ކެންސަރު ބަލިން ރައްކާތެރިވުމަށް ރާއްޖޭގައި އާ ވެކްސިނެއް ދޭން މިއަދު ފަށައިފި އެވެ.
ހިއުމަން ޕެޕިލޯމާ ވައިރަސް (އެޗްޕީވީ) ވެކްސިން ދިނުމަށް ތާޖުއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ރާއްޖޭގައި ކެންސަރު ބަލި އޮތީ ކަންބޮޑުވާ ދަރަޖައެއްގައި ކަމަށެވެ. އެ ބަލީގެ ވޭނުގައި ކިތައްމެ މަދު ބަޔަކު ތިއްބަސް ކޮންމެ ދުވަހަކު ކުރަންޖެހޭ ކަންތައްތައް ކުރުމަކީ ވާޖިބެއް ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކެންސަރާ ދެކޮޅަށް ކުރާ މަސައްކަތުގައި އެޗްޕީވީ ވެކްސިން ތައާރަފްކުރެވުމަކީ މުހިއްމު ކަމެއް ކަމަށެވެ. އޭގެ ސަބަބުން ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ ކެންސަރުން ސަލާމަތްވެފައިވާ ބަޔަކަށް ވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.
ވެކްސިން ދިނުމާއި ވެކްސިން ޕްރޮގްރާމުތަކުގައި ބައިވެރިވުމަކީ ސިއްހީ ނަޒަރުންނާއި ދީނީ މިންގަނޑުންނާއި އާއްމު އިޖުތިމާއީ މިންގަނޑުތަކުން ބަލާއިރު ކޮންމެހެން ކުރަންޖެހޭ ކަމެއް ކަން ފާހަގަކުރެއްވި އެވެ.
މިއީ ތާރީހީ އުފާވެރި ދުވަހެއް ކަމަށް ދިވެހި ބަހުން ވިދާޅުވުމަށްފަހު ވޯލްޑް ހެލްތް އޯގަނިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ރާއްޖެ ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑރ. އަރްވިންދް މާތުރް ވިދާޅުވީ އެޗްޕީވީ ވެކްސިނަކީ ސަވައިކަލް ކެންސަރު (ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު) ބައްޔަށް، އަގުގެ ގޮތުން ބަލާއިރު ވެސް އެންމެ އެކަށީގެންވާ ފަރުވާ ކަމަށެވެ.
ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު ބަލީގައި ކޮންމެ ދެ މިނެޓަކުން މީހަކު މަރުވާ ކަމަށާއި އެހެންވެ އެ ވެކްސިނަކީ ސިއްހަތު ރަނގަޅު ދިރިއުޅުމަކަށް ކުރާ އިންވެސްޓްމަންޓެއް ކަމަށް ވިދާޅުވި އެވެ.
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް އެފަދަ ޕްރޮގްރާމެއް ހިމެނުއްވީތީ އޭނާ ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
އެޗްޕީވީ ވެކްސިނާ ބެހޭ މުހިއްމު މައުލޫމާތު
- ތަފާތު ބާވަތްތަކުގެ ކެންސަރު ޖައްސާ ވައިރަހެއް (އޭގެ ތެރޭގައި އަނގައިގެ ކެންސަރު، ދަރިމައިވުމުގެ ނިޒާމަށް ޖެހޭ ކެންސަރުތައް ހިމެނެ އެވެ)
- ރާއްޖޭގައި މި ވެކްސިން ދޭނީ 10-14 އަހަރާ ދެމެދުގެ އަންހެން ކުދިންނަށް
- ރާއްޖޭގައި ވެސް އެޗްޕީވީގެ ސަބަބުން ޖެހޭ ތަފާތު ކެންސަރުތައް ފެނޭ
- އެޗްޕީވީ ވެކްސިން ދިނުމުގެ ކެމްޕެއިން ނިމޭނީ ޖޫން، 21، 2019 ގައި. އޭގެ ފަހުން ވެކްސިންގެ ގައުމީ ޝެޑިއުލަށް ދެވޭނެ
އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން އާޓްސް، ކަލްޓާ، ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނު ވިދާޅުވީ ކޮންމެ އާއިލާއަކީ ވެސް ކެންސަރު ބަލީގެ ވޭން އެންމެންނަށް ވެސް އެނގޭ ކަމަށެވެ. ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމަަށް ކުރަންޖެހޭ ކަންތައް ކުރުމަކީ އެންމެންގެ ވެސް ޒިންމާއެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.
"މިއީ ޅައުމުރު ފުރައިގެ އަންހެން ކުދިންނަށް ޖެހޭ ގިނަ ބަލިތަކުން ރައްކާތެރިވުމަށް ދެވޭ މުހިއްމު ވެކްސިނެއް. މިއިން ސަވައިކަލް ކެންސަރުން ޅަ އަންހެން ކުދިން ސަލާމަތްކޮށްދޭ. އެހެންކަމުން، މިއީ ވަރަށް މުހިއްމު ވެކްސިނެއް އަޅުގަނޑުމެންގެ ޅަދަރިން، އަޅުގަނޑުމެންގެ ޒުވާނުން ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކުން ރައްކާތެރިކުރުމަށް ކޮންމެހެން ބޭނުން އެއްޗެއް،" ޔުމްނާ ވިދާޅުވި އެވެ.
ސިއްހަތު ރަނގަޅު ކުރުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ދިރިއުޅުމުގެ ވައްޓަފާޅި ރަނގަޅުގޮތުގައި ގެންގުޅުން ކަމަށާއި ރަނގަޅު ކާނާ ކެއުމާއި ކަސްރަތު ކުރުމަކީ މުހިއްމު ކަމެއްކަން ފާހަގަކުރެއްވި އެވެ. އަދި ބަލިތަކަށް ބޭސްކެއުމުގެ ބަދަލުގައި ފުރަތަމަ ވިސްނަންވީ އަމިއްލަ ހަށީގަނޑު ރައްކާތެރިކުރުމަށްކަން ފާހަގަކުރެއްވި އެވެ.
އެޗްޕީވީ ވެކްސިން ދޭން ނިންމާފައިވަނީ އުމުރުން 10-14 އަހަރާ ދެމެދުގެ އަންހެން ކުދިންނަށެވެ. އެ ކެމްޕެއިންގައި ޖަހާނީ ސާވަރިކްސް ބްރޭންޑުގެ ވެކްސިނެވެ. ފުރަތަމަ ޑޯޒު ޖެހުމަށްފަހު ދެ ވަނަ ޑޯޒު ޖަހާނީ ހަ މަސް ފަހުންނެވެ. މިހާތަނަށް ދުނިޔޭގެ 84 ގައުމެއްގައި އެޗްޕީވީ ވެކްސިން ފަށައި 80 މިލިއަނަށްވުރެ ގިނަ ކުދިންނަށް އެ ވެކްސިން ޖަހާފައި ވެ އެވެ.