ޒިކްރާ މިސްކިތް ހަދަން ހަވާލުކުރީ ގާނޫނާ ހިލާފަށް، އެއްބަސްވުން ބާތިލްކުރަނީ

ޒިކްރާ މިސްކިތުގެ މަސައްކަތްތައް ހަދަން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރީ ގާނޫނާ ހިލާފަށް ކަމަށާއި އެހެންވެ އެ އެއްބަސްވުން ބާތިލްކުރަން އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ލަފާދީފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.


"ދާރުލް ޒިކްރާ"ގެ ނަމުގައި 10 ބުރިއަށް އެ މިސްކިތް ހަދަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހަވާލުކުރީ ޖުލައި 9، 2018 ގަ އެވެ. މި އަހަރުގެ ރޯދަ މަހަށް އެ މިސްކިތުގެ ފުރަތަމަ ތިން ބުރި ނިންމައި ހުޅުވާނެ ކަމަށް އޭރުގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ވިދާޅުވި އެވެ. ނަމަވެސް އަހަރެއްވާން ކައިރިވެފައިވާއިރު ވެސް މިސްކިތުގެ އެއްވެސް މަސައްކަތެއް ނުފެށެ އެވެ.

ޒިކްރާ މިސްކިތް ހެދުމުގެ އެއްބަސްވުމުގައި އެސްޖޭ ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރު ޝާހިދު (ކ) އަދި އޭރުގެ އިސްލާމިކް މިނިސްޓަރު ޒިޔާދު ސޮއިކުރައްވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"މިހާރު"އަށް ދެއްވި ހާއްސަ އިންޓަވިއުގައި މިނިސްޓަރު ވިދާޅުވީ އާ ސަރުކާރު އައި އިރު ވެސް ޒިކްރާ މިސްކިތާ ގުޅޭ މައްސަލަ ވަރަށް ބޮޑު ވެފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އޭޖީ އޮފީހާއި މިނިސްޓްރީގެ ގާނޫނީ ޓީމާ މަޝްވަރާކޮށް، އެ ކުންފުންޏާއެކު މަސައްކަތް އިތުރަށް ކުރިއަށް ނުގެންދަން ލަފާދީފައިވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެސްޖޭ ކޮންސްޓްރަކްޝަނާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލްކޮށް އެހެން ބަޔަކާ ހަވާލުކުރާނެ ކަމަށެވެ.

"މިނިސްޓްރީއާ ހަވާލުވުމަށްފަހު ފާހަގަވީ އެކަންތައް ގޮސްފައިވަނީ އުސޫލުން ބޭރުން ކަމަށް. އަޅުގަނޑުމެންނަށް އޭޖީ އާއި މިނިސްޓްރީގެ ގާނޫނީ ޓީމުން ވެސް ލަފާދީފައި އޮތީ އެބޭފުޅުން [އެސްޖޭ ކޮންސްޓްރަކްޝަން] ކަންތައް ކޮށްފައި އޮތީ ގާނޫނާ ގަވާއިދުގެ ތެރެއިންނެއް ނޫނޭ، އުސޫލުން ބޭރުންނޭ. އޭގައި އެބަހުއްޓޭ ކަންތައްތަކެއް،" ޒާހިރު ވިދާޅުވި އެވެ.

"އެ ލަފާގެ މަތިން، މުސްތަގުބަލުގައި އަޅުގަނޑުމެން އެ މަސައްކަތް އެބޭފުޅުންނާ އެކީގައި [އެސްޖޭ ކޮންސްޓްރަކްޝަނާއެކު] ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް އަޅުގަނޑުމެންނަށް ފާހަގަވަނީ."

އެ މަސައްކަތުގައި މިނިސްޓްރީ އާއި އެސްޖޭ ކޮންސްޓްރަކްޝަން ވެސް އިހުމާލުވެފައި އެބައޮތް ކަމަށް ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު، "މިހާރު" އަށް މިއަދު އިންޓަވިއުދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގާ އެ މަޝްރޫއުގެ އަގަކީ 130 މިލިއަން ރުފިޔާ އެވެ. އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދޭން ނިންމާފައިވަނީ ސަރުކާރުންނެވެ. ކުރީގެ ސަރުކާރުން ވަނީ އެ ފައިސާ ވެސް އެސްޖޭ ކޮންސްޓްރަކްޝަނަށް ދީފަ އެވެ. އެއްބަސްވުން ބާތިލްކުރުމަށްފަހު ސަރުކާރުން ދިން ފައިސާ ހޯދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިސްކިތެއް ހަދާއިރު އެ ކުރެހުން އެޕްރޫވްކުރަން މިނިސްޓްރީ އަށް ހުށަހަޅަންޖެހޭނެ ކަމަށެވެ. ނަމަވެސް އެސްޖީ ކޮންސްޓްރަކްޝަނުން އެކަން ކޮށްފައިވާ ނުވާ ކަމަށް ވިދާޅުވި އެވެ.

އެއްބަސްވުން ބާތިލްކުރާނެކަމުގެ ނޯޓިސް މިނިސްޓްރީން ވަނީ މިިދިޔަ މަހުގެ ފަހުކޮޅު ނުވަތަ މި މަހުގެ ކުރީކޮޅު ދީފަ އެެވެ.

އެނގިފައިވާ ގޮތުގައި އެސްޖޭ ކޮންސްޓްރަކްޝަނަށް މަސައްކަތް ނުފެށިގެން އުޅެނީ އެ ބިމުގެ ރަޖިސްޓްރީ ނެތިގެންނެވެ. އަދި އެތަނުގައި ދިރާގާއި ސްޓެލްކޯ އަދި އެކި ތަންތަނުގެ 47 ޑިސްޓްރިބިއުޝަން ފޮށި ހުރުމަކީ ވެސް އެ މަސައްކަތް ކުރިއަށް ގެންދަން ދިމާވެފައިވާ ދައްޗެއް ކަމަށް ވެ އެވެ.