މަޖިލީހުގައި ޖޭޕީ އަކީ އިދިކޮޅު ޕާޓީ: ނަޝީދު

އާ ރައްޔިތުންގެ މަޖިލީހުގައި ޖުމްހޫރީ ޕާޓީ ވެސް ވާނީ އިދިކޮޅު ޕާޓީއަކަށް ކަމަށާއި ނަމަވެސް އެ ޕާޓީގެ ފަރާތުން ސަރުކާރުގައި ތިއްބެވި މިނިސްޓަރުންނަށް ދެރަގޮތެއް ނުވާނެ ކަމަށް، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.


ޕީއެސްއެމަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގައި އިދިކޮޅު ޕާޓީތަކުގެ ދައުރާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ޖޭޕީ ވަނީ ޕީޕީއެމް/ޕީއެންސީއާ އިއްތިހާދުވެފައި ކަމަށެވެ.

"ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމް އެތިބީ މަޖިލީހަށް އިއްތިހާދު ވެގެން. އެ ބޭފުޅުން ނުކުންނެވީ އިއްތިހާދު ވެގެން. ވަރަށް ސާފުކޮށް އެބޭފުޅުން އެހެން ވިދާޅުވަމުން ގެންދެވީ،" ޖުމްހޫރީ ޕާޓީއަކީ ސަރުކާރު ކޯލިޝަންގެ ޕާޓީ އަކަށް ވާއިރު މަޖިލީހުގައި މައިނޯރިޓީ އޮންނާނީ ކިހިނެއްތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ތިން ޕާޓީގެ އިތުރުން އަމިއްލަ ގޮތުން އިންތިހާބުވި މެމްބަރުންނާ އެކު ރައްޔިތުންގެ މަޖިލިހުގައި ސަރުކާރު ޒިންމާދާރުކުރެވޭނެ އެވެ. އޭގެ މިސާލު ދައްކަވަމުން ނެންގެވީ އެމްޑީޕީން ގާތްގަނޑަކަށް 18 މެމްބަރުންނާ އެކު ވެސް ސަރުކާރު ޒިންމާދާރުކުރުވަން އޭރު ކުރި މަސައްކަތެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އެބޭފުޅުންނަށް އެކަން ކުރެއްވޭނެ. މަޖިލީހުގެ އެޖެންޑާ، ގަވައިދު، ޖާގަ ދޭން ޖެހޭނެ. ވަގުތު ވެސް ދޭން ޖެހޭނެ. އެކަށީގެންވާ ވަގުތު ދޭން ޖެހޭނެ އަޅުގަނޑުމެންގެ އޮޕޮޒިޝަނަށް އެތާނގައި،" ނަޝީދު ވިދާޅުވި އެވެ.

"އެމްޑީޕީން [ވަނީ] އިނގޭތޯ 17 މެމްބަރުން 18 މެމްބަރުން ލައިގެން ހަމަ މަޖިލިސް ރަނގަޅަށް ޖަވާބުދާރީ ކުރުވާފައި. ސަރުކާރު ވެސް ޖަވާބުދާރީ ކުރުވާފައި."

ކުރިއަށް އޮތް މަޖިލީހުގައި އިދިކޮޅު މެމްބަރުން އެވަރަށް ވެސް މިހާރު ނެތެއް ނޫންތޯ ދެންނެވުމުން ނަޝީދު ވިދާޅުވީ އެވަރުގެ އަދަދެއްގެ މެމްބަރުން އިދިކޮޅުގައި ތިއްބަވާނެ ކަމަށެވެ.

"އަބަދުވެސް އިދިކޮޅު ފަރާތް އޮންނަން ޖެހޭނެ އިނގޭތޯ. ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭނެ. ވަޒީރުންނާ ސުވާލު ކުރަން ޖެހޭނެ. މަޖިލީހުގައި އެއް އަތް ޖަހައިގެން އަޑެއް ނުގޮވާނެ،" ނަޝީދު ވިދާޅުވި އެވެ.

"ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމް އެތިބީ މަޖިލީހަށް އިއްތިހާދު ވެގެން. އެ ބޭފުޅުން ނުކުންނެވީ އިއްތިހާދު ވެގެން. ވަރަށް ސާފުކޮށް އެބޭފުޅުން އެހެން ވިދާޅުވަމުން ގެންދެވީ،" ނަޝީދު

ހޮނިހިރުދުވަހު ބޭއްވި އިންތިހާބުގައި 65 ގޮނޑިއާ އެކު އެމްޑީޕީން ވަނީ ތާރީޚީ ބޮޑު ކާމިޔާބީއެއް ހޯދައިފަ އެވެ. ޖޭޕީ އަށް ލިބުނީ ފަސް ގޮނޑި އެވެ. އިންތިހާބަށް އެމްޑީޕީން ނުކުތީ ސަރުކާރު ކޯލިޝަނުން އެއްބަސްވި އެއްބަސްވުމާ ހިލާފަށް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދައްކަވާ ވާހަކަފުޅުތަކަށް ވެސް ރޭ ނަޝީދު ޖަވާބު ދެއްވި އެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުން އެއްބަސްވީ ސަރުކާރު އެކުލަވައިލުމުގައި އިއްތިހާދުވާން ކަމަށެވެ. މަޖިލީހުގެ މަސައްކަތުގައި އިއްތިހާދުވާން އެއްބަސްނުވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެއްބަސްވީ، ސަރުކާރު އެކުލަވައިލުމުގައި އިއްތިހާދުވުމަށް. އަޅުގަނޑުމެން އެއްބަހެއް ނުވަން މަޖިލިސް އެކުލަވައިލުމުގައި އިއްތިހާދުވުމަކަށް، އަޅުގަނޑަށް ފެންނަ ގޮތުގައި އިނގޭތޯ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު މިހެން ވިދާޅުވި ނަމަވެސް ރިޔާސީ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ލޯކަލް ކައުންސިލް އިންތިޚަބުގައި ސަރުކާރު ކޯލިޝަނުން ގުޅިގެން ވާދަކުރަން ނިންމާފައިވާ އެއްބަސްވުމެއްގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކު ޕާޓީތަކުން ވަކިވަކިން ސޮއި ކުރެއްވި އެވެ. އެ އެއްބަސްވުމުގައި ލީޑަރުންގެ ތެރެއިން ސޮއި ނުކުރައްވަނީ ހަމައެކަނި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުންނެވެ.

އެ އެއްބަސްވުމުގައި ބުނެފައި ވަނީ ސަރުކާރުގައި ޕާޓީތައް ހިއްސާވާ ނިސްބަތުން، މަޖިލީސް އިންތިޚާބުގައި ޕާޓީތަކުން ވާދަ ކުރާނެ ގޮނޑިތަކުގެ އަދަދު ކަނޑައެޅުމަށެވެ. މި އެއްބަސްވުމާ އެއްގޮތަށް، ޕްރައިމަރީއަކާ ނުލައި އެމްޑީޕީ އަށް މަޖިލީހުގެ ގޮނޑިތައް ދޫކޮށްނުލެވޭނެ ކަމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ކަނޑައަޅައި ހުރިހާ ޕާޓީތަކަށް ވާދަ ކުރަން ނިންމީ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ހިތްހަމަޖެހިވަޑައިނުގަތީ އެ މައްސަލައާ ހެދި އެވެ. މަޖިލީސް އިންތިޚާބުގައި ޕީޕީއެމާ އެކު އަޣުލަބިއްޔަތު ހޯދުމުގެ މަސައްކަތް ފެށީ، އެ މައްސަލައިގައި ލީޑަރުންނާ ވާހަކަ ދެއްކެވުމަށް ފަހު ހައްލެއް ނުލިބުމުން ކަމަށް ވެސް ގާސިމް ވަނީ ވިދާޅުވެފަ އެވެ.