ވެރިކަމުގެ ނިޒާމު ބަދަލުވާންޖެހޭ، ގޮތް ނިންމަވާނީ ރައީސް: ނަޝީދު

ރާއްޖޭގައި މިހާރު ވެރިކަން ކުރާ ރިޔާސީ ނިޒާމު ބަދަލުކުރަންޖެހޭ ކަމަށާއި އެކަމަކު ގޮތް ނިންމަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.


ޕީއެސްއެމަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އެމްޑީޕީގެ ރައީސް ނަޝީދު ވިދާޅުވީ، ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރާ ނަމަ އެ ވާހަކަ އިސްވެ ދައްކަވަން ޖެހިވަޑައިގަންނަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ، ރައީސަށް އުނދަގޫފުޅުވާ ގޮތަށް އެކަން ކުރައްވަން އެމަނިކުފާނު ބޭނުންފުޅު ނުވާތީ ކަމަށެވެ. އެހެންވެ، ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ އެއްވެސް މަސައްކަތެއް ފަށައިގަންނަންވާނީ ވެސް ނަޝީދު ވިދާޅުވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރުހުމާއި އިޒުނަ އަދި ހިތް ވެސް އެކަމުގައި އޮވެގެންނެވެ.

"އެއީ އަޅުގަނޑުމެން މިހާރު ވެރިކަމުގައި މިތިބީ. ރައީސުލްޖުމްހޫރިއްޔާ ވެސް އެއީ އެމްޑީޕީ. ރައްޔިތުންގެ މަޖިލިސް ވެސް އެއީ އެމްޑީޕީ. މިވަގުތަށް ބަލާއިރުގައި އަޅުގަނޑުމެންނަށް އެއިން [ރިޔާސީ ނިޒާމު] ވާ އުނދަގުލެއް ނެތް،" ނަޝީދު ވިދާޅުވި އެވެ.

އެކަމަކު، ހަމަ އެ ނޭވާގައި ނަޝީދު ވިދާޅުވީ ރާއްޖެ އަށް އަދިވެސް ރަނގަޅީ ބަރުލަމާނީ ނިޒާމު ކަމަށެވެ. ނަމަވެސް، އެ ނިންމުން ނިންމަން ވާނީ އެމްޑީޕީގެ ކޮންގްރެސް އާއި ޕާޓީގެ އެކި ގޮފިތަކުގެ އިތުރުން ރައްޔިތުންގެ މަޖިލިހުގައި މަޝްވަރާ ކުރުމަށް ފަހު، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކާ އެކު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ފަލްސަފާ އަކީ ވެސް ބަރުލަމާނީ ނިޒާމަށް ވެރިކަން ކުރުމެވެ. އަދި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އަކާއި ބޮޑުވަޒީރަކު ރާއްޖޭގައި ހުންނެވުން ވަރަށް ބޭނުންތެރި ކަމަށެވެ.

"މިސާލަކަށް ފުލުހުންނާއި ސިފައިންގެ ވެރިއަކަށް ރައީސުލްޖުމްހޫރިއްޔާ ހުންނަވަން ޖެހޭނެ. އަދި އެހެން ވެސް ބައިވަރު މުސްތަގިއްލު މުއައްސަސާތަކާއި އަދި އެކިއެކި މަގާމުތަކަށް ބޭފުޅުން އައްޔަން ކުރުމާއި މިހެން ގޮސް ދައުލަތުގެ އެންމެ މަތީގައި އެބަހުންނަވަންޖެހޭ ބޭފުޅެއް. ހުރެފައި ދެން ސަރުކާރެއް ހިނގާން މި ޖެހެނީ،" ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑަކީ ބަރުލަމާނީ ސިފަތައް ގަބޫލުކުރާ މީހެއް."

ނަޝީދު ވިދާޅުވީ ރާއްޖޭގައި އޮންނަން ވާނީ ބަރުލަމާނީ ނިޒާމު ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތް ބަދަލުކުރައްވަންޖެހޭ ސަބަބެއް ވެސް ނެތް ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު އޮތް އާންމު އިންތިޚާބުގައި އެމްޑީޕީ އަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރަން ބޭއްވި ހަފުލާގައި ނަޝީދު އަތްޖައްސަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ވަކި ހިސާބަކުން ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރެއްވުމަށް ފަހު ނަޝީދު ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަން އެބަހުރިތޯ ޕްރެޒެންޓަރު ދެންނެވުމުން ވިދާޅުވީ، "ސިޔާސީ ކަންކަމުން އަޅުގަނޑު ދުރަކަށް ނުޖެހޭނަން" ކަމަށެވެ. އެކަމަކު ނިޒާމު ބަދަލުކުރުމުގެ ކުރިން ރައްޔިތުންނަށް ސަރުކާރުން ކޮށްދޭންޖެހޭ މައިގަނޑު ކަންކަން ކުރައްވަން ރައީސަށް ވަގުތު ލިބިވަޑައިގަންނަވަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ބޮޑުވަޒީރަކަށް ވާން ވެގެން، އަނެއް މީހަކު އަނެއް ކަމެއް ވާން ވެގެން ގޯތި ނުދެވުނީމާ ކަމަކު ނުދާނެ. ނަރުދަމާ ނާޅާއި ދެވުނީމާ ކަމަކު ނުދާނެ. ޑައިލިސިސް ހަދަން ޖެހޭނެ. ކުޑަކުދިންގެ ޑޮކްޓަރެއް ހުންނަން ޖެހޭނެ. ވަޒީފާއެއް އޮންނަން ޖެހޭނެ. މިއީ މާ މުހިންމު ކަންތައްތަކެއް ފުރަތަމަ. އެ ކަންކަން އަޅުގަނޑުމެން އެބަޖެހޭ ފުރަތަމަ ރައްޔިތުންނަށް ދޭން،" ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ކުރިން ރައްޔިތުންނަށް މި ސަރުކާރުން ވައުދުވި ކަންކަން ކޮށްދޭންޖެހޭކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެ މަޖިލިހުގެ ސުޕަ މެޖޯރިޓީއެއް އެމްޑީޕީން ނަގާފައިވާއިރު، އޭގެ ބޭނުމަކީ ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލުކޮށް، ބޮޑުވަޒީރު ކަމަށް ނަޝީދު ވަޑައިގަތުން ކަމަށް އިދިކޮޅު ފަރާތްތަކުން އައީ ބުނަމުންނެވެ. އަދި މި ސަރުކާރު ހިންގާ ކޯލިޝަން ގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވަނީ އެހެން ވިދާޅުވެފަ އެވެ.

ރައީސް ދެކެވަޑައިގަންނަވާ ގޮތުގައި މައްސަލަ އަކީ ނިޒާމެއް ނޫން، ތެދުވެރިކަން

ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގައި ގޮތް ނިންމަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ނަޝީދު ވިދާޅުވިއިރު، އެކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވިސްނުންފުޅު ތަފާތެވެ.

ނަޝީދު ވިދާޅުވީ ރާއްޖެ އަށް އަދިވެސް ރަނގަޅީ ބަރުލަމާނީ ނިޒާމު ކަމަށެވެ. ނަމަވެސް، އެ ނިންމުން ނިންމަން ވާނީ އެމްޑީޕީގެ ކޮންގްރެސް އާއި ޕާޓީގެ އެކި ގޮފިތަކުގެ އިތުރުން ރައްޔިތުންގެ މަޖިލިހުގައި މަޝްވަރާ ކުރުމަށް ފަހު، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކާ އެކު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން "މިހާރު" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގެއި ރައީސް ވިދާޅުވެފައި ވަނީ ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމުގައި ވެސް މައްސަލަތައް އެބަހުރި ކަމަށާއި އެކަމަކު ރައްޔިތުން ހަވާލުކުރި މަސައްކަތް ތެދުވެރިކަމާ އެކު ކުރަން ބޭނުން ނަމަ އެއިން ކޮންމެ ނިޒާމަކާ އެކު ވެސް ކުރިއަށް ދެވޭނެ ކަމަށެވެ. ރައީސް ވިދާޅުވެފައިވާ ގޮތުގައި ކޮންމެ ނިޒާމެއްގައި ވެސް ބޭނުންވަނީ މަސައްކަތް ކުރަން ތިބޭ ބައެއްގެ އިޚުލާސްތެރިކަމެވެ.

އެމަނިކުފާނު ވިދާޅުވީ، މިހާރު ވެސް ރާއްޖޭގައި ވެރިކަން ކުރަނީ ފުރިހަމަ ނިޒާމަކަށް ނޫނެވެ. އެގްޒެކެޓިވް އެތައް ބާރެއް ރައްޔިތުންގެ މަޖިލިހަށް ލިބިފައިވާއިރު އޭގެ ނަތީޖާ އަކީ ސަރުކާރު ހިންގަން ދަތިވުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ އަށް ބަދަލު ގެންނަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެން ނޫނިއްޔާ އަބަދު އަޅުގަނޑުމެން މި ތިބެން ޖެހެނީ މަޖިލިސް ފެށުމާ އެކީގައި މަޖިލިހުގައި ނަގާ ޑިސިޝަންތަކަށް ބަލަބަލާ. އެ އަށް ވުރެ ލުއި ގޮތެއް އެގްޒެކެޓިވް އަށް އޮންނަން އެބަޖެހޭ. އެހެން ނޫނިއްޔާ ދަތިވާނެ،" އެމަނިކުފާނު ވިދާޅުވެފައި ވެ އެވެ.

ލުއިގޮތަކީ މިހާރު އޮތް ރިޔާސީ ނިޒާމު ބަދަލުކުރުންތޯ ދެންނެވުމުން ރައީސް ވިދާޅުވީ، ނިޒާމު ބަދަލުނުކޮށް ވެސް ކުރެވޭނެ ކަންކަން އެބަހުރި ކަމަށެވެ. އެގޮތުން، މިނިސްޓަރުންގެ އިތުބާރު ނެތްކަމުގެ ކަންކަން ރާއްޖޭގައި ސިމްޕަލް މެޖޯރިޓީން ފާސްކުރާއިރު، އެއީ އެހާ ފަސޭހަ ކަމަކަށް ވެގެން ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ، މީހަކަށް ރައްޔިތުންގެ މަޖިލިހުން އިތުބާރު ދިނުމަށް ފަހު ވަކިކުރެވެން ޖެހޭނީ ވަރަށް ބޮޑެތި މައްސަލަތަކެއް އެ މީހަކާ މެދު އޮވެގެން ކަމަށެވެ.

"އަޅުގަނޑުމެން ދެ މީހުންނަށް ހިތުލީ އަދަދު އެނގޭނެ"

މިރޭގެ އިންޓަވިއު ގައި ނަޝީދު ވަނީ އެމަނިކުފާނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެބޭފުޅުންގެ އޮތް ޒަމާންވީ ގުޅުމުގެ މުހިންމު ކަމާއި އެއްބޭފުޅަކު އަނެއް ބޭފުޅަކު އެނގިވަޑައިގަންނަވާ މިންވަރު ވެސް ވިދާޅުވެފަ އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، އެމަނިކުފާނު ކަންކަމުގައި ދެކެވަޑައިގަންނަވާ ގޮތް ރައީސަށް އެނގިވަޑައިގަންނަވާނެ އެވެ. އަދި ރައީސް އެކި މައްސަލަތަކުގައި ދެކެވަޑައިގަންނަވާ ގޮތް އެމަނިކުފާނަށް ވެސް އެެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ކަންކަމާ ދެކޭގޮތް ރައީސުލްޖުމްހޫރިއްޔާ އަރިހުގައި ދަންނަވާކަށް ނުޖެހޭނެ. އަދި ރައީސުލްޖުމްހޫރިއްޔާ ވެސް ކަންކަމުގައި ދެކެވަޑައިގަންނަވާ ގޮތް އަޅުގަނޑު ކައިރީގައި ވިދާޅުވާކަށް ޖެހިވަޑައިނުގަންނަވާނެ. އަޅުގަނޑުމެން ދެ މީހުންނަށް ހިތުލީ އަދަދު އެނގޭނެ. އަޅުގަނޑަށް އެނގޭނެ ރައީސުލްޖުމްހޫރިއްޔާ ބޭނުންވެވަޑައިގަންނަވާނެ ގޮތް. އަދި ކަމަކާއިގެން އުޅުއްވަން ފެއްޓެވީމާ ވެސް އަޅުގަނޑަށް އެނގޭނެ،" ދެބޭފުޅުންގެ ގާތްކަން ބަޔާންކޮށްދެއްވަމުން ނަޝީދު ވިދާޅުވި އެވެ.

"ބައެއް ފަހަރު ހުރެއެއް ނޫންތޯ ބަހެއްގެ އެއް ޖުމުލަ ބުނީމާ ޖުމުލައިގެ ބާކީ ބަޔަށް އަމިއްލަ އަށް ވަދެވޭ ގޮތް. އަޅުގަނޑުމެން ވިހޭއްސުރެ ފަށައިގެން އެކީގައި އުޅޭ ދެ މީހުން. އެހެންވީމާ ރައީސް ކުރައްވަން އުޅުއްވާ ކަމެއް ވެއްޖިއްޔާ އަޅުގަނޑަށް އެނގޭނެ. އަޅުގަނޑު ކުރަން އުޅޭ ކަމެއް ވެއްޖިއްޔާ ރައީސަށް އެނގިވަޑައިގަންނަވާނެ. އެ ވަރިހަމަ ގޭގައި ގަހަށް ފެންދޭން އުޅުނަސް އެނގޭނެ އަޅުގަނޑުމެން ދެ މީހުންނަށް އެކަކު އަނެކަކަށް."

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު ސަލާމް ކުރައްވަނީ.

ނަޝީދު ވިދާޅުވީ މި ފަހަރުގެ އާންމު އިންތިޚާބުގައި އިދިކޮޅު ފަރާތްތަކަށް ލިބުނު އެންމެ ބޮޑު ކެއްސަކީ ވެސް އެމަނިކުފާނާއި ރައީސްގެ ގާތްގުޅުން ވަޒަން ނުކުރެއްވުން ކަމަށެވެ. އަދި ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ބެލީ އެ ދެބޭފުޅުންގެ މެދުގައި ހަމަނުޖެހުމެއް އުފައްދައިގެން އޭގެ ފައިދާ ނަގަން ކަމަށެވެ.

"އެއީ ވަރަށް ބޮޑު ޅަ އެއްޗެއް އެޅުއްވި. ނުވާނެ އެކަމެއް،" ރައީސާއި ދެ ބޭފުޅުންގެ ގުޅުން ގޯސް ނުވާނެ ކަމަށް ބާރު އަޅުއްވަމުން ނަޝީދު ވިދާޅުވި އެވެ.