ހުޅުމާލޭގައި އިއްޔެ ހެނދުނު އެކްސިޑެންޓުވި އެމްޓީސީސީގެ ބަސް ދުއްވަން އިން ޑްރައިވަރުގެ ބަންދަށް ތިން ދުވަސް ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށްފި އެވެ.
ހުޅުމާލޭގައި އަލަށް ހަދާފައިވާ ލޯކަލް މާރުކޭޓުގެ ކަންމަތީގައި ހިނގި އެކްސިޑެންޓުގައި، މަގުމަތިން ދިޔަ ޔުކްރެއިނު އަންހެނަކު ވަނީ މަރުވެފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެކްސިޑެންޓުގެ މައްސަލަ އިތުރަަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ޑްރައިވަރު ބަސް ދުއްވީ ނިދިފައި އިނދެގެން ކަމަށްވެ އެވެ.
އިއްޔެ ހެނދުނު 6:30 ހާއިރު އެކްސިޑެންޓުގައި މަރުވީ ޗުއްޓީ ހޭދަކުރަން ރާއްޖެ އައިސް އުޅުނު 31 އަހަރުގެ މީހެކެވެ.
އެމްޓީސީސީ ފެރީއަށް މީހުން ގޮވައިގެން ދިޔަ ބަސް، އާ ލޯކަލް މާރުކޭޓް ކައިރިން ލަނބާނުލާ ދާން ފެށުމުން، އެކަން ޑްރައިވަރުގެ ސަމާލުކަން ގެނައީ ބަހުގެ އެހީތެރިޔާ އެވެ. ޑްރައިވަރުގެ ގައިގައި ބަހުގެ އެހީތެރިޔާ އަތް ޖައްސާލުމާއެކު، ނިދިފައި އިން ޑްރައިވަރު ސިހުނީ އެވެ. އެއާއެކު އޭނާއަށް އޮޅިގެން ސްޕީޑަށް ލެވި އެކްސިޑެންޓުވީ އެވެ.
މަރުވި ޔުކްރެއިންގެ އަންހެން މީހާގެ އާއިލާއަށް އެމްޓީސީސީން އަންނަނީ އެހީތެރިވަމުންނެވެ. އޭނާގެ މަންމަ މިއަދު ރާއްޖެ އަންނައިރު ހަށިގަނޑު ގައުމަށް ފޮނުވައިދިނުމުގެ ކަންތައްތައް ވެސް ހަމަޖައްސަނީ އެމްޓީސީސީންނެވެ.