މާމިގިލީގައި ސައްހަ ވޯޓުތަކެއް ބާތިލުކުރި އޮފިޝަލުންނަށް ފިޔަވަޅު އަޅަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ތަމްސީލް ކުރައްވާ މާމިގިލީ ދާއިރާގައި ބެހެއްޓި ތިން ފޮއްޓަކަށް އެޅި ސައްހަ ގިނަ ވޯޓުތަކެއް ބާތިލް ކުރި މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފް މިރޭ ވިދާޅުވެއްޖެ އެވެ.


މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އާއްމު އިންތިޚާބުގެ ވޯޓުގައި މާމިގިލީ ދާއިރާ މި ފަހަރު ވެސް ކާމިޔާބު ކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމެވެ. މާމިގިލީ ދާއިރާގެ ގޮނޑި ތިން ވަނަ ފަހަރަށް ގާސިމް ދިފާއު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އަލީ އަމީޒާ ވާދަކުރައްވައި ކުޑަ ތަފާތަކުންނެވެ.

މާމިގިލީގެ އިތުރުން ފެންފުށި ހިމެނޭ ދާއިރާގެ ބާތިލު ވޯޓުގެ އަދަދަކީ 190 އެވެ.

ސައްހަ ގިނަ ވޯޓުތަކެއް ބާތިލު ވޯޓުގެ ގޮތުގައި ގުނި ކަމަށް ބުނެ ޝަކުވާ ހުށަހެޅުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން މިރޭ ވަނީ މާމިގިލީގެ ތިން ފޮއްޓެއް ގުނައިފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން އެ ތިން ވޯޓު ފޮށި ގުނަން ނިންމީ ގާސިމާއި އަމީޒާ ދެމެދު 80 ވޯޓުގެ ފަރަގެއް އޭރު އޮތުމާ ގުޅިގެން މި ނަތީޖާ އަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެ އެވެ. ބާތިލު 190 ވޯޓު އަލުން ގުނުމުން ގާސިމަށް ވަނީ އިތުރަށް 64 ވޯޓު ލިބިވަޑައިގެންފަ އެވެ. އެމަނިކުފާނާ އެންމެ ގާތުން ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އަމީޒަށް އިތުރަށް ލިބިވަޑައިގަތީ 45 ވޯޓެވެ.

ވޯޓުތައް މިރޭ ގުނި ގަޑީގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް މަޑުކޮށްލައިގެން. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ބާތިލް ވޯޓު އަލުން ގުނުމުން ޖުމްލަ ވޯޓުގެ ގޮތުގައި ގާސިމަށް 1،145 ވޯޓު ލިބިވަޑައިގެންނެވި އިރު، އަމީޒަށް ލިބިވަޑައިގަތީ 1،046 ވޯޓެވެ. އެހެން ކަމުން ގާސިމް ފަހުން ވަނީ ވޯޓުގެ ފަރަގު 99 އަށް މަތިކޮށްފަ އެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިރޭ ވިދާޅުވީ މާމިގިލީގައި ތިން ވޯޓު ފޮށި ގުނިއިރު، 143 ވޯޓު ބާތިލްގެ ގޮތުގައި ކަނޑައެޅި ކަމަށެވެ. އެކަމަކު، އަލުން ގުނި އިރު، ބާތިލް ވަނީ އެންމެ 36 ވޯޓު ކަމަށް ޝަރީފް ވިދާޅުވި އެވެ.

"އެހެންވީމަ، 100 އަށް ވުރެ ގިނަ ވޯޓެއްގެ ސައްހަ ކަން ކަށަވަރު އެބަވޭ،" ޝަރީފް ވިދާޅުވި އެވެ.

އީސީގެ ރައީސް ޝަރީފްގެ ޓުވީޓު

އޭނާ ވިދާޅުވި ގޮތުގައި ސައްހަ ވޯޓެއް، ބާތިލް ވޯޓެއްގެ ގޮތުގައި ގުނުމަކީ ގާނޫނީ ކުށެކެވެ. އަދި ސައްހަ ވޯޓާއި ބާތިލް ވޯޓު ކަނޑައަޅައި، ސޮއިކުރި އޮފިޝަލުންގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

އިންތިޚާބާ ބެހޭ ގާނޫނު ބުނާ ގޮތުން ބާތިލް ވޯޓު ކަނޑައެޅުމުގެ ބާރު ލިބިގެންވަނީ ވޯޓު ފޮށީގެ ވެރިޔާ އަށެވެ.