ތިލްމީޒާ، މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެންފި

އެމެރިކާގައި ހުންނަވާ ދިވެހި ސަފީރަކަށް އަލަށް އައްޔަން ކުރެއްވި ތިލްމީޒާ ހުސެއިން، މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެންފި އެވެ.


ތިލްމީޒާ، އިއްޔެ ވަނީ ސަފީރު ކަމުގެ ފަތްކޮޅުގެ ކޮޕީއެއް، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ޗީފް އޮފް ޕްރޮޓޮކޯލް، ޝޯ ޕީ ލޯލާ އަށް އަރުވައިފަ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ރަސްމީކޮށް ފަތްކޮޅު އަދި އަރުވާނެ އެވެ.

ތިލްމީޒާ މިހާތަނަށް ހުންނެވީ ނިއުޖާޒީގެ ރަމަޕޯ ކޮލެޖުގެ އެޑްޖަންކްޓް ޕްރޮފެސަރު އޮފް ސަސްޓެއިނެބިލިޓީގެ މަގާމާއި އެމެރިކާގެ ކްލައިމެޓް އެކްޝަން ނެޓްވޯކުގެ ސޯޝަލީ އެންޑް އިކޮނޮމިކަލީ ޖަސްޓް އެޑެޕްޓޭޝަން އެންޑް މިޓިގޭޝަން ޓީމްގެ ކޯޗެއާގެ މަގާމުގަ އެވެ. މީގެ ކުރިން އޭނާ ވަނީ އދ. ގެ ދާއިމީ މިޝަންގެ ޑެޕިއުޓީ ޕާމަނަންޓް ރެޕްރެޒެންޓެޓިވްކަމާއި އެމެރިކާ އާއި ކެނެޑާ އަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް ޑެޕިއުޓީ އެމްބެސެޑަރުކަން ވެސް ކުރައްވައިފަ އެވެ. ތިލްމީޒާ މަތީ ތައުލީމް ހާސިލްކުރެއްވީ ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާ އިން އެމެރިކާގެ ޔުނިވާސިޓީއަކުންނެވެ.

އެމެރިކާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވަރަށް ބޮޑަށް ހީނަރުވި އެވެ. ހާއްސަކޮށް، އެމެރިކާ އަކީ، ޔާމީންގެ ސިޔާސަތުތަކާ ދެކޮޅަށް އެންމެ ބޮޑަށް އަޑު އުފުލި އެއް ގައުމެވެ. އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން ފަހުން، ރާއްޖެ އާއި އެމެރިކާ އާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ވަނީ ވަރުގަދަވެފަ އެވެ.

ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް އެމެރިކާ ސަރުކާރުން 20 މިލިއަން ޑޮލަރު (310 މިލިއަން ރުފިޔާ) ހިލޭ އެހީ ދިނުމުގެ އެއްބަސްވުމެއްގައި ވެސް ދާދި ފަހުން ވަނީ ސޮއިކޮށްފަ އެވެ.