ހައިވޭގައި އެކްސިޑެންޓުވި މީހަކު އައިސީޔޫގައި

މާލެ-ހުޅުމާލެ ހައިވޭގައި ރޭ ހިނގި އެކްސިޑެންޓެއްގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ.


ފުލުހުން ބުނީ ހައިވޭގައި ހިނގި އެކްސިޑެންޓެއްގެ ރިޕޯޓް ލިބުނީ ރޭ މެންދަމު 12:00 ހާއިރު ކަމަށެވެ.

އެ އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސް ކަމަށާއި އޭނާއަށް އޭޑީކޭގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނި ގޮތުގައި އެކްސިޑެންޓް ހިނގީ ސައިކަލް ލޭނަށް ޕިކަޕެއް ވަނުމުން އެ ޕިކަޕުން ސައިކަލް ނައްޓަން އުޅުމުގެ ތެރޭގައި ދެ ސައިކަލް ޖެހިގެން ކަމަށެވެ.

"ބޮޑަށް އަނިޔާވީ އެކަކަށް. އޭނާގެ ހާލު އަދިވެސް ސީރިއަސް،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ އެކްސިޑެންޓްގައި އަނިޔާވި އުމުރުން 35 އަަހަރުގެ މީހާގެ ހާލު އަދިވެސް ސީރިއަސް ކަމަށާއި އޭނާއަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށެވެ.

އެނގިފައިވާ ގޮތުގައި ރޭ ހިނގި އެކްސިޑެންޓްގައި އަނިޔާވީ ނ.ވެލިދޫ ވައިޓް ހައުސް ހަސަން އިޝާމް އަށެވެ.

ފަހަކަށް އައިސް، ސިނަމާލެ ބްރިޖާއި އެއާ ގުޅޭ ހައިވޭގައި އެކްސިޑެންޓު ހިނގުން ގިނަވެ، ބައެއް މީހުންނަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފަ އެވެ. ބްރިޖާއި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިންގުން އާންމުވެފައިވާތީ، ސައިކަލް ދުއްވާއިރު ހެލްމެޓް އަޅަން ސަރުކާރުން ވަނީ މަޖުބޫރުކޮށްފަ އެވެ.