަކު އެއީ އެ ތެޔޮ ބޯޓުގެ ފަޅުވެރިންކަމެއް ނުވަތަ އެއިން ދަތުރުކުރި ބައެއްކަން ސާފުވާ ގޮތެއް ނުވި އެވެ.
ލ. ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި ބޯޓު ބަލާ ފާސްކުރީ ކަލައިދޫ ބަނދަރަށް ބޯޓު ވަނުމުންނެވެ.
ފުލުހުން ބުނީ ފިލްމު ހުސްކުރި ދަޅުތަކެއްގަ އާއި ޖޫސްޕެޓީ ކޮތަޅުތަކެއްގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ފެނިފައިވާ ކަމަށެވެ.
ކަލައިދޫގެ އޮޕަރޭޝަން މި އައީ ކުއްތާ ވެސް ބޭނުންކޮށްގެން މި ފަހުން މާލޭގެ ބައެއް ގޭގެ ފާސްކޮށް ގިނަ އަދަދެއްގެ ދިވެހި ޒުވާނުން ހައްޔަރުކުރަމުން ދާ ދުވަސްވަރެއްގަ އެވެ. އެގޮތުން ތިން ގެއަކުން 50 މީހުން ހައްޔަރުކޮށްފައިވެ އެވެ.