ތަރައްގީގެ މަޝްރޫއުތައް ވަރަށް އަވަހަށް ފެށިގެންދާނެ: ރައީސް

ތަރައްގީގެ އެކި މަޝްރޫއުތަކަށް މި އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވާ ކަންކަން ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.


އދ. މަހިބަދޫ ކައުންސިލްގެ މެމްބަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ރައްޔިތުންގެ ޝަކުވާތައް އަޑުއަހައި އެންމެ އެދެވޭ ގޮތަށް ކަންތައް ކޮށްދިނުމަށް ސަރުކާރުން އަބަދު ވެސް އިސްކަންދޭނެ ކަމަށެވެ.

ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަހިބަދޫ ކައުންސިލްގެ މެމްބަރުން ވަނީ ރައްކާތެރިގޮތުގައި ކުނި ނައްތާލާނެ ހަރުދަނާ ނިޒާމެއް ނެތުމުގެ ސަބަބުން ކުރިމަތިވަމުންދާ އެކި މައްސަލަތައް ފާހަގަ ކުރައްވައިފަ އެވެ. އަދި ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައިގެ ސަބަބުން އިޖުތިމާއީ ގޮތުން ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރަމުންދާކަން ކައުންސިލުން ފާހަގަކުރި އެވެ.

މީގެ އިތުރުން، ކައުންސިލްގެ ހިދުމަތްތައް އެންމެ ފުރިހަމައަށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވި އެވެ.

މިިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހު އެކުލަވާލި އާ ސަރުކާރުން މިހާތަނަށް ތަރައްގީގެ ބޮޑު އާ މަޝްރޫއެއް ނުފަށަ އެވެ. ނަމަވެސް އެކި މަސައްކަތްތައް ކުރާނެ ބަޔަކު ހޯދަން އިއުލާނުކޮށްފައި ވެ އެވެ.