ޔާމީން ވެސް މަސައްކަތް ކުރެއްވީ ޖޭޕީއާ ދެކޮޅަށް: ރިޔާޒް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކެންޑިޑޭޓުންނަށް ތާއީދު ކުރާނެ ކަމަށް އިދިކޮޅު ޕީޕީއެމާއި ކޮންގްރެސް ޕާޓީން ކުރިން ބުނެފައި އޮތް ނަމަވެސް އެގޮތަށް ކަންކަން ނުކުރާ ކަމަށާއި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ވެސް މަސައްކަތްޕުޅު ކުރެއްވީ ޖޭޕީއާ ދެކޮޅަށް ކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް މިރޭ ވިދާޅުވެއްޖެ އެވެ.


ޖުމްހޫރީ ޕާޓީ އަދި ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަން ވެސް ކުރައްވާ ކުރީގެ ޕޮލިސް ކޮމިޝަނަރު ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވިދާޅުވީ ޖޭޕީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރަން ޕީޕީއެމުން ބުނި ބުނުމާ އެއް ގޮތަށް އިޚުލާސްތެރިކަން ދައްކާފައި ނުވާ ކަމަށެވެ.

"އަޅުގަނޑަށް ފެނުނު މަންޒަރަކީ ޕީޕީއެމުން އަޅުގަނޑުމެންނަށް އެންޑޯޒް ކޮށްފައި ވެސް އަޅުގަނޑުމެންގެ އެންޑޯޒްކުރި ކެންޑިޑޭޓުންނާ ދެކޮޅަށް މަސައްކަތް ކުރިކަން. ޕީޕީއެމްގެ ހަމަ އެންމެ އިސް ލީޑަރު ވެސް އެންމެ އިސް ރައީސް ވެސް. ރައީސް ޔާމީން ވެސް ދެކޮޅަށް މަސައްކަތް ކުރިކަން އެނގޭ. ޚުދު އަޅުގަނޑާ ދެކޮޅަށް ވެސް މަސައްކަތް ކުރެއްވިކަން އަޅުގަނޑަށް އެނގޭ،" މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި އާންމު އިންތިޚާބުގައި އުފަން ރަށް ތިމަރަފުށި ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ރިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޖިލިސް އިންތިޚާބަށް ގުޅިގެން މަސައްކަތް ކުރުމަށް ޖޭޕީ އާއި ޕީޕީއެމް އަދި ކޮންގްރެސް ޕާޓީން ނިންމި ނަމަވެސް އެކަމުގައި ސީރިއަސް މަސައްކަތްތަކެއް ނުކުރެ އެވެ.

އާންމު އިންތިޚާބުގައި ޖޭޕީ އަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން، ރިޔާޒް ވިދާޅުވީ ވަކި ސަބަބެއް ދެއްކޭ ވަރަށް ވުރެ ގިނަ ކަންކަން މެދުވެރިވެފައިވާ ކަމަށެވެ. މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖޭޕީ އަށް އާންމު އިންތިޚާބުގައި ނާކާމިޔާބުވި ސަބަބުތަކުގެ ގޮތުގައި ރިޔާޒް ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބަށް ހެދި ކޯލިޝަން އެއްބަސްވުމާ މެދު ސަރުކާރުން ގޮތެއް ނިންމަންދެން މަޑުކުރުމުން ތައްޔާރުވާން ލިބުނު ވަގުތު މަދުވުން ހިމެނެ އެވެ.

"އަޅުގަނޑަށް ފެނުނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގިނިކަންޏާ ޖުމްހޫރީ ޕާޓީ އަށް މި ކެމްޕޭނުގައި ކާމިޔާބުކޮށްދިނުމަށް ކިރިޔާ ވެސް މަސައްކަތެއް ކުރެއްވި ބޭފުޅަކީ. އެމަނިކުފާނަށް ވުރެެ އިތުރަކަށް އަޅުގަނޑަކަށް ނުފެނޭ މި ޕާޓީގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުންނެއް، މުޅި ޕާޓީގެ ތިޔަ ވިދާޅުވާ 40 ގޮނޑި ކާމިޔާބު ކޮށްދޭން މަސައްކަތް ކުރެއްވި ތަނެއް،" ރިޔާޒް

"އަޅުގަނޑުމެންނަށް ރަނގަޅަށް އޯގަނައިޒް ނުވެވުނީ. އަޅުގަނޑުމެންނަށް ވަރަށް ފަހާ ޖެހެންދެން މަޑުކުރެވުނީ ސަރުކާރުން ގޮތްތަކެއް ނިންމަންދެން،" އޭނާ ވިދާޅުވި އެވެ.

ޖޭޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ފިޔަވައި އެ ޕާޓީގެ އިސް އެހެން ބޭފުޅުން ޕާޓީގެ ކެމްޕޭނުގައި ބައިވެރިވެވަޑައި ނުގަތުމަކީ ވެސް ބަލިވުމުގެ ސަބަބެއް ކަމަށް ރިޔާޒް ވިދާޅުވި އެވެ. ނަމަވެސް ޖޭޕީގެ ކެންޑިޑޭޓުންގެ ތެރެއިން ފާހަގަކުރެވޭ ވަކި ކެންޑިޑޭޓުންތަކަކަށް ގާސިމް ކެމްޕޭން ކުރެއްވިކަން ފާހަގަކުރައްވަމުން ރިޔާޒް ވިދާޅުވީ އެ ކެންޑިޑޭޓުންގެ ތެރޭގައި އޭނާ ހިމެނިވަޑައިގެންނެވި ކަމަށެވެ.

"އަޅުގަނޑަށް ފެނުނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގިނިކަންޏާ ޖުމްހޫރީ ޕާޓީ އަށް މި ކެމްޕޭނުގައި ކާމިޔާބުކޮށްދިނުމަށް ކިރިޔާ ވެސް މަސައްކަތެއް ކުރެއްވި ބޭފުޅަކީ. އެމަނިކުފާނަށް ވުރެެ އިތުރަކަށް އަޅުގަނޑަކަށް ނުފެނޭ މި ޕާޓީގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުންނެއް، މުޅި ޕާޓީގެ ތިޔަ ވިދާޅުވާ 40 ގޮނޑި ކާމިޔާބު ކޮށްދޭން މަސައްކަތް ކުރެއްވި ތަނެއް،" ރިޔާޒް ވިދާޅުވި އެވެ.

މި އިންތިޚާބުގައި ޖޭޕީ އަށް ނެގުނީ އެންމެ ފަސް ގޮނޑި އެވެ. ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން 65 ގޮނޑި ކާމިޔާބުކޮށް 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ސުޕަ މެޖޯރިޓީ ހޯދިއިރު އިދިކޮޅު ޕީޕީއެމް/ކޮންގްރެސް ޕާޓީ އަށް ލިބުނީ އެންމެ އަށް ގޮނޑި އެވެ. އެއީ ޕީޕީއެމަށް ފަސް ގޮނޑި، ކޮންގްރެސް ޕާޓީ އަށް ތިން ގޮނޑި އެވެ.