ލަންކާގައި 13 ދިވެއްސަކު ހައްޔަރު ކުރި، ބަންދުގައި އަށް މީހުން

ހަމަލާތަކަށް ފަހު ކުއްލި ހާލަތު އިއުލާނުކޮށްފައިވާ ސްރީލަންކާގައި އާދީއްތަ ދުވަހު ހައްޔަރުކުރި ތިން ދިވެހިންނާ އެކު އެ ގައުމުގައި ޖުމްލަ އަށް ދިވެއްސަކު ބަންދުގައި އެބަތިބިކަން އެނގިއްޖެ އެވެ.


ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އާދީއްތަ ދުވަހު ހައްޔަރުކުރި ތިން މީހުންގެ ބަންދަށް ހަތް ދުވަސް ޖަހާފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ އެއްވެސް ތަފުސީލެއް ނުދެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ބަންދުގެ މުއްދަތު މިއަދު ޖެހި ތިން މީހުންނާ އެކު ބަންދުގެ މުއްދަތު ޖަހާފައި މިހާރު ތިބީ ފަސް މީހެކެވެ. ނަަމަވެސް ކޯޓަށް އަދި ހާޒިރު ނުކުރާ ތިން މީހުން ވެސް އެބަ ތިއްބެވެ. އެއާ އެކު ލަންކާގެ ހަމަލާތަކަށް ފަހު އެ ގައުމުގައި ހައްޔަރު ކުރި މީހުންގެ ޖުމްލަ އަދަދަކީ 13 އެވެ.

ފޮރިން މިނިސްރީގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ލަންކާގައި ހައްޔަރުކޮށްފައި ތިބި އެންމެންގެ ހާލު ވެސް އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީން ބަލަމުން އަންނަ ކަމަށެވެ. ހައްޔަރު ކުރާ މީހުން ކޯޓަށް ގެންދާއިރު ވެސް އެމްބަސީގެ އޮފިޝަލުން އެ މީހުންނާ އެކު ކޯޓަށް ވެސް ވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ގެންދާ އިރު ވެސް އެމްބަސީގެ އޮފިޝަލުން އެ މީހުންނާ އެކު ކޯޓަށް ވަޑައިގަންނަވާ. އެންމެންގެ ހާލު ވެސް އަންނަނީ ވަރަށް ގާތުން ބަލަމުން،" އޭނާ ވިދާޅުވި އެވެ.

ލަންކާގައި އެންމެ ފުރަތަމަ ހައްޔަރު ކުރި ހަ މީހުންގެ ތެރެއިން ހަތަރު މީހަކު ވަނީ ދޫކޮށްލައިފަ އެވެ.

ލަންކާގައި ދިން ޓެރަރިސްޓް ހަމަލާތަކުގައި 200 އަށް ވުރެ ގިނަ މީހުން މަރުވެ، 400 އަށް ވުރެ ގިނަ މީހުން ޒަހަމްވި އެވެ.