26 އެޕްރީލް 2019 - 00:41
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސްގެ މަގާމަށް ހަތަރު ބޭފުޅަކު އައްޔަން ކުރުމަށް އެ ޕާޓީގެ އަސާސީ ގަވާއިދު އިސްލާހު ކުރަން ހުށަހަޅަން ކައުންސިލުން ނިންމާފައިވީ ނަމަވެސް އެކަަމާ މެދު ގޮތެއް ނިންމާނީ، މާދަމާ ބާއްވާ ކޮންގްރެސްގައި ކަމަށް އެ ޕާޓީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "މިހާރު"ން ކުރި ސުވާލަކާ ގުޅިގެން އަބްރުއްރަހީމް ވިދާޅުވީ، ޕީއެންސީގެ އަސާސީ ގަވައިދަށް ބަދަލު ގެނެވޭނީ ކޮންގްރެސް ނުވަތަ މަތީ މަޖިލިހުން ކަމަށެވެ. އެހެންވެ، މާދަމާ ބިލަބޮންގް ސްކޫލުގައި ބާއްވާ ކޮންގްރެސް އަށް އެ އިސްލާހު ހުށަހަޅާނެ ކަމަށް ވިދާޅުވި އެވެ.
"އަސާސީ ގަވާއިދަށް ބަދަލު ގެނެވޭނީ މަތީ މަޖިލީހުން. އެހެންވެ މަޝްވަރާ މަޖިލީހުން ނިންމީ ނައިބު ރައީސުންގެ އަދަދު ހަތަރަކަށް އިތުރުކުރަން. އަސާސީ ގަވާއިދު އިސްލާހުކުރަން. އެއީ އަދި ހަތަރަކަށް ބަދަލުވީކީ ނޫން. އަޅުގަނޑުމެންނަކަށް ނޭނގޭ މަތީ މަޖިލީހަށް ވަޑައިގަންނަވާ ބޭފުޅުން ނިންމަވާނީ ކިހިނެއް ކަމެއް؟،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އަސާސީ ގަވާއިދު އިސްލާހުކުރަން ހުށަހެޅުމަކީ ޕާޓީގެ ގަވާއިދު ތަންދޭ ކަމެއް ކަމެކެވެ. ނައިބު ރައީސުންނާ ގުޅޭ އިސްލާހުގެ އިތުރުން، އިތުރު އިސްލާހުތަކެއް ވެސް ހުށަހަޅަން ކައުންސިލުން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
"އެއީ އެއްވެސް ހާލެއްގައި އުސޫލުން ބޭރުން ކުރިކަމެއް ނޫން،" ފޮނަދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީއެންސީގެ ފުރަތަމަ ކޮންގްރެސްގައި، އެ ޕާޓީގެ މަގާމުތަކަށް މީހުން ހޮވާއިރު، ޕީއެންސީގެ ރައީސްގެ މަގާމަށް ކުރިމަތިލެއްވީ މިހާރު ވެސް ވަގުތީ ރައީސަކަށް ހުންނެވި އަބްދުއްރަހީމެވެ.
ނައިބު ރައީސްގެ މަގާމަށް ފަސް ބޭފުޅަކު ކުރިމަތިލައްވާފައި ވެ އެވެ. އެއީ ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ޕީއެންސީއާ އަލަށް ގުޅިވަޑައިގަތް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަހްމަދު ނިހާނާއި ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ހުސެއިން ޝަރީފު (މުންދު) އާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލެވެ.
އެ ބޭފުޅުންގެ ތެރެއިން ނިމާލް ވަނީ ކޮންގްރެސް ބާއްވާ ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފަ އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި އިސް މަގާމްތަކުގެ އިންތިޚާބު އިންސާފުވެރިއެއް ނުވާނެ އެވެ. އަދި މަގާމުތައް އޮތީ މާކުރިން ބަހާލާފައި ނިމާލް ވިދާޅުވެ އެވެ.
އޭނާ ވިދާޅުވީ ނައިބު ރައީސުންގެ އަދަދު އިތުރުކުރަން ބަދަލު ގެނައީ ވަކި ބަޔަކު މަގާމުތަކަށް ހަމަޖެއްސުމަށް ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ، ޖެނުއަރީ، 31، 2019 ގައި ރަޖިސްޓަރީކުރި ޕާޓީގެ ކޮންގްރެސް އިންސާފުވެރިވާނެ ކަމަށާއި އެކަމުގެ ތައްޔާރީތައް ވަރަށް ފޯރީގައި ކުރަމުން އަންނަ ކަމަށެވެ.
ސަރުކާރަށް ފަސް މަސް ވެގެން ދިޔައިރު ވެސް، ސަރުކާރަށް ފާރަލައި ޒިންމާދާރު އިދިކޮޅު ޕާޓީއެއް ނެތުމުން، އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން އަބްދުއްރަހީމް ވިދާޅުވީ، ޕީއެންސީގެ ކޮންގްރެސް އަށް ފަހު ސަރުކާރު ޒިންމާދާރު ކުރާނެ ވަރުގަދަ އިދިކޮޅު ޕާޓީއެއް ފެންނާނެ ކަމަށެވެ. އަދި ޕީއެންސީ/ޕީޕީއެމް ކޯލިޝަނަކީ ވަރަށް ވަރުގަދަ އިދިކޮޅު ޕާޓީއަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މާދަމާ ބާއްވާ ޕީއެންސީގެ ކޮންގްރެސްގައި 25 ބޭފުޅަކު އައްޔަންކުރާނެ އެވެ. އެ މަގާމުތަކަށް 35 ބޭފުޅުން ކުރިމަތިލައްވާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިހޫ
26 April 2019
ފޭލިވެފަ ތިބިބަޔަކު ލީޑާޝިޕުގަ ތިބެގެންނުވާނެ.. 5 އަހަރުގެ ބޮޑު ތަރައްގީ ސަރުކާރު ބަލިވީ ބޮޑުތަފާތަކުން.. އެއައްފަހު މަޖިލީހުގެ އިންތިހާބުން ބަލިވީ އެއައްވުރެ ބިޑުތަފާތަކުން.. ކަލޭމެން ކައުންސިލް އިންތިހާބުގަ ބަލިވީމަވެސް ތިތިބަ މީހުން ލައިގެން ކާމިޔާބު ނުވާނެކަން ވިސްނެންވާނެ. ތިތަނުން އަދުރޭ އާއި އަދިވެސް ކުރީ ސަރުކާރުގެ ފޭލުވެގަ ތިބި އެންމެން ބޭރުކޮއްލާށެވެ. ދިވެހީން ތިތިބަ މީހުން ގަބޫލެއް ނުކުރޭ.
ކަލްދޯބަޖޭ
26 April 2019
އަދުރޭ، ކިހިނެއްތޯ ވާނީ ޕާޓިގެ އެންމެންނަކީ ނައިބު ރައީސުން ކަމަށް ހެދިއްޔާ؟
ތުއްތު ބޭ
26 April 2019
ކޮންގުރެސް ގައި ވެސް ތިބޭނީ މިމީހުން
ބޮންދު
26 April 2019
މޫނުމަތިން ހާދަ މާޔޫސްކަމެއް އެބަފެނެޔޭ.
ވާލުސޮރު
26 April 2019
ތިޔަ ދެޕާޓީގެ އެންމެން ރައީސްކަމާ ނައިބުރައީސް ކަމަށްލިޔަސް ރައްޔިތުންނަށް ކަހެރުވަކެކޭވެސް ހިޔެއްނުވާނެ. ތީ މިހާރު ސިޔާސީ އޮއިކުނި.
ރަދީފު ބިން ރަފައިދާ
26 April 2019
މީދެން ހާދަ ހެއްވާ ޕާޓީއެކޭ.
ތައްލޫޖީޒް
26 April 2019
މަޤާމު އިތުރުކުރާވަރަކަށް ފަސާދަ އިތުރުވާނީ. ދެބަސްވުންތައް އުފެދި ކޯޅުންތައް ގިނަވާނީ. އެހެންވީމާ މަގާމު އިތުރުކުރާކަށް ނުފެނޭ