މާލޭގައި އާއްމުކޮށް މޫދަށް އެރޭ ތިން ސަރަހައްދުގެ ލޮނު ޓެސްޓްކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގައި އެދެފި އެވެ.
ގިނަ ބަޔަކު މޫދަށް އެރިއުޅޭ ރަސްފަންނު ސަރަހައްދުން ނަޖިސް ފެންނާތީ މިހާރު ވަނީ އެތަން ބަންދުކޮށްފަ އެވެ. ފަތާ ޓްރެކް ސަރަހައްދާއި އާޓިފިޝަލް ބީޗް ސަރަހައްދަށް ވެސް ގިނަ ބަޔަކު މޫދަށް އެރި އުޅޭއިރު އެތަންތަނުގައި ވެސް ނުރައްކާތެރި ކުނިބުންޏާއި ނަޖިސް ހުންނަ ކަމުގެ ޝަކުވާ ބޮޑެވެ.
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު، "މިހާރު" އަށް ވިދާޅުވީ މޫދަށް އެރޭ ސަރަހައްދުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އެ ހުރިޙާ ސަރަހައްދެއް ޓެސްޓްކުރަން ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވަނީ އެއީ އާއްމުން އެރިއުޅެން ރަނގަޅު ތަންތަންކަން ކަށަވަރު ކުރަން،" ޝިފާ ވިދާޅުވި އެވެ.
އެ ޓެސްޓްތަކުގެ ނަތީޖާތައް ލިބުމުން ދެން ނިންމަން ޖެހޭ ކަންކަން ނިންމާނެ ކަމަށް ޝިފާ ވިދާޅުވި އެވެ.
ރަސްފަންނު 2016 ވަނަ އަހަރު ހުޅުވިތަނާ ވެސް ނަޖިހުގެ މައްސަލަ ކުރިމަތިވި އެވެ. ކުރިން ވެސްޓް ޕާކް ހިންގި ދިމާލުން މޫދަށް ގުޅާފައި އޮންނަ ނަޖިސް ހޮޅިއަކުން ނަޖިސް ލީކުވުމާ ގުޅިގެން ރަސްފަންނު ސަރަހައްދުގެ މޫދުން ވެސް ގިނަ އަދަދަކަށް ނަޖިސް ފެނުނެވެ. ނަމަވެސް އެފަހަރު އަލުން އެ ސަރަހައްދު ހުޅުވާލީ ޓެސްޓްތައް ހެދުމަށް ފަހު މައްސަލައެއް ނެތް ކަމަށް ހެލްތު މިނިސްޓްރީން ނިންމުމުންނެވެ.