މާލޭގެ މަގެއްގެ މަތީގައި ފުލުހުން މިރޭ ފޯރިމަރަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
30 އޯގަސްޓް 2016 - 23:32
މާލޭގެ މުހިއްމު ސަރަހައްދުތަކުގައި ފުލުހުންނާއި ސިފައިން މިރޭ ފޯރިމަރަން ފަށައިފި އެވެ.
ފުލުހުންނާއި ސިފައިން ބޮޑަށް ފޯރިމަރަމުން ދަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ، ގްރީން ޒޯނުގެ ގޮތުގައި ބަލާ ތަންތަނުގަ އެވެ. އެ ގޮތުން، ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވާ ހިލާލީގެ ބޭރުގައި ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުން ތިބިއިރު، ސުޕްރީމް ކޯޓުގެ ގޯތިތެރޭގައި ވެސް ސިފައިންނާއި ފުލުހުން ޝީލްޑް ހިފައިގެން އެބަ ތިއްބެވެ. އަދި ޖުމްހޫރީ މައިދާނުގެ ތެރޭގައި ވެސް ސްޕެޝަލް ފޯސަސް (އެސްއޯ) އަށް ނިސްބަތްވާ ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.
އޭގެ ތެރެއިން ބައެއް ސަރަހައްދުތައް ވަނީ ބެރިކޭޑު ޖަހައި ބަންދު ވެސް ކޮށްފަ އެވެ.
ހިލާލީގެ ހުންނަ ސަރަހައްދުގައި ފުލުހުންނާއި ސިފައިން މިރޭ ފޯރިމަރަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
މާލޭގެ އެކި ހިސާބުތަކުގައި ފުލުހުންނާއި ސިފައިން ފޯރިމަރަމުން ދިޔައަސް ސިފައިންގެ ތަރުޖަމާނަކު ވިދާޅުވީ ސިފައިން ހަރަކާތްތެރިވަމުން ދަނީ އާއްމު އުސޫލުގެ ދަށުން ކަމަށެވެ. އަދި ފުލުހުންގެ ތަރުޖަމާނަކު ވެސް ވިދާޅުވީ ހާއްސަ އޮޕަރޭޝަނެއް މިރޭ ނުހިންގާ ކަމަށެވެ.
ރަށުތެރޭގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓަން ސިފައިން އާއްމުކޮށް ނުކުންނަނީ ހާއްސަ ހާލަތްތަކުގަ އާއި ފުލުހުން އެހީތެރިކަމަށް އެދުމުންނެވެ. އެކަމަކު، ސިޔާސީ އެކި ކަންކަން ހިނގާއިރު ފުލުހުންނާ އެކު ސިފައިން ވެސް މުހިއްމު ތަންތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓާފައިވެ އެވެ.
ފުލުހުންނާއި ސިފައިން ފޯރިމަރަމުން ދަނިކޮށް ސަރުކާރާ ދެކޮޅު ބަޔަކު ވަނީ ބަންދުކޮށްފައި އޮތް ސަލްސާ ރޯޔަލް ރެސްޓޯރަންޓް ކަންމައްޗަށް އެއްވެ، ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުފާ އަށް ގޮވާލާފަ އެވެ. ހިލާލީގެ އަށް ދެެވެން އޮންނަ އެ މަގަށް އެއްވި މީހުންގެ ގަޔަށް ޕެޕަ ސްޕްރޭ ޖަހައި ފޮނުވާލުމުން އެ މީހުން ދެން ގޮސް އެއްވީ ކުރީގެ ނަލަހިޔާ ހޮޓަލުގެ ކަންމައްޗަށެވެ. އެ ތަނުގައި ތިބެގެން ސަރުކާރާ ދެކޮޅު ޝުއޫރު ފާޅުކުރަމުން ދަނިކޮށް، ފުލުހުން އައިސް ޕެޕަ ސެޕްރޭ ޖަހައި ވަނީ އެއްވުން ރޫޅާލާފަ އެވެ.
އޭގެ ފަހުން ވެސް އެކި ސަރަހައްދުތަކަށް ކޮންމެވެސް ވަރަކަށް މީހުން އެއްވި އެވެ. އަދި ޕެޕަ ސްޕްރޭގެ އަސަރު ކުރި ބައެއް މީހުން ހޮސްޕިޓަލަށް ގެންގޮސް، ފަރުވާ ދިނެވެ.
މިރޭ މަގުމައްޗަށް އެއްވެ ސަރުކާރާ ދެކޮޅަށް މި އަޑުއުފުލީ މަގުމަތީގައި މުޒާހަރާއެއް ނުކުރުާތާ ގިނަ ދުވަސްތަކަކަށް ފަހު އެވެ. މިހާރު މުޒާހަރާ ނުކުރެވެނީ މަގުމަތީގައި ސިޔާސީ ހަރަކާތް ހިންގުން މަނާކޮށްފައި ވުމާއި އެއްވެ އުޅުން ހަނިކުރަން އަޅާފައިވާ ގާނޫނީ އަދި އެ ނޫން ވެސް ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުންނެވެ.
މާލެތެރޭގެ ސަލާމަތީ ކަންކަން ވަރުގަދަ މި ކުރީ އިދިކޮޅު ފަރާތްތަކުން އިސްވެ ތިބެ ސަރުކާރު ވައްޓާލަން ކުރަމުން ގެންދާ މަސައްކަތް ވަރުގަދަ ކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. އަދި ދިވެހި ސަރުކާރުގެ ތެރޭގައި ހުރި ހިޔާނާތާއި ވައްކަމުގެ އިތުރުން ނާޖާއިޒު ގޮތުގައި ބާރުގެ ބޭނުން ކުރާކަން ހާމަވާ ގޮތަށް އަލް ޖަޒީރާ އިން ތައްޔާރުކުރި ތަހުގީގީ ޑޮކިއުމެންޓްރީއެއް ވެސް މިރޭ އިނގިރޭސިވިލާތުގައި ނެރެން އޮތީ ނިންމާފަ އެވެ. އެކަމަކު، އެކަން ވަނީ ފަސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެނގެ
31 August 2016
އެސްއޯ ފުލުހުންނަކީ ސެޕެސިއަލް އޮޕަރޭސަން ފުލުހުން ސްޕެސިއަލް ފޯސް އޮނާނީ އެމް އެން ޑީ އެފް ގައި މި ލިޔާ މީހަކު އާއްމު މައުލޫމާތު ދަސްކުރުން މުހިއްމު
ކަލޯބެ
31 August 2016
ފުލުުހުން މިހާރުކުރާކަމަކީ ތިޔަ ތަންތާގައި ފޯރިމެރުން. ބާޒާރުމަތީގެ ހިސާބުން ބޮޑުތަކުރުފާނުމަގުގައި ދެބަރިއަށް ތިންބަރިއަށް ތެޔޮލޮރީތައް އަތުރައިގެން މަގުބެދުނަސް އޯކޭ. އެކަންވެސް ކަމަކަށްވާނީކަންބޮޑުވާވަރުގެޙާދިސާއެއް އެކަމުގެސަބަބުން މެދުވެރިވީމަ.
ހުސެން
31 August 2016
ވެއްޓެނީ... ވެއްޓެނީ... އިރާދަކުރެއްވިއްޔާ ދާދި އަވަހަށް ޔާމީން ގެ ވެރިކަން ނިމުމަކަށް އަންނާނެ
ސސ
01 September 2016
އިންޝާﷲ
މަމެން
31 August 2016
ސަރުކާރު އޮތީ އަރާމުގައި އޮށޯވެ. އެހެންވީމަ ވައްޓާނުލެވޭނެ.
ހީވެސްނުވޭ
31 August 2016
މާލެތެރޭގެ ސަލާމަތީ ކަންކަން ވަރުގަދަ މި ކުރީ އިދިކޮޅު ފަރާތްތަކުން އިސްވެ ތިބެ ސަރުކާރު ވައްޓާލަން ކުރަމުން ގެންދާ މަސައްކަތް ވަރުގަދަ ކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. ތެންކިޔޫ ލިޔުންތެރިޔާގެ ނިންމުމަށް
ރޯޅި
31 August 2016
މާތް ﷲ ކަނޑައަޅުއްވާފައިވާ އަޖަލު ހަމަވުމުގެ ކުރިން އެއްވެސް ކަމެއް ނުވާނެ އެވެ. ހަމައެފަދައިން އެ އަޖަލު އައިސް ޖެހުމުން އެމެރިކާ ސިފައިންގެ ޚާއްސަ ފޯހުގެ ހިމާޔަތް ހޯދިއަސް ހަމަކުރެވޭނެ އެއްކަމެއްވެސް ނޯންނާނެއެވެ. މަގޭދުޢާއަކީ އަނިޔާވެރިން ބަލިކުރައްވަވައި މަޡްލޫމުންނަށް ﷲ އަވަސް ނަޞްރު ދެއްވުމެވެ.
ފޮރިގަނޑު
31 August 2016
ފޯރިމެރިޔަސް ވަގުތުޖެހުނީ ވެއްޓުނީ
ކަލޯބެ
31 August 2016
މަރުވެސް ވެދާނެ. އެއީ ހަމަ ކަށަވަރުންވެސް ކޮންމެ މީހަކަށްވެސް ކުރިމަތިވާނެކަމެއް.
އަލީ
31 August 2016
އެއީ ހަމަ އާންމު ކަމެކޯ! އެހެން ދުވަސް ދުވަހު އަހަރުމެންނަށް ނުފެންނަނީ ދެއްތޯ؟
އަހުމަދު
31 August 2016
ވެއްޓެނީތަ. ތިޖެހުނީ ހޭލާހުންނަންތާ.
ބިސްކަލޯ
31 August 2016
ދެނަހުރިކަމަށް ނަހަދަބަލަ! އެއުޅެނީ ރައްޔިތުންގެ ސަމާލުކަން ހޯދަން. ދެން އެހެން ކޮންކަމެއް؟