ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބާ ދިމާކޮށް، އެތައް ބައެއްގެ ގިނަ މައުލޫމާތުތަކެއް ހިމެނޭ ޑޭޓާ ބޭސްއެއް ވިއްކާ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ޑޭޓާ ބޭސް ވިއްކުމުގައި އިސްކޮށް އުޅެނީ ކުރިން އައިޖީއެމްއެޗުގައި އައިސީޓީ ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރި އަބްދުﷲ ޝުހޫދެވެ. އޭނާ ވަނީ ބައެއް އަމިއްލަ ކުންފުނިތަކުގައި ވެސް ކުރިން މަސައްކަތް ކޮށްފަ އެވެ.
ކޮމްޕިއުޓަ ޕްރޮގްރާމިން ދާއިރާ އިން ތައުލީމް ހާސިލްކޮށްގެން ހުރި ޝުހޫދު ވަނީ މި އެޕްލިކޭޝަން ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުންނަށް ވިއްކައިފަ އެވެ. އެނގިފައިވާ ގޮތުގައި ޝުހޫދު އެޕްލިކޭޝަން ވިއްކަނީ ކޮންމެ ދާއިރާއެއް ވަކިން 25،000ރ. އަށެވެ.
ޑޭޓާ ބޭސް ވިއްކަމުން އަންނަ މައްސަލަ ތަހުގީގު ކުރުން ފިޔަވައި އިތުރު އެއްވެސް ތަފްސީލެއް ފުލުހުންގެ ތަރުޖަމާނު އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ނުދެއްވި އެވެ. އެކަމަކު، އާންމުންގެ މައުލޫމާތުތައް ހޯދައިގެން ނަހަމަ ގޮތުގައި ބޭނުން ކުރުމަކީ ގާނޫނީ ގޮތުން ކުށެކެވެ.
އަންނަ މަހުގެ ހަ ވަނަ ދުވަހު އޮންނަ މަޖިލިހުގެ އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ނަމާއި ފޮޓޯ އާއި އެޑްރެހާއި އައިޑީ ކާޑް ނަންބަރާއި ފޯން ނަންބަރު ވެސް މި އެޕްލިކޭޝަންގައި ހިމެނެ އެވެ. އެޕްލިކޭޝަން ބޭނުން ނަމަ، ފުރަތަމަ އެޑްވާންސްކޮށް ފައިސާ ދައްކަން ޖެހެ އެވެ.
އެނގިފައިވާ ގޮތުގައި، ފައިސާ ދައްކާތާ ދެ ގަޑިއިރެއްހާ އިރު ތެރޭގައި އެޕްލިކޭޝަން ލިބެ އެވެ. މި އެޕްލިކޭޝަންގައި 80 ޕަސަންޓް މީހުންގެ ފޮޓޯ ހުންނަ ކަމަށްވެ އެވެ.
މިކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް "މިހާރު" އަށް ވިދާޅުވީ ގިނަ ބައެއްގެ މައުލޫމާތު ހިމެނޭ ޑޭޓާ ބޭސްއެއް ބަޔަކު ވިއްކާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އާންމުންގެ މައުލޫމާތު ހޯދައިގެން ނަހަމަ ގޮތުގައި ބޭނުން ކުރުމަކީ މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ގޮވާލަން ކަމާ ބެހޭ ފަރާތްތަކަށް އެކަން ހުއްޓުވައި ދިނުމަށް،" އަކްރަމް ވިދާޅުވި އެވެ.
އަކްރަމް ވިދާޅުވި ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ގެންގުޅޭ އާންމުންގެ މައުލޫމާތުތަކުގެ ތެރޭގައި ފޯން ނަންބަރާއި ފޮޓޯ ނުގެންގުޅޭ ކަމަށެވެ. އެހެންވެ، މިއީ ކޮމިޝަންގެ ތެރެއިން ލީކްވި މައުލޫމާތުތަކެއް ކަމަށް ބުނުމުގެ އެއްވެސް ޖާގައެއް ނެތް ކަމަށް އަކްރަމް ވިދާޅުވި އެވެ.