އާ މަޖިލިހުގެ ފުރަތަމަ ޖަލްސާގެ ރިޔާސަތުގައި ސިޔާމް

އަންނަ މަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ 19 ދައުރުގެ ފުރަތަމަ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ކަމަށް މަޖިލިހުގެ އިދާރާ އިން މިއަދު ބުނެފި އެވެ.


މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި އާންމު އިންތިހާބު ކާމިޔާބު ކުރެއްވި 87 ބޭފުޅުން ހުވާ ކުރެއްވުމުގެ ޖަލްސާ އޮންނާނީ އަންނަ މަހުގެ 28 ވަނަ ދުވަހު މަޖިލިހުގަ އެވެ.

މަޖިލިހުން ނެރުނު ބަޔާނެއްގައި ބުނީ ޖަލްސާގެ ރިޔާސަތު އެމްޑީއޭގެ ލީޑަރު ކަން ކުރައްވަމުން ގެންދަވާ ސިޔާމް ބަލަހައްޓަވާ ގޮތަށް ހަމަޖެއްސީ ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަމަށެވެ.

ގާނޫނުއަސާސީގައި ބުނެފައި ވަނީ އާންމު އިންތިހާބަށް ފަހު ބާއްވާ ފުރަތަމަ ޖަލްސާގައި މަޖިލިހުގެ ރައީސާއި ނައިބު ރައީސަކު އިންތިހާބު ކުރެވެންދެން އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ ޖަލްސާ އަށް ހާޒިރުވެ ތިއްބެވި މެމްބަރުންގެ ތެރެއިން މަޖިލިހުގެ މެމްބަރު ކަމުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެމްބަރެވެ.

މެމްބަރު ކަމުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެމްބަރުން ތިބި ނަމަ، ރިޔާސަތު ބަލަހައްޓަވާނީ އެ މެމްބަރުންގެ ތެރެއިން އެންމެ ދޮށީ މެމްބަރު ކަމަށް ވެސް ގާނޫނުއަސާސީގައި ބުނެފައިވެ އެވެ.

މަޖިލިހަށް ހޮވިވަޑައިގެންނެވި މެމްބަރުންގެ ތެރެއިން މިހާރު އެންމެ ދުވަސްވީ މެމްބަރުންގެ ތެރެއިން ހަތަރު ވަނަ ދައުރަކަށް ހޮވިވަޑައިގެންނެވީ ސިޔާމްގެ އިތުރުން، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަސްލަމެވެ. އެކަމަކު، ދެ ބޭފުޅުންގެ ތެރެއިން ދޮށީ ސިޔާމެވެ.

މަޖިލިހުގެ އިންތިހާބުވި މެމްބަރުން ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ގާނޫނީ ހުވާ ކުރުމުގެ އިންތިޒާމް ހަމަޖައްސަން މަސައްކަތް ކުރަމުން އަންނަ ކަމަށް މަޖިލިހުން ބުންޏެވެ.

މަޖިލިހުގެ އިންތިހާބުގައި ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީން ވަނީ 65 ގޮނޑި ނަގައިފަ އެވެ. މިއީ، ޕާޓީއަކުން މިހާ ގިނަ އަދަދެއްގެ ގޮނޑިތަކެއް ނެގި ފުރަތަމަ ފަހަރެވެ. އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމާއި ކޮންގްރެސް ޕާޓީ އަށް ހޯދިފައި ވަނީ އެންމެ އަށް ގޮނޑި އެވެ.