އައްޑު އާއި ފުވައްމުލަކުގެ ކުނި މެނޭޖްކުރާ ފެސިލިޓީ ކޮރެއާގެ ކުންފުންޏަކަށް

ރާއްޖޭގެ އެންމެ ދެކުނުގެ ދެ ސިޓީ ކަމަށްވާ އައްޑު އާއި ފުވައްމުލަކުގެ ކުނި މެނޭޖް ކުރުމުގެ ފެސިލިޓީއެއް ގާއިމު ކުރަން ކޮރެއާގެ ކުންފުންޏަކާ އެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.


އައްޑޫ ހިތަދޫގައި ގާއިމުކޮށްފައިވާ ނޭޗާ ޕާކްގައި ބޭއްވި ރަސްމިއްޔާތެއްގައި ދެކުނުގެ ވޭސްޓް މެނޭޖްމަންޓް ފެސިލިޓީ ގާއިމު ކުރުމުގެ މަޝްރޫއު ހަވާލުކޮށްފައި ވަނީ ލޮޓަސް/ކުންވާ ޖޮއިންޓް ވެންޗާއާ އެވެ.

އެއްބަސްވުމުގައި އެންވަޔަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ. ލޮޓަސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ރައީސް ލިންޑޮން ޔިލް އެވެ.

ސޮއި ކުރުމުގެ ރަސްމިއްޔާތުގައި އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އާއި ފުވައްމުލަކުގެ މޭޔަރު އަބްދުﷲ ފަލާހް ޝަރީފް ވެސް ބައިވެރިވަޑައިގެންނެވި އެވެ.

މި އެއްބަސްވުމުގެ ދަށުން ހިތަދޫގައި ގާއިމު ކުރާ ވޭސްޓް މެނޭޖްމަންޓް ފެސިލިޓީ އަށް ބޭނުންވާ ސާމާނު ޑިޒައިންކޮށް، ސަޕްލައިކޮށް އަދި އިންސްޓޯލް ކުރުމުގެ މަސައްކަތް ލޮޓަސް އިން ކުރާނެ އެވެ.

މި މަޝްރޫއާ ބެހޭ ގޮތުން އެންވަޔަރަމެންޓް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު މުރުތޮލާ ވިދާޅުވީ މިއީ އައްޑު އާއި ފުވައްމުލަކުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ރީޖަނަލް ވޭސްޓް މެނޭޖްމެންޓް ޕްރޮޖެކްޓުގެ އެއްބައި ކަމަށާއި އަދި މިއަދު ސޮއިކުރި އެއްބަސްވުމަކީ މި ޕްރޮޖެކްޓުގެ ވަރަށް މުހިއްމު ބައެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އައްޑޫގައި ބަހައްޓާ ވޭސްޓް އެނާޖީ ޕްލާންޓުން ގަޑިއަކަށް 1.5 މެގަވޮޓްގެ ކަރަންޓް އުފައްދާނެ އެވެ. އަދި އޭގެތެރެއިން އެއް މެގަވޮޓް ސަޕްލައި ކުރާނީ ފެނަކައިގެ ޕަވަ ހައުސް އަށް ކަމަށާއި އަދި އަނެއް 500 ކިލޯ ވޮޓް ބޭނުން ކުރާނީ ކުނި މެނޭޖް ކުރާ ފެސިލިޓީ ހިންގަން ކަމަށް ވެސް ވިދާޅުވި އެވެ. "މި މަޝްރޫ އިން ދެ ކަމެއް އަޅުގަނޑުމެންނަށް އެބަ ހާސިލު ކުރެވޭ. އެއް ކަމަކީ އައްޑު އާއި ފުވައްމުލަކު ސިޓީގެ ކުނީގެ މައްސަލަ އެއްކޮށް ހައްލުވެގެންދާނެ ކަމަށް އުއްމީދު މި ކުރަނީ،" މުރުތޮލާ ވިދާޅުވި އެވެ. "އޭގެ އިތުރަށް މި މަޝްރޫއަކީ ސަރުކާރުން މިހާރު ކްލައިމެޓް ޗޭންޖާ ދެކޮޅަށް ކުރާ މަސައްކަތަށް ލިބިގެންދާ ވަރަށް ބޮޑު ބާރެއް. ސަބަބަކީ މީގެއިން މި އުފައްދަނީ ރިނަވަބްލް އެނާޖީ އަށް ވުން."

މިނިސްޓަރު ހުސައިން މިއަދު ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން އައްޑު އާއި ފުވައްމުލަކަށް ކުރިމަތިވެފައިވާ ކުނީގެ މައްސަލަ ހައްލުވެގެން ދާނެ އެވެ. އަދި ކުނިން މަންފާ ހޯދައި މި ޕްރޮޖެކްޓުން އެކަން ސާބިތުކޮށް ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އައްޑު އާއި ފުވައްމުލައް ހިމެނޭ ގޮތަށް ދެކުނުގެ ސަރަހައްދުގައި އުފެދޭ ކުނި މެނޭޖް ކުރުމަށް ގާއިމުކުރާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއަކީ ސަރުކާރުން ނަގާ ގްރީން ޓެކްސް ފަންޑުން ހިންގާ ފުރަތަމަ ޕްރޮޖެކްޓެވެ.