މަހިބަދޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓުގެ ނަން ނަގައިފި

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އދ. މަހިބަދޫ ދާއިރާ އަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓު އަލީ އަހުމަދުގެ ނަން އޭނާ ނަގައިފި އެވެ.


މި އިންތިޚާބުގައި މަހިބަދޫ ދާއިރާ އަށް އެމްޑީޕީގެ ކެންޑިޑޭޓާ އެކު ކުރިން ފަސް ކެންޑިޑޭޓަކު ވާދަކުރި އެވެ.

އެކަމަކު، ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓުގެ ނަން ނެނގުމުން ދެން އެ ދާއިރާ އަށް ވާދަކުރައްވާނީ މިހާރު ވެސް މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އާއި އަދާލަތު ޕާޓީން އަލީ އާޒިމާއި އަމިއްލަ ދެ ކެންޑިޑޭޓެއް ކަމަށްވާ އަހުމަދު ސުނީލް އާއި އަހުމަދު ހުސައިން އެވެ.

މަހިބަދޫ ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓުގެ ނަން ނެގިއިރު، އެއީ އެމްޑީޕީ އާއި އަދާލަތު ޕާޓީގެ މަޝްވަރާގެ ދަށުން އެމްޑީޕީން ވާދަނުކުރަން ކުރިން ވާހަކަ ދެއްކި ހަ ދާއިރާގެ ތެރޭގައި ހިމެނޭ ދާއިރާ އެކެވެ.

މަހިބަދޫ ދާއިރާގެ އިތުރުން ދެން އަދާލަތަށް ދޫކޮށްލަން އެމްޑީޕީން ވިސްނީ ވައިކަރަދޫ ދާއިރާ، މަކުނުދޫ ދާއިރާ، ކާށިދޫ ދާއިރާ އަދި މިލަންދޫ ދާއިރާގެ އިތުރުން ފުވައްމުލަކު ދެކުނު ދާއިރާ އެވެ. އެކަމަކު މަހިބަދޫ ދާއިރާ ފިޔަވައި އެހެން ދާއިރާ އަކުން އެއްބަސްވި ގޮތަށް ނަން އަނބުރާ ނުނަގަ އެވެ.

އެންމެ ފަހުން 2014 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވެސް މަހިބަދޫ ދާއިރާ އަށް ކުރިމަތިލެއްވި އެމްޑީޕީގެ ކެންޑިޑޭޓު ވަނީ ގުރުއަތަށް ފަހު ނަން އަނބުރާ ނަގައިފަ އެވެ. މި ފަހަރު ވެސް އެމްޑީޕީގެ ކެންޑިޑޭޓުގެ ނަން މި ނެގީ ގުރުއަތަށް ފަހު އެވެ.