ކިމް: އޭނާއަކީ ބްރޭންޑެއްގެ ގޮތުގައި އަގު ބޮޑު ޝަހުސިއްޔަތެއް.
06 މެއި 2019 - 08:22
އެމެރިކާގެ މަޝްހޫރު ރިއަލިޓީ ޝޯ ތަރި ކިމް ކާޑޭޝަން އިންސްޓަގްރާމްގައި ހިއްސާކުރާ ސްޕޮންސަކޮށްފައިވާ ކޮންމެ ޕޯސްޓަކުން އޭނާ އަށް މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭ ކަމަށް ޓީއެމްޒީން ބުނެފި އެވެ.
އެ ނޫހުން މި ވާހަކަ ހިއްސާކޮށްފައި ވަނީ ހުއްދަ ނެތި ކިމްގެ ފޮޓޯއެއް އެމެރިކާގެ ފާސްޓް ފެޝަން ކުންފުނި މިސްގައިޑެޑް ޔޫއެސް އިން އެ ކުންފުނީގެ ޕްރޮމޯޝަނަށް ބޭނުންކޮށްގެން ދައުވާކުރަން ހުށަހެޅި މައްސަލައާ ގުޅިގެންނެވެ. އެގޮތުން ކިމްގެ ހެދުމެއްގެ ޑިޒައިން ކޮޕީކުރި މައްސަލާގައި ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެ ކުންފުނީގެ އަތުން 5 މިލިއަން ޑޮލަރުގެ ނަގައިދޭން ކިމް ވަނީ ކޯޓަށް ހުށަހަޅައިފަ އެވެ.
ގާނޫނީ ވަކީލަކަށް ވާން މިހާރު ލޯ ވެސް ކިޔަވަމުން އަންނަ ކިމް ބުނި ގޮތުގައި އޭނާއަކީ އެއް އިރެއްގައި ވެސް އެހެން ކުންފުނިތަކުގެ ބްރޭންޑްތައް ޕްރޮމޯޓްކުރާ މީހެއް ނޫނެވެ. އޭގެ ބަދަލުގައި އޭނާ ޕްރޮމޯޓް ކުރަނީ އަމިއްލަ "ބްރޭންޑް" ކަމަށް ބުންޏެވެ.
މަޝްހޫރު ރެޕާ ކަންޔޭ ވެސްޓްއާ ކައިވެނިކޮށްގެން ތިިން ދަރިން ވެސް ތިބި ކިމް، 38، ގެ މިލްކިއްޔާތު މިހާރު ވެސް 350 މިލިއަން ޑޮލަރަށް ވުރެ ބޮޑެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy