އައްޑޫގެ ކަރަންޓަށް ދާއިމީ ހައްލެއް ހޯދައިދޭނަން: ރައީސް

އައްޑޫގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ އަށް މި ވަގުތު ވަގުތީ ހައްލުތަކެއް ގެނައި ނަމަވެސް، މިކަމަށް ދާއިމީ ހައްލެއް ގެނެވޭނެ ގޮތްތަކެއް ހޯއްދަވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވެއްޖެ އެވެ.


ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ކެމްޕޭނަށް އައްޑު އަށް ކުރެއްވި ދަތުރުފުޅުގައި ފޭދޫގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ކަރަންޓް ކެނޑޭ މައްސަލައަކީ ހައްލު ނުވެ، އައްޑު އަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަން ފާހަގަކުރެއްވޭ ކަމަށެވެ.

"މިއީ އަޅުގަނޑުމެން މިހާރުން މިހާރަށް ވަގުތީ ހައްލެއް ހޯދުމަށްޓަކައި ކުރަންޖެހިފައި ހުރި ކަމެއް. އެގޮތުން އެއީ ފެށުމެއް ކަމަށް ތިބޭފުޅުން ބައްލަވާ، މި ސިޓީގެ ކަރަންޓުގެ މައްސަލަ އިރާދަކުރެއްވިއްޔާ ދާއިމީ ހައްލު ކުރެވޭ ކަހަލަ ގޮތަކައް މަސައްކަތް އަޅިުގަނޑުމެން ކުރާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް މިއަދު އައްޑު އަށް ވަޑައިގެންނެވި އިރު، އައްޑޫގެ އާބާދީގެ ބޮޑުބައި ދިރިއުޅޭ އަވަށްތަކަށް ކަރަންޓް ދޭ މަރުކަޒީ އިންޖީނުގޭގެ ޖެނެރޭޓަރަކަށް މައްސަލައެއް ޖެހިގެން ކަރަންޓް ކަނޑަމުންދާތާ މިހާރު ހަފުތާއެއްހާ ދުވަސް ވަނީ އެވެ.

ރައީސް ވިދާޅުވި ގޮތުގައި މި މައްސަލަ އަށް ވަގުތީ ހައްލަން ގެންނަން ބޭނުންވާ ސާމާނު މާދަމާ ހިސާބު އައްޑު އަށް ފޯރާނެ އެވެ. ރައީސް މިއަދު އައްޑު އަށް ކުރެއްވި ދަތުރުގެ ތެރޭގައި ވަނީ މަރުކަޒީ އިންޖީނު ގެއަށް ވަޑައިގެން އެތަނުގެ މަސައްކަތް ހިނގާ ގޮތާ ބެހޭ މައުލޫމާތު ވެސް ހޯއްދަވައިފަ އެވެ.

އައްޑު އަށް ކަރަންޓްގެ ހިދުމަތް ދޭ ފެނަކަ ކޯޕަރޭޝަނުން ބުނި ގޮތުގައި ކަރަންޓް ކެނޑޭ މައްސަލަ އަށް ވަގުތީ ހައްލެއް ހޯދައި ދިނުމުގެ ގޮތުން 1.2 މެގަވޯޓް އަދި 800 ކިލޯވޯޓް ގެ ދެ ޖެނެރޭޓަރު ސެޓާއި، 2،000 ކިލޯވޯޓާއި 1،500 ކިލޯވޯޓްގެ ދެ ޓްރާންސްފޯމަރު އައްޑު އަށް ގެންދާނެ އެވެ.

ފެނަކަ އިން ބުނީ ކައިރި މުސްތަގުބަލެއްގައި އައްޑު އަށް 4 މެގަވޯޓާއި 2 މެގަވޯޓް ގެ ދެ ޖެނެރޭޓަރު ސެޓް ވެސް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ.