ޔާމީންގެ އެކައުންޓުތައް ދޫކޮށްލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިން އާއި ހިޔާނާތުގެ ތުހުމަތުތަކާ ގުޅިގެން އެ މަނިކުފާނުގެ ބޭންކް އެކައުންޓްތައް ފްރީޒްކުރަން އެންމެ ފަހުން ނެރުނު އަމުރު ވެސް ބާތިލްކޮށް، އެކައުންޓްތައް ދޫކޮށްލައިފި އެވެ.


ޔާމީންގެ އެކައުންޓުތައް، 100 މިލިއަނަށް ވުރެ ގިނަ ރުފިޔާއާ އެކު ފްރީޒްކޮށް ޑިސެމްބަރު މަހު ނެރުނު އަމުރު މިދިޔަ އާދީއްތަ ދުވަހު ހައި ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. މިދިޔަ ޑިސެމްބަރު 13 އިން ފެށިގެން މިދިޔަ މަހުގެ 12 ވަނަ ދުވަހާ ހަމައަށް އެކައުންޓްތައް ފްރީޒްކޮށްފައި ބަހަންޓަން އެ އަމުރު ނެރުނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދެ މާއްދާއަކާ ހިލާފަށް ކަމަށް ހައި ކޯޓުން ވަނީ ބުނެފަ އެވެ. ހައި ކޯޓުން މިގޮތަށް ކަނޑައެޅި އިރު ޔާމީންގެ އެކައުންޓްތައް ފްރީޒްކުރަން ދެ ވަނަ އަމުރެއް ވެސް ނެރެފައި އޮތެވެ. އެ އަމުރު އޭރު ހައި ކޯޓުން ބާތިލެއް ނުކުރެ އެވެ.

ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި ކްރިމިނަލް ކޯޓުން ފަހުން ނެރުނު އަމުރު، ހައި ކޯޓުގެ ހުކުމާ ގުޅިގެން މިދިޔަ ހަފުތާގެ ތެރޭގައި ވަނީ ބާތިލްކޮށްފަ އެވެ. އެކަމަކު އެކަމާ ބެހޭ ގޮތުން ކޯޓުން ވެސް އަދި ފުލުހުންގެ ފަރާތުން ވެސް މައުލޫމާތެއް ލިބޭ ގޮތެއް ނުވި އެވެ.

ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކޮށް، މުއާމަލާތް ހިންގިކަމަށް ބުނެ ފުލުހުން ހުށަހެޅުމުން ކޯޓުން ނެރުނު އަމުރުގައި ފްރީޒްކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އަށް އެކައުންޓެކެވެ.

މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ޔާމީންގެ އެމްއައިބީގެ އެކައުންޓަށް 22.5 މިލިއަން ރުފިޔާ ޖަމާކުރި މައްސަލައެއް ފުލުހުން ބަލަ އެވެ. މިހާ ބޮޑު އަދަދެއް ކުއްލިއަކަށް ޖަމާވުމުން، މަރުކަޒީ ބޭންކް އެމްއެމްއޭގައި އޮންނަ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ވަނީ ފުލުހުންނަށް މައްސަލަ ހުށައަހައިފަ އެވެ. އެކަމަކު ފުލުހުން އޭރު އެ މައްސަލަ ބަލައިފައެއް ނުވެ އެވެ. ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ތުހުމަތާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކުރަން މިދިޔަ ފެބްރުއަރީ މަހު ކްރިމިނަލް ކޯޓުން އަމުރުކޮށް ޖަލަށް ގެންދިޔަ އެވެ. އެކަމަކު މިދިޔަ ހަފުތާގެ ތެރޭގައި ހައި ކޯޓުން ވަނީ ދަށު ކޯޓުގެ އަމުރު ވެސް ބާތިލްކޮށް، ޔާމީން މިނިވަންކޮށްފަ އެވެ.