ޕީއެންސީގެ މަގާމްތައް އޮތީ ބަހާލާފައި، އިންސާފުވެރިއެއް ނުވާނެ: ނިމާލް

ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ)ގެ އިސް މަގާމްތަކުގެ އިންތިޚާބު އިންސާފުވެރި ނުވާނެ ކަމަށާއި މާކުރިން އޮތީ މަގާމުތައް ބަހާލާފައި ކަމަށް، އެ ޕާޓީގެ ނައިބު ރައީސް ކަމަށް ކުރިމަތިލެއްވި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް މިއަދު ވިދާޅުވެއްޖެ އެވެ.


އަންނަ ހުކުރު ދުވަހު ބާއްވާ ޕީއެންސީގެ ކޮންގްރެސްގައި މަގާމްތަކަށް މީހުން ހޮވާއިރު، އެ ޕާޓީގެ ރައީސް ކަމަށް ކުރިމަތިލެއްވީ މިހާރު ވެސް ވަގުތީ ރައީސް ކަމުގައި ހުންނެވި އަބްދުއްރަހީމް އަބްދުﷲ އެކަންޏެވެ. ނައިބުންގެ ގޮތުގައި ނިމާލްގެ އިތުރުން ހަތަރު ބޭފުޅަކު ކުރިމަތިލެއްވި އެވެ.

އެއީ، ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ޕީއެންސީއާ އަލަށް ގުޅިވަޑައިގަތް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަހްމަދު ނިހާނާއި ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ހުސެއިން ޝަރީފު (މުންދު) އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އެވެ.

ޕީއެންސީގެ އަސާސީ ގަވާއިދުގައި ބުނާ ގޮތުން އެ ޕާޓީގައި ތިބޭނީ ދެ ނައިބު ރައީސުންނެވެ.

އެކަމަކު ނިމާލް ވިދާޅުވި ގޮތުގައި މި އަދަދު، އެންމެ ފަހުން ބޭއްވި ކައުންސިލް ބައްދަލުވުމުގައި ހަތަރަކަށް ވަނީ އިތުރުކޮށްފަ އެވެ. އޭނާ ތުހުމަތު ކުރައްވާ ގޮތުގައި އެ ބަދަލު ގެނައީ ވަކި ބަޔަކު މަގާމްތަކަށް ހަމަޖެއްސުމަށެވެ.

"ކުއްލި ގޮތަކަށް ހަތަރު ނައިބު ރައީސުން ތިއްބަވާ ގޮތަށް މި ހެދީ ވަކި ބަޔަކު އެ މަގާމުތަކަށް ގެނައުމަށް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެ މީހުން އުއްމީދުކޮށްގެންނެއް ނޫން ތިބީ ފަސް ވަނަ މީހަކު މަގާމަށް ކުރިމަތިލަފާނެ ކަމަކަށް،" ނިމާލް ވިދާޅުވި އެވެ.

"މިއުޒިކަލް ޗެއާސް މިކުޅެނީ. [ޕީޕީއެމެކޭ] ލީޑަޝިޕްގެ ވަކި ތަފާތެއް ނުފެނޭ. ވަކި ބަޔަކު ކަނޑައަޅައި ގޮނޑިތައް ބަދަލުކޮށްލަނީ. ޕީޕީއެމްގެ ލީޑަޝިޕް ޕީއެންސީން ވެސް މި ފެންނަނީ،" ރިޔާސީ އިންތިޚާބާއި އާއްމު އިންތިޚާބު ޕީޕީއެމާއި ޕީއެންސީ އަށް ނާކާމިޔާބުވި ކަން ފާހަގަކުރައްވައި ވިދާޅުވި އެވެ.

ކޮންގްރެސް ބާއްވަން ނިންމައި މަގާމުތަކަށް ފުރުސަތު ހުޅުވާލަން އާއްމު ކުރި ބަޔާނުގައި ވެސް އޮތީ އެ ޕާޓީއަށް އިންތިޚާބު ކުރާނީ ދެ ނައިބު ރައީސުން ކަމަށެވެ. ކައުންސިލުން އެ އަދަދު ހަތަރަކަށް ބަދަލު ކުރިކަން މިހާތަނަށް އާއްމުކޮށްފައެއް ނުވެ އެވެ.

ޖެނުއަރީ، 31، 2019 ގައި އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓަރީ ކުރި ޕާޓީގެ ކޮންގްރެސް މި މަސް ނިމުމުގެ ކުރިން ބާއްވަން ޖެހެ އެވެ. ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުގައި ވާ ގޮތުން، ޕާޓީއެއް ރަޖިސްޓަރީ ކުރާތާ ލަސްވެގެން ތިން މަސް ތެރޭގައި ދާއިމީ މަގާމުތަކަށް މެމްބަރުން އައްޔަން ކުރަން ޖެހޭނެ އެވެ. އަދި ނުވަ މަސް ތެރޭގައި ކޮންގްރެސް ބާއްވަން ޖެހެ އެވެ.

ޕީޕީއެމް، ދެ ފަޅިކޮށް ޕީއެންސީ އުފެއްދީ، ޕީޕީއެމަށް ކުރިމަތިވި ގާނޫނީ މައްސަލަތަކާ ހެދި ޕާޓީގެ ކުރިމަގަށް ހިޔަނިއެޅުމުންނެވެ. އެ ޕާޓީގައި ތިއްބެވި ސިޔާސީ ބޭފުޅުންނާއި އާއްމު މެމްބަރުންނަށް ޕްލެޓްފޯމެއް ހޯދައިދޭން އުފެއްދި ޕީއެންސީން މިހާރު ވަނީ ޕީޕީއެމާ އެކު ކޯލިޝަން ހަދައިފަ އެވެ.