މާމިގިލީގައި ސައްހަ ވޯޓުތަކެއް ބާތިލުކުރި އޮފިޝަލުންނަށް އަދި ފިޔަވަޅެއް ނާޅާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ތަމްސީލް ކުރައްވާ މާމިގިލީ ދާއިރާގައި ބެހެއްޓި ތިން ފޮއްޓަކަށް ލާފައިވާ ގިނަ އަދަދެއްގެ ސައްހަ ވޯޓުތަކެއް ބާތިލްކުރި މައްސަލައިގައި އޮފިޝަލުންނާ ދޭތެރޭގައި އެއްވެސް ފިޔަވަޅެއް އަދި އަޅާފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.


އީސީގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ އެ ކޮމިޝަންގެ ޓީމަކުން މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި ތަހުގީގު ފުރިހަމަ ކުރުމަށް ފަހު، މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވަން ފެނިއްޖެ ނަމަ، އެކަން ކުރާނެ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

"އެކަމާ މެދު ނިންމި ގޮތް އަންނަ ހޮނިހިރު ދުވަހުގެ ފަހުން ހާމަކުރާނަން،" އަކްރަމް ވިދާޅުވި އެވެ.

މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި އާއްމު އިންތިޚާބުގެ ވޯޓުގައި މާމިގިލީ ދާއިރާ މި ފަހަރު ވެސް ކާމިޔާބު ކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމެވެ. މާމިގިލީ ދާއިރާގެ ގޮނޑި ތިން ވަނަ ފަހަރަށް ގާސިމް ދިފާއު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އަލީ އަމީޒާ ވާދަކުރައްވައި ކުޑަ ތަފާތަކުންނެވެ. ގާސިމާއި އަލީ އަށް ދީފައި ހުރި ސައްހަ ވޯޓު ވެސް ބާތިލް ވޯޓުގެ ގޮތުގައި ގުނާފައި ހުއްޓެވެ.

މާމިގިލީގެ އިތުރުން ފެންފުށި ހިމެނޭ ދާއިރާގެ ބާތިލު ވޯޓުގެ ގޮތުގައި އެންމެ ފުރަތަމަ ކަނޑައަޅާފައި އޮތީ 190 ވޯޓެވެ. ސައްހަ ގިނަ ވޯޓުތަކެއް ބާތިލު ވޯޓުގެ ގޮތުގައި ގުނި ކަމަށް ބުނެ ޝަކުވާ ހުށަހެޅުމާ ގުޅިގެން، މާމިގިލީގައި ބެހެއްޓި ތިން ފޮއްޓަކާއި އދ. ފެންފުށީގައި ބެހެއްޓި ފޮއްޓެއް އަލުން ވަނީ ގުނައިފަ އެވެ.

ވޯޓު ފޮށިތައް ގުނަން އީސީން އޭރު ނިންމީ ގާސިމާއި އަމީޒާ ދެމެދު 80 ވޯޓުގެ ފަރަގެއް އޭރު އޮތުމާ ގުޅިގެން މި ނަތީޖާ އަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެ އެވެ.

ބާތިލް ވޯޓުތައް އަލުން ގުނުމުން، ގާސިމާއި އަމީޒަށް ވަރަށް ގިނަ ވޯޓު އިތުރުވި އެވެ. އަލުން ގުނުމުން ނަތީޖާ އަކީ ގާސިމަށް 1،163 އަދި އަމީޒަށް 1،053 އެވެ. ދެ ބޭފުޅުންގެ ވޯޓުގެ ފަރަގަކީ 110 އެވެ.

އިންތިޚާބާ ބެހޭ ގާނޫނު ބުނާ ގޮތުން ބާތިލް ވޯޓު ކަނޑައެޅުމުގެ ބާރު ލިބިގެންވަނީ ވޯޓު ފޮށީގެ ވެރިޔާ އަށެވެ.