ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ތިން މެމްބަރަކު އައްޔަން ކުރަައްވައިފި

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެމްބަރު ކަމަށް ތިން ބޭފުޅަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޔަން ކުރައްވައިފި އެވެ.


ރައީސް އޮފީހުން ބުނި ގޮތުގައި ޓްރައިބިއުނަލްގެ މެމްބަރު ކަމަށް މިއަދު އައްޔަން ކުރެއްވީ ގދ. ތިނަދޫ ގެލަ، އާމިނަތު އަބްދުﷲ ޒުހައިރާއި ޅ. ހިންނަވަރު ހިޔާވަހި، ފާތިމަތު މަހީރާ މުހައްމަދުގެ އިތުރުން ގ. އޮށްޓަރު އަބްދުﷲ މިފްރާޒް ނިޒާރެވެ. އޭގެ ތެރެއިން އާމިނަތު އަބްދުﷲ ޒުހައިރު ޓްރައިބިއުނަލްގެ ނައިބު ރައީސްގެ މަގާމަށް ވެސް އައްޔަން ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ތިން ބޭފުޅުން އެ މަގާމަށް އައްޔަން ކުރެއްވީ މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ތިން ބޭފުޅުންނަށް މަގާމުގެ ހުވައިލައި ދެއްވީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް އެވެ.

އޭގެ ތެރެއިން އާމިނަތު އަބްދުﷲ ޒުހައިރަކީ އެމްޕްލޮއިމަންޓް ލޯ އިން އިނގިރޭސިވިލާތުން މާސްޓާސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. މަހީރާއަކީ ގައުމީ ޔުނިވާސިޓީން ގާނޫނީ ދާއިރާއިން ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މިފްރާޒަކީ ކާޑިފް މެޓްރޮޕޯލިއަން ޔުނިވާސިޓީން ބިޒްނަސް ލޯ އަދި އެމްޕްލޮއިމަންޓް އެންޑް ހިއުމަން ރިސޯސަސް އިން މާސްޓާސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

މިދިޔަ ޑިސެމްބަރު މަހު ވެސް ރައީސް ވަނީ ޓްރައިބިއުނަލްގެ މެމްބަރު ކަމަށް ބޭފުޅަކު އައްޔަން ކުރައްވައިފަ އެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލަކީ ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން، ވަޒީފާގެ މައްސަލަތައް ބެލުމަށް އުފެދިފައި އޮންނަ ޓްރައިބިއުނަލެވެ. އެ ޓްރައިބިއުނަލަށް މެމްބަރުން އައްޔަންކޮށް، ވަކި ކުރާނީ ރައީސެވެ.