އިމާރާތް ސިފައިން ބެލެހެއްޓިއަސް ދިވެހިންނަކަށް ދައްޗެއް ނެތް: އެމްބަސީ

ސްްރީ ލަންކާގައި އާދީއްތަ ދުވަހު ބޮންގޮއްވައި ދިން ލާއިންސާނީ ހަމަލާތަކާ ގުޅުން ހުރި މީހުން ހޯދުމުގެ އޮޕަރޭޝަނުގައި، ދިވެހިންތަކެއް ވެސް ދިރިއުޅޭ އިމާރާތެއް ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވީ ނަމަވެސް އެ އާއިލާތަކަށް ދައްޗެއް ކުރިމަތި ނުވާ ކަމަށް އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީން މިއަދު ބުނެފި އެވެ.


ބޮމުގެ ހަމަލާތަކާ ގުޅިގެން ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ އެއް ތަނަކީ، މައުންޓް ލެވީނިއާގައި ހުންނަ މަތީ ފެންވަރުގެ 11 ބުރީގެ އިމާރާތެކެވެ. އެތަނުގައި ދިވެހި ތިން އާއިލާއެއް ވެސް ދިރިއުޅެ އެވެ.

ހަތިޔާރާ އެކު ސިފައިން އެ އިމާރާތް އިއްޔެ ވަށާލީ ބޮން ގޮއްވާލި ކަމަށް ތުހުމަތު ކުރެވޭ މީހަކު ނުވަތަ ބަޔަކު އެ އިމާރާތުގައި ދިރިއުޅެމުން ދިޔަ ކަމުގެ ތުހުމަތުގަ އެވެ. އެތަނުގެ އެކި އެޕާޓްމެންޓްތައް ފާސްކުރުމަށް ފަހު އިމާރާތް އަދިވެސް ހުރީ ސިފައިންގެ ބެލުމުގެ ދަށުގަ އެވެ.

އެ އިމާރާތުގައި ދިވެހި އާއިލާއެއް ދިރިއުޅުނު އެޕާޓްމެންޓެއް ވެސް ގިނައިރުތަކެއް ވަންދެން ފާސްކުރި އެވެ.

ލަންކާ އަށް ރާއްޖެ އިން ކަނޑައަޅާފައިވާ ޑެޕިއުޓީ އެމްބެސެޑަރު އަސްލަމް ޝާކިރު މިއަދު ވިދާޅުވި ގޮތުގައި އެ އިމާރާތުގައި ދިރިއުޅޭ މީހުންނަށް އެތަނުން ބޭރަށް ވަދެ ނުކުމެ ހެދެ އެވެ. އެކަމަކު އެހެން މީހުންނަށް އެތަނަށް އަދިވެސް ނުވަދެވެ އެވެ.

"އަޅުގަނޑުމެން މިއަދު ހެނދުނު ވެސް އެ އިމާރާތަށް ދިޔައިން، ނުވަދެވޭ. އެކަމަކު އިމާރާތުގައި ދިރިއުޅޭ މީހުންނަށް ވަދެ ނުކުމެ ހެދޭ. އަޅުގަނޑުމެން މި އަންނަނީ ދިވެހި އާއިލާތަކުގެ ހާލު ބަލަމުން،" އަސްލަމް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި، އެ އިމާރާތުގެ 11 ވަނަ ބުރީގައި ހުރި ފަރުނީޗަރުތަކަކާ ވެސް އެކު ގިނަ އަދަދެއްގެ ސާމާނު ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އޭގެ ތެރޭގައި ބޮމެއް އޮތް ކަމަށް ވާހަކަ ދެކެވުނަސް އެ މައުލޫމާތު އަދި ކަށަވަރެއް ނޫނެވެ.

ލަންކާގެ އެކި ސަރަހައްދުތަކާއި އިމާރާތްތައް ފާސްކުރަމުން އަންނަނީ އެ ގައުމުގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަން ފާހަގަކުރައްވައި އަސްލަމް އެދިވަޑައިގަތީ އެ ގައުމުގެ ފުލުހުންނާއި ސިފައިންގެ މަސައްކަތްތަކަށް ދިވެހިން ފުރިހަމަ އަށް އެއްބާރުލުން ދިނުމަށެވެ.

ބޮމުގެ ހަމަލާ ދިން ކޮލަމްބޯގެ ސެއިންޓް އެންތަނީ ފައްޅީގެ ތެރޭގައި ސަލާމަތީ ފަރާތްތަކުން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

ތުހުމަތު ކުރެވޭ މީހުން ހޯދަން އެކި ތަންތަން ފާސްކުރާ އިރު އޭގެތެރޭގައި ދިވެހިން ދިރިއުޅެމުން އަންނަ ގެތައް ވެސް ހިމެނެ އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި ލަންކާ އަށް މިހާރު ނުރައްކާތެރި ހާލަތެއް ކުރިމަތިވެފައި އޮތުމާ އެކު ދިވެހިން އެހާ ގިނައިން ގެއިން ބޭރުގައި އުޅުމަކީ ރަނގަޅު ކަމެއް ނޫނެވެ. ހޮސްޕިޓަލް ފަދަ ޒަރޫރީ ބޭނުންތަކަށް ނުކުންނަ މީހުން ވެސް އެކަމަށް ސަމާލުކަން ދޭން އެނާ އެދިވަޑައިގަތެވެ.

ހަފުތާއަކަށް ވާ ވަރަށް ކާއެއްޗެހި ވެސް ގެއަށް ވެއްދުމަށާއި އެއާޕޯޓަށް ފުރަންދާ މީހުން ވެސް ޗެކިންގެ ދެ ގަޑިއިރު ކުރިން ދިއުމަށް އަސްލަމް އެދިވަޑައިގަތެވެ.

ލަންކާގެ އެކި ތަންތަނުގައި އަމިއްލަ އަށް މަރުވެގެން އާދިއްތަ ދުވަހު ދިން ހަމަލާތަކުގައި 310 މީހުން މަރުވެފައިވާ އިރު އެ ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ 40 މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފަ އެވެ.

އާދިއްތަ ދުވަހު ހެނދުނު ދާދި އެއްވަގުތެއްގައި ދިން ހަމަލާތަކާ އެކު ލަންކާ އަށް ވަނީ ނާމާންކަން ވެރިވެފަ އެވެ. ބައެއް ވަގުތުތަކުގައި އާންމުން ބޭރަށް ނުކުމެ އުޅުން ވެސް މަނާކޮށް ސޯޝަލް މީޑިއާގެ ބައެއް ވަސީލަތްތައް ވެސް ވަނީ ބްލޮކް ކޮށްފަ އެވެ. ހަމަލާތައް ދިން ކަމަށް ލަންކާ ސަރުކާރުން ތުހުމަތު ކުރަނީ ނޭޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) އަށެވެ.