މީދަލާއި ފުޅަ ފެނިގެން "ދަ ޑެކް" ބަންދުކޮށްފި

ކާނިވާ ސަރަހައްދުގައި ހަދާފައި "ދަ ޑެކް" އިން ވިއްކާ ކާ އެއްޗެހީގެ ތެރެއިން މީދަލާއި ފުޅަ ފެނުނު މައްސަލައެއްގައި އެ ތަން ބަންދުކޮށްފި އެވެ.


އެތަނުގެ ނުތާހިރުކަމުގެ މައްސަލަ ސޯޝަލް މީޑިއާގައި މި މަހު ކުރީކޮޅު ދައްކަން ފެށުމާ އެކު އެތަން ވަނީ ބަންދުކޮށްފަ އެވެ. ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއަކުން ފެންނަނީ ޑިސްޕްލޭކޮށްފައި ހުރި ކާއެއްޗަކަށް މީދާ އަރައި އެ ކަނިކޮށެވެ. އެހެން ވީޑިއޯއަކުން ފެންނަނީ އެ ތަނުން ތައްޔާރުކޮށްފައިވާ މަސްހުނިތައްޓެއްގައި ފުޅަ ހުއްޓަ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ އެ ޝަކުވާތަކާ ގުޅިގެން އެ ތަން އިންސްޕެކްޓް ކުރަން ދިޔައިރު އެތަން ހުރީ ބަންދުކޮށްފައި ކަމަށެވެ. އެތަން ދެން އަލުން ހުޅުވޭނީ އެޗްޕީއޭއިން އިންސްޕެކްޓްކޮށް ހުއްދަތައް ދިނުމުން ކަމަށް އެ ތަނުގެ ވެރިފަރާތަށް އަންގާފައިވާނެ ކަމަށް ނާސިރު ވިދާޅުވި އެވެ.

"ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނުގައި ހުންނަން ޖެހޭ ފެންވަރަށް އެތަނުގެ ސާފުތާހިރުކަން ގެނެސް އަޅުގަނޑުމެން ޗެކްކުރުމުން ދެން އެތަނުން ހިދުމަތް ދެވޭނީ،" ނާސިރު ވިދާޅުވި އެވެ.

"ދަ ޑެކް" ކަޑަ: ސާފުތާހިރު ދަށް ވެގެން އެތަން ވަނީ ބަންދުކޮށްފައި-- ފޮޓޯ: ފޭސްބުކް

ސާފުތާހިރު ކަމުގެ މައްސަލަ ދިމާވެގެން މާލޭގެ ބައެއް ރެސްޓޯރެންޓްތަކާއި ހޮޓާ، ކެފޭތައް ދޭތެރެ ދޭތެރެއިން ބަންދުކުރެ އެވެ.