ޝަރީފްގެ ރައްދު: "އިންތިޚާބެއް މިނިވަންވަނީ ކާމިޔާބުވީމައެއް ނޫން"!

އިންތިޚާބެއްގެ އިންސާފުވެރިކަން ބިނާވަނީ އެ އިންތިޚާބެއް ކާމިޔާބުވުމާއި ނުވުމުގެ މައްޗަށް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހްމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.


އިދިކޮޅު ޕީޕީއެމާއި ކޮންގްރެސް ޕާޓީ އަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނު ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބާ މެދު އެ ޕާޓީގެ އިސް ބޭފުޅުން ގެންދަވަނީ ސުވާލު އުފައްދަވަމުންނެވެ. މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި އެ އިންތިޚާބަށް ނާޖާއިޒު ނުފޯޒުތަކެއް ފޯރައި، މިނިވަންކަމާ އެކު ކެމްޕޭން ކުރުމުގެ ފުރުސަތު ހަނިކުރި ކަމަށް ކޮންގްރެސް ޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވަނީ ވިދާޅުވެފަ އެވެ.

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހް ވެސް ވިދާޅުވެފައި ވަނީ މަޖިލިސް އިންތިޚާބަކީ ވަރަށް ބޭއިންސާފު، ތާކުންތާކު ނުޖެހޭ އިންތިޚާބެއް ކަމަށެވެ.

"އިންތިޚާބުގެ ކެމްޕޭނަށް 30 ދުވަސް ކޮމިޝަނުން ހުޅުވާލުމުން ވެސް އެއްވެސް ފަރާތަކުން ނެތް ޝަކުވާ ހުށަހަޅާފައި އިންސާފުން ބޭރުން ކަމެއް ދިޔަ ކަމެއް ނުވަތަ ކެމްޕޭން ކުރަން ހުރަސްއެޅި ކަމެއް،" ޝަރީފް

ފަލާހުގެ ވާހަކަތަކާ ގުޅިގެން ޝަރީފް ވިދާޅުވި ގޮތުގައި މިދިޔަ މަޖިލިސް އިންތިޚާބަކީ ވަރަށް މިނިވަން، އިންސާފުވެރި އަދި ދެފުށް ފެންނަ އިންތިޚާބެއް ކަމަށެވެ. އެ އިންތިޚާބާ މެދު ސުވާލު އުފެދޭ ފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށް ވިދާޅުވި އެވެ.

އިންތިޚާބުގެ އެއްވެސް ކަމެއްގައި، އޭނާ ވިދާޅުވި ގޮތުގައި، ގާނޫނީ އިމުން ބޭރުގައި އެ ކޮމިޝަނުން އެއްވެސް ކަމެއް ކޮށްފައެއް ނުވާނެ އެވެ. އިންތިޚާބު ބޭއިންސާފު ކަމަށް މިހާރު ތުހުމަތުކުރިއަސް އިންތިޚާބުގެ ތެރޭގައި އަދި އޭގެ ފަހުން ވެސް ކޮމިޝަނަށް އޝަކުވާއެއް ހުށަހަޅާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންތިޚާބުގެ ކެމްޕޭނަށް 30 ދުވަސް ކޮމިޝަނުން ހުޅުވާލުމުން ވެސް އެއްވެސް ފަރާތަކުން ނެތް ޝަކުވާ ހުށަހަޅާފައި އިންސާފުން ބޭރުން ކަމެއް ދިޔަ ކަމެއް ނުވަތަ ކެމްޕޭން ކުރަން ހުރަސްއެޅި ކަމެއް،" ޝަރީފް ވިދާޅުވި އެވެ.

އިންތިޚާބާ ގުޅިގެން ބައެއް ވޯޓު ފޮށިތައް ގުނަން ހުށަހެޅުމުން އެކަމާ އިލެކްޝަންސް ކޮމިޝަނުން ދެކޮޅު ހަދާފައިވާ ކަމަށް ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ވޯޓު ފޮށިތައް ކަނޑައިގެން އަލުން ގުނުމަކީ އެ ކޮމިޝަނުން ދެކޭ ގޮތުގައި "ކުޅިވަރެއް ނޫނެ'ވެ. ކޮމިޝަނުން ގުނަން ނިންމީ، ހުށަހެޅި ޝަކުވާތަކަށް ބަލައި ނަތީޖާ އަށް ބަދަލު އަތުވެދާނެ ފަދަ ޝަކުވާތައް ހުށަހަޅާފައި ހުރި ފޮށިތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި އިންތިޚާބުގައި ޕީޕީއެމާއި ކޮންގްރެސް ޕާޓީގެ ކޯލިޝަނުން 40 އަށް ވުރެ ގިނަ ދާއިރާތަކަށް ވާދަކުރި އެވެ. އެކަމަކު އެ ދެ ޕާޓީ އަށް ކާމިޔާބުވީ އެންމެ އަށް ގޮނޑި އެވެ.

މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބާއި މި ފަހަރުފެ މަޖިލިސް އިންތިޚާބުގައި ޕީޕީއެމް ބަލިވީ ޕާޓީގެ ލީޑަޝިޕް ފޭލްވެގެން ކަމަށް އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ވިދާޅުވެ އެވެ. އެކަމަކު ލީޑަޝިޕްގައި ތިއްބެވި ބައެއް ބޭފުޅުން އެކަން ގަބޫލެއް ނުކުރައްވަ އެވެ.