ތަހުގީގަށް ފުލުހުންގެ އިދާރާ އަށް ވަޑައިގަތުމަށް ކުރީގެ ރައީސް ޔާމީން ކާރުކޮޅުގައި އިންނަވައި މީހަކާ ސަލާމް ކުރައްވަނީ. --- ފޮޓޯ: މިހާރު
31 މާޗް 2019 - 14:13
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓްތަކުގައި ހުރި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ފްރީޒްކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކޮށް، މުއާމަލާތް ހިންގިކަން ކަމަށް ބުނެ ފުލުހުން ހުށަހެޅުމުން ނެރުނު އަމުރަކުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓްތައް ފްރީޒްކުރި އެވެ.
ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ގުޅިގެން އެ މައްސަލަ އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފް ކުރެއްވީ ޖިނާއީ އިޖުރާއާތުގެ ގާނޫނާއި ގާނޫނުއަސާސީއާ ހިލާފަށް އެކައުންޓްތައް ފްރީޒްކުރި ކަމަށް ވިދާޅުވެ އެވެ.
އެ މައްސަލައިގައި ހައި ކޯޓުން މިއަދު ކުރި ހުކުމްގައި ބުނީ ކްރިމިނަލް ކޯޓުން އެކައުންޓްތައް ފްރީޒްކުރަން އަމުރުކުރީ ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި ބުނާ 72 އަދި 73 ވަނަ މާއްދާގެ އިޖުރާއާތުތަކާ ހިލާފަށް ކަމަށެވެ.
އެހެންވެ، ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލްކުރާ ކަމަށް ވެސް ހުކުމްގައިވެ އެވެ. އެ ހުކުމާ ގުޅިގެން ފްރީޒް ކުރި ޔާމީންގެ ހުރިހާ އެކައުންޓެއް ދޫކޮށްލާނެ އެވެ.
ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ކުއްޔަށް ދޫކުރި ރަށްތަކާއި ފަޅުތަކާ ގުޅިގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން މިކަމާ ގުޅުން ހުރި ފައިސާ ނުހިފަހައްޓައިފިނަމަ، އެ ފައިސާ އިން މާލީ މަންފާއެއް ހޯދުމަށް ފުރުސަތު ހުޅުވިފައި އޮންނާނެ ކަމަށް ބެލެވޭތީ އާއި ދައުލަތަށް ލިބެން ޖެހޭ ފައިސާ ގެއްލިގެން ހިނގައިދާނެ ކަމަށް ތަހުގީގަށް ފެންނާތީ އެކަމަށް ދައުލަތުން އެދެމުންނެވެ.
ކްރިމިނަލް ކޯޓުން އެމްއައިބީގެ މައްޗަށް އަމުރު ކުރީ މިދިޔަ ޑިސެމްބަރު 13 އިން މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ޔާމީން އެމްއައިބީގައި ހުޅުވާފައިވާ އަށް އެކައުންޓްގައިވާ ފައިސާ ހިފަހައްޓައި، އެ ފައިސާ އިން މުޢާމަލާތްކުރުން ހުއްޓުވުމަށެވެ.
އެ މައްސަލައިގައި ހައި ކޯޓުން މިއަދު ކުރި ހުކުމްގައި ބުނީ ކްރިމިނަލް ކޯޓުން އެކައުންޓްތައް ފްރީޒްކުރަން އަމުރުކުރީ ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި ބުނާ 72 އަދި 73 ވަނަ މާއްދާގެ އިޖުރާއާތުތަކާ ހިލާފަށް ކަމަށެވެ.
ހައި ކޯޓުގެ ހުކުމްގައި ހަމައެކަނި ފާހަގަ ކޮށްފައިވަނީ މައްސަލައިގައި ހިމެނޭ ހުލާސާއެކެވެ.
ހައި ކޯޓުގެ މި މައްސަލަ ބެއްލެވީ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ހުސެއިން ޝަހީދެވެ. ހައި ކޯޓުގައި އޮތް އަޑުއެހުމަށް ޔާމީނާއި އެމަނިކުފާނުގެ ވަކީލުންނާއި ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އޮފީހުގެ ވަކީލުން ވަޑައިގެންނެވި އެވެ.
ހުކުމްގައިވާ ގޮތުން ފްރީޒް ކުރީ ޔާމީންގެ އަށް އެކައުންޓެކެވެ. އެކައުންޓްތައް ފްރީޒް ކުރުމަށް އެދި ދައުލަތުން މި މައްސަލައިގައި ހުށަހެޅީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ސިޓީއަކާއި ބޭންކް އެކައުންޓުތަކުގެ ސްޓޭޓްމަންޓްތަކެއް ކަމަށް ވެސް ހުކުމްގައި ފާހަގަކޮށްފައިވެ އެވެ. ހުކުމްގައިވާ ގޮތުން، އެ އަށް އެކައުންޓަކީ އެމްއައިބީގައި ޔާމީން ހުޅުވާފައިވާ އެކައުންޓެކެވެ.
ގާނޫނުއަސާސީގެ 24 ވަނަ މާއްދާގައި ބުނެފައި ވަނީ ކޮންމެ މީހެއްގެ ޒާތީ އަދި އާއިލީ ދިރިއުޅުމާއި ގޯތި ގެދޮރާއި އަނެކުންނަށް ކުރާ ޒާތީ މުއާސަލާތުތަކަކީ ހުރުމަތްތެރިވެގެންވާ ކަންކަމާއި ތަންތަން ކަމަށެވެ. އަދި ކޮންމެ މީހަކު މި ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތަންވާނެ ކަމަށް އެ މާއްދާގައިވެ އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 އަދި 73 މާއްދާގައި ހުރީ މީހުންގެ ބޭންކް އެކައުންޓާއި އެ ކައުންޓުން ކުރާ މުއާމަލާތްތައް މޮނިޓަ ކުރުމުގެ ކޯޓު އަމުރަކަށް އެދުމުގެ ބާރު ބޭނުން ކުރެވޭ ހާލަތްތަކެވެ.
ފުލުހުން ކުރިން ބުނި ގޮތުގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓްތަކަށް މިދިޔަ ފަސް އަހަރު ތެރޭ ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކޮށް، އެއިން މުއާމަލާތް ހިންގާފައިވެ އެވެ. އެހެންވެ އެކައުންޓްތައް ފްރީޒްކުރުމުގެ އަމުރަަކަށް އެދުނީ ރައީސްގެ މަގާމުގައި ހުންނަވައިގެން ގާނޫނާ ޚިލާފަށް މާލީ މުއާމަލާތްތަކެއް ޔާމީން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ، ދައުލަތުގެ މާލީ އިދާރާތަކުން ފުލުހަށް ހުށަހެޅި މައްސަލަތަކަކާ ގުޅިގެން ކަމަށް ކުރިން ވަނީ ބުނެފަ އެވެ.
މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ޔާމީންގެ އެމްއައިބީގެ އެކައުންޓަށް 22.5 މިލިއަން ރުފިޔާ ޖަމާކުރި މައްސަލައެއް ފުލުހުން ބަލަ އެވެ. އެވަރުގެ ބޮޑު އަދަދެއް ކުއްލިއަކަށް ޖަމާވުމުން، މަރުކަޒީ ބޭންކް އެމްއެމްއޭގައި އޮންނަ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ވަނީ ފުލުހުންނަށް މައްސަލަ ހުށައަހައިފަ އެވެ. އެކަމަކު ފުލުހުން އޭރު އެ މައްސަލަ ބަލައިފައެއް ނުވެ އެވެ.
ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ތުހުމަތާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދު ކުރަން މިދިޔަ ފެބްރުއަރީ މަހު ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެކަމަކު، މިދިޔަ ބުދަ ދުވަހު ހައި ކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ އެ އަމުރު ވެސް ބާތިލްކޮށް، ޔާމީން މިނިވަންކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޖްވާ
02 April 2019
މިހާރު އެބަ ޖެހޭ ކޮންމެހެނަކުން ހަދާފަވެސް، މަޖްލިހުގެ އަޤުލަބިއްޔަތު އެމްޑީޕީ އަށް ދޭން!
ވަތުބަތާން
02 April 2019
މިކުޅޭ ގޭމްގެ ހަގީގީ ބޭނުމަކީ ތިއީ. ގިނަމީހުނަށް ނުވިސްނުނަސް ބައެއްމީހުނަށް ވިސްނޭނެ. އަޑިއަޑިން އެމް.ޑީ.ޕީ ކޯޓުތަކާ ގުޅިގެން ވޯޓާ ދިމާކޮށް ޔާމީނު ދޫކޮއްލާފަ، ކޭ ލާރިގަނޑު ދޫކޮއްލާފަ، ދެންބުނަންވީ އެމް.ޑީ.ޕީ އަށް މެޖޯރިޓީ ނުދީ މިކަން ވާކަށް ނެތޭ. އޭގެ ފަހުން ބުނަންވީ ބަރުލަމާނީ ނިޒާމަކަށް ބަދަލު ނުކޮށް މިކަން ވާކަށް ނެތޭ. އޭރުވެސް، މިހާރުވެސް ހަމަ ކޮރަޕްޝަން.
ތުނޑު ހަސަނު
01 April 2019
ކޯޓަށް ލިބޭބާރު އެމީހެއްގެ ރޮނޑެއްގެ ހަންދަމާނީ އެމީހަކު ބޭނުންގޮތަކަށޭ ބުނާހެން ބޭނުންކުރީމާ މިއަދު މަޖްބޫރު މިވަނީ މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރަށް ދިނުމަށެވެ. ކުރިން ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީއަކަށް ވޯޓް ދޭން ގަސްތު ކުރިޔަސް މިއަދު އެއިތުބާރުވެސް ގެއްލިއްޖެއެވެ. އިއްޔެ ކީހާޅެން އަދުމިވަނީ ފަރިއްސަށްވެ ނިމިފައެވެ.
ވަގު ކަލޭގެ
01 April 2019
މި މީހުން ބުނީ ދޫ ނުކުރާނަމޭ
އަށްޑޫ ކަތީބު
31 March 2019
ކޮންމެ މީހަކީވެސް ކުށެއްކޮށްފިނަމަ އެކުށެއްގެ ހައްގު އަދަބު ލިބެންވާ މީހެކެވެ. ނަމަވެސް މިގައުމުގަ މިހާރުވެރިކަމަށް އަންނަ ކޮންމެ މީހަކު ނިމިގެން ދާރައީސުން ޖަލަށްލާ ސިލްސިލާ ނިންމުމަކަށް ގެންނަންއެބަޖެހޭ. ކޮންމެ ރައީސެއްކަމުގައިވީނަމަވެސް ޒާތީވެގެން ކަންތަށް ކުރުން މީ ރަންގަޅުގޮތެއްނޫން. ގައުމުގެ ރައީސުން މިހޮވަނީ ގައުމު ހިންގަން. ރައީސްކަން ކުރިމީހުން ޖަލަށްލާކަށެއްނޫން. ކަމުނުދިޔާމަ ރައްޔިތުންބުނީ ނޫނެކޭ އެހިސާބުން އެކަން ނިމުނީ، ވައްސަލާމް.
ވައްސަލާމް
31 March 2019
އެހިސާބުން އެކަން އެމީހުންވެސް ނިންމާނަމަ ރަނގަޅު. އެކަމަކު އެ ފައިސާ ބޮނޑި (އެމްއެމްޕީއާރްސީއިން ގެއްލުނު ފައިސާ) ހިފައިގެން ކެމްޕެއިންކޮށް ދެން ނިކުންނާނީ ބައާވާތްކޮށް ރައްޔިތުން ނިންމުމުގަ ކޮޅުފައިންޖަހާ ސަރުކާރު ވައްޓަން. މިއީ މިކަންހިނގާނެގޮތްކަން ނޭނގޭ ދިވެއްސަކު ނެތް. އެހެންވީމަ ވައްސަލާމް ކިޔާލާފަ މަޑުން ސަރުކާރުން ނުތިބޭނީ.
އަޙުމަދު،
01 April 2019
އަށްޑޫ ކަތީބު، ތިޔަ ވިދާލުވި ގޮތަށް ތޯ ރައީސް ނަސީދުގެ ވެރިކަން ނިމިގެން ދިޔައީ، އަދި އެއަށް ފަހު ނަޝީދާމެދު ކަންކުރީ، އެހެން ވީމަ ވަރަށް ސާފު، ރައީސް ޔާމީނުގެ އަމުރަށް ސްޕްރީމް ކޯޓުގެ ފުރާޅުން ޓީނުނަގައިގެން ބަޔަކު ވަދެ 2 ފަނޑިޔާރުން ދަމާކޫތާފަ ނެރެނެގެން ގެންގޮސް ޖަލަށްލީ، އަނެއް 3 ފަނޑިޔާރުން އެތިބީ ހަމަ ހުދުކާރުގެ ގޮތުގަ، މިގޮތްވެސް ރަނގާޅުތޯ. ޔާމީނު އެކުރީ ހަމަ ރަނގަލަށްތޯއެވެ؟
ރައްޔިތުމީހާ
31 March 2019
ވޯޓަށް ބަހާލާނެ ލާރިކޮޅެއް ލިބުނީ. ދެން ލަލަލާ.
ރައްޔިތުމީހާ.
31 March 2019
ދެން ގެއްލުމުގެ ބަދަލުގައި އިތުރު 100 މިލިއަން ދޭން ހުކުމް ނުކޮށްފިއްޔާ ކިތައްމެހާވެސް ރަގަޅު. ހުރިހާވެސް ދެރައެއް ނިކަމެތި ރައްޔިތުންނަށް.
ހާލުގެދުލުން
31 March 2019
އަބަދު ވަގަށް ގޮވަނީ ރައީސް ޔާމީންގެ އަގުވައްޓާލަންވެގެން އެނޫން އެކައްޗެއްވެސް ކިޔަން މިބައިގަނޑަކަށް ނޭންގޭވިއްޔާ. ބަލައެއީ ފައިސާހޯދާށާއި ތަރައްޤީކުރަން ދަންނަ ރައީސްއެއް
ހަބީބާ
02 April 2019
ވަގަށް ނުގޮވަންޏާ ޖެހޭނީ ދިވެހިބަހުން ވަގުގެ މާނަ ބަދަލުކުރަން. އެނޫއް އެހެން ގޮތެއް ނެތް.
ހަސަނު
31 March 2019
ކޯޓުގެ ނިންމުން ސައްހަތޯ ބަލާންޖެހޭ ހިސާބަށް މި ދަނީ.. ޓިނު ނެގުމަކީ ގޯސްކޮށް ކުރޮކަމެއް ކަމަކަށް ބެލޭކަށް ނެތް... މިހާރު އެކަން އަލުން ކޮށްގެން ނަމަވެސް ފަނޑިޔާރުގެ އެބަޖެހޭ އިސްލާހުކުރަން...
ކިޔު5
31 March 2019
ކޮންމެމީހަކު އެދޭހާގޮތަކަށް ހުކުން ނައިސް ހިނގައިދާނެ. ނިންމީ ކިހިނެތް އަދި ކީއްވެގެންކަން އެ ނިންމުމުގައި ލިޔެފައި ވާނެ. އެކަންކަން ބަލައި ގާނޫނީ ހަމަތަކުން ވިސްނަބަލަ! ކަންކުރުމަށް އޮންނަގޮތާ ހިލާފަށް ކަންކޮށްފައިވާނަމަ ކޯޓުގައި އެކަން ފޭލިވާނެ.
ހޭކެނޑޭ
31 March 2019
ރައްޔިތުންނޭވެ! ރައްޔިތުންވެސް އަތުޖެހުނު އެއްޗެއް އަތުޖެހުނު ދިމާލަކުން ހަރާމެއް ހަލާލެއް ނުބަލާ ދިރުވާލާށެވެ. ގައުމުގެ ޝަރުޢީ ދާއިރާގެ ހާލަތު މިހާރު ތިހިރަ ތިހިރަ ފެނިގެންދަނީއެވެ. ކުރިން ނުލިބުނު އެއްޗެއް ފަހަކުންނެއް ނުލިބޭނެއެވެ. މި ޤައުމުގާ މިހާރު މިއޮތީ ޖަންގަލީގެ އުސޫލާއި ކަނޑުގެ އުސޫލެވެ. ނިކަމެއްޗަކަށް ފަޤީރަކަށް ލިބޭނެ އިންސާފާއި ވާނެ މޮލެއް މި ޤައުމަކުނެތެވެ.
ޜާޅުގަނޑު
31 March 2019
ކިހިނެއްވެގެން ތިތެޅެނީ ޔާމީނުގެ ކުށެއް ނެތްކަން އެނގުނީމަ ޖެލަސްވަނީދޯ މިސަރުކާރުން ޔާމީން ހައްޔަރު ކުރެވޭނެ ގޮތެއް ނެތިގެން ދޮގުމއުލޫމާތުން ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެދޭ ގޮތައް ދޮގުވާހަކަފެތުރުމައް ފަހު ބަދަލްހިފުމައް ޔާމީން ޖަލައްލީ ﷲ ގެ އިރާދަފުޅުން އެއޮތީ ސަލާމަތްވެފަ ތިޔަބޭފުޅުންގެ ސަރުކާރުގަﷲގެ އިރާދަފުޅުން ޔާމީން ސަލާމަތްވީވެސް ގާސިމަކަ މިކަމުގައި ބާރެއް ނުފޯރުވޭނެ ގާސިމަކީ މިސަރުކާރު ވ ރުޅިއަންނަ ބޭފުޅެއް