ތަރައްގީގައި ރާއްޖެ މިއޮތީ 100 އަހަރު ފަހަތުގައި: ރައީސް

ފެނާއި ނަރުދަމާ ފަދަ އަސާސީ ޚިދުމަތްތައް ދިނުމާއި ތަރައްގީގައި ރާއްޖެ އޮތީ އެހެން ގައުމުތަކަށް ވުރެ 100 އަހަރު ފަހަތުގައި ކަމަށް ވިދާޅުވެ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކުރީގެ ސަރުކާރުތަކަށް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.


އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި މުލަކު ދާއިރާ އަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް ނަސީރަށް ކެމްޕޭން ކުރައްވަން މުލަކުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، އެހެން ގައުމުތަކުގައި އަސާސީ ޚިދުމަތްތައް މީގެ 100 އަހަރު ކުރިން ފުރިހަމަކޮށްފައިވާ ކަމަށެވެ. އެކަމަކު، ރާއްޖޭގައި މިހާތަނަށް ވެސް އެ ކަންތައް ފުރިހަމަ ނުވެ އޮތީ ކީއްވެތޯ އެމަނިކުފާނު ސުވާލު އުފެއްދެވި އެވެ. ވެރިކަމުގައި ބަޔަކު ތިބޭ ނަމަ ރައްޔިތުންނަށް އެންމެ ފުރަތަމަ ކޮށްދޭން ޖެހޭނެ ކަމަކީ އަސާސީ ހިދުމަތްތައް ދިނުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އެ އަށް ފަހުގައި އެހެން ކަމަކަށް ދާން ޖެހޭނީ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެކަން ކުރަމުން ދިޔައީ އެ ގޮތަށް. ދުނިޔޭގެ އެހެން ގައުމުތައް މީގެ 100 އަހަރު ކުރިން ވަނީ މިކަންކޮށް ނިންމާފައި. އަޅުގަނޑުމެންނަށް ތަރައްގީގެ ޕްލޭނުގައި މި އުޅެވެނީ އެހެން ގައުމުތަކާ އަޅާ ބަލާއިރުގައި ގާތްގަނޑަކަށް 100 އަަހަރު ފަހަތުގައި،" ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިސްބަތްވާ އެމްޑީޕީގެ ޓިކެޓުގައި މަޖިލިހުގެ އިންތިޚާބަށް ނުކުންނަވާފައިވާ ކެންޑިޑޭޓުންގެ ކެމްޕެއިން ގައި ބުރަކޮށް އުޅުއްވަމުން އެމަނިކުފާނު ވިދޅުވި އެވެ.

ރާއްޖެ އަކީ މެދު ފަންތީގެ [ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ ލިސްޓުގައި ހިމެނޭ] ގައުމެއްކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، ރާއްޖެެ އަށް ވުރެ ނިކަމެތި ގައުމުތަކުގައި ވެސް ފެނާއި ނަރުދަމާ އާއި މަގު ހެދުން ފަދަ އަސާސީ ޚިދުމަތްތައް ފުރިހަމަ ކޮށްފައިވާ ކަމަށެވެ.

"މީގެ ސަބަބަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސަރުކާރުތަކުން ރައްޔިތުންނަށް ވެފައި އޮތް ބޮޑު އިހުމާލު،" ރާއްޖޭގައި އަދިވެސް އަސާސީ ޚިދުމަތްތައް ފުރިހަމަ ނުކުރެވި އޮތް އޮތުމާ ގުޅޭ ގޮތުން އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، އަސާސީ ޚިދުމަތްތައް ދިނުމަށް ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދަން އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މުލަކަށް މިއަދު ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވަން ގޮސް ތިބި ކުދިންތަކަކާ ސަލާމް ކުރައްވަނީ.

ރައީސް ވިދާޅުވީ، މުލަކުގެ މަގު ހެދުމާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމާއި ކޮޅުފުށީގައި ސްކޫލަށް ބޭނުންވާ ކްލާސްރޫމާއި މަލްޓި ޕާޕާސް ހޯލާއި މަގު ހެދުން އަދި ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށެވެ. މުލަކު ތޮޅުގައި އެއާޕޯޓެއް އަޅަން ވެފައިވާ ވައުދު ވެސް ރައީސް މިއަދު ތަކުރާރު ކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ، މި ވެރިކަމުގެ ފަސް އަހަރު ދުވަސް ނިމޭއިރު އެ މަސައްކަތް ނިމޭނެ ކަމަށެވެ.