މީރާ އިން ބަޔަކަށް ޚިދުމަތް ދެނީ: އޮންލައިންކޮށް ދައްކަން ލާޒިމްކުރީ ޓީޖީއެސްޓީ އާއި ވިތްހޯލްޑިން ޓެކްސް. --މިހާރު ފޮޓޯ: ނިޝާން އަލީ
29 އޯގަސްޓް 2016 - 20:13
އަންނަ އޮކްޓޫބަރު މަހުން ފެށިގެން ދެ ބާވަތެއްގެ ޓެކްސް އޮންލައިންކޮށް ދައްކަން ޖެހޭ ގޮތަށް މީރާއިން ހަމަޖައްސައިފި އެވެ.
މީރާއިން މިއަދު ނެރުނު ޓެކްސް ރޫލިންގައިވާ ގޮތުން އަންނަ އޮކްޓޫބަރު 1 އިން ފެށިގެން ވިތްހޯލްޑިން ޓެކްސާއި ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ މީރާ އަށް ދައްކަން ޖެހޭނީ މީރާ ކަނެކްޓް ނުވަތަ ބޭންކްތަކާއި އެމްއެމްއާ ދެމެދު ގާއިމްކޮށްފައިވާ މޯލްޑިވްސް ރިއަލް ޓައިމް ގްރޮސް ސެޓްލްމަންޓް (އެމްއާރުޓީޖީއެސް) މެދުވެރިކޮށެވެ.
މީރާގެ ރޫލިންގައިވާ ގޮތުން އެ ތާރީހުން ފެށިގެން އެ ދެ ބާވަތުގެ ޓެކްސް ބަޔާންތައް ހުށަހަޅަން ޖެހޭނީ މީރާ ކަނެކްޓް މެދުވެރިކޮށެވެ.
އެގޮތަށް ހަމަޖެއްސި ކަމަށް ވިޔަސް ޓެކްސް ދައްކާ ފަރާތުން ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް، އެ ފަރާތެއްގެ ޓެކްސާއި ޓެކްސް ބަޔާން އެ ނޫން ގޮތަކަށް ބަލައިގަތުމުގެ ބާރު ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަނަށް ލިބިގެންވާ ކަމަށް އެ ރޫލިންގައިވެ އެވެ.
އިލެކްޓްރޯނިކް ޒަރީއާ މެދުވެރިކޮށް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމާ ބެހޭ ގަވާއިދު ބުނާ ގޮތުން ވަކި ފަރާތެއްގެ ޓެކްސާއި ޓެކްސް ބަޔާން އޮންލައިންކޮށް ހުށަހަޅަން ލާޒިމްކުރުމުގެ ބާރު ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނަށް އޮންނާނެ އެވެ.
ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން މީރާ އިން ނެރޭ ޓެކްސް ރޫލިންތަކަށް ތަބާވުން ލާޒިމްވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕައްލަންބެ
29 August 2016
އަހަރެން ގެންފުޅޭ ގޫގުލް ކޯޕަރޭޓް އެކައުންޓައްވެސް ވިތްހޯލްޑިން ޓެކްސް ދައްކަންޖޭހޭ ކަމަށް ވަނީ ... ކުރުގޮތަކަށް ބުނާނަމަ ދިވެހިރާއްޖޭގެ ޓެކްސް ޤާނޫނު އޮތީ މީރާ އަށް ދޭން ހެޔޮ ނުވާވަރުގެ ބާރުތަކެއް ދީފަ ... ދެން ފާޑުފާޑުގެ ރޫލިންގް ހަދައިގެން ކުދި ވިޔަފާއި ތަށް ބަނގުރޫޓް ކޮއްލަނީ.