ސެނަހިޔާ ކައިރި، ކަފިހި ހުރަހުން މަގު ހުރަސްކުރަނިކޮށް ޓެކްސީއަކުން ޖެހި މިދިޔަ މަހުގެ ކުރީކޮޅު ބޮޑެތި އަނިޔާތަކެއް ލިބުނު އަންހެން މީހާ މަހެއްހާ ދުވަސް ފަހުން ހޭ އަރައިފި ކަމަށް އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
އެ ހޮސްޕިޓަލުގެ މެނޭޖިން ޑައިރެކްޓަރު އަހްމަދު އަފްއާލް "މިހާރު" އަށް ވިދާޅުވީ 46 އަހަރުގެ އަންހެން މީހާ ހޭ އެރި ނަމަވެސް އޭނާ އަށް އަދިވެސް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށެވެ. އޭނާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.
މޫންލައިޓް ހިނގުމުގައި ހިނގި އެ އެކްސިޑެންޓުގައި އޭނާގެ ބޮލަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފަ އެވެ.
ކާރުގައި ޖެހި ވެއްޓުމުން އޭނާ ބޯ ޖެހުނީ ބިންމަތީގަ އެވެ. އެ އެކްސިޑެންޓުގައި އޭނާގެ ބޮލަށް ލޭ އެޅުމުން ސިކުނޑީގެ އޮޕަރޭޝަނެއް ވެސް އޭޑީކޭގައި ވަނީ ކޮށްފަ އެވެ. ކޯމާއަކަށް ދިއުމަށް ފަހު އޭނާ ނޭވާލަމުން އައީ ވެންޓިލޭޓަރެއްގެ އެހީގަ އެވެ.
އެ އެކްސިޑެންޓުގައި ޓެކްސީ ދުއްވަން އިން މީހާގެ ލައިސަންސް ވަނީ ޓްރާންސްޕޯޓް އޮތޯރިޓީން ބާތިލްކޮށްފަ އެވެ. އަދި އޭނާގެ މައްޗަށް ދައުވާ އުފުލަން ފުލުހުން ނިންމި ނަމަވެސް، އެ މައްސަލަ އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަކަށް ނުފޮނުވަ އެވެ.
ބާރު ސްޕީޑުގައި ދުއްވުން އާއްމުވެ، ގިނަ އެކްސިޑެންޓުތައް ދަނީ ހިނގަމުންނެވެ. މިދިޔަ އާދިއްތަ ދުވަހުގެ ރޭ މާލެ-ހުޅުމާލެ ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ވެސް 35 އަހަރުގެ ފިރިހެނަކަށް ބޮޑެތި އަނިޔާތަކެއް ވި އެވެ.