އީރާނު ބޯޓު ބަލައި ފާސްކޮށް އަދި ނުނިމޭ: ފުލުހުން

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްތުވާތަކެތި ޓްރެފިކް ކުރަން އުޅެނިކޮށް މިދިޔަ އަންގާރަ ދުވަހު އަތުލައިގަތް އީރާނުގެ ބޯޓު އަދިވެސް ބަލައި ފާސްކޮށް ނުނިމޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައި އަތުލައިގަތް ބޯޓު މާލެ ގެންނަނިކޮށް ވަނީ ވިލިމާލެ ކައިރީގައި އޮންނަ ފަރަކަށް އަރައިފަ އެވެ. ފުލުހުން ބުނީ އެ ބޯޓް މިހާރު ފުންކޮށްފައިވާ ކަމަށެވެ. ނަމަވެސް ބޯޓް ގެންދިޔަ ތަނެއް ނުބުނެ އެވެ.

އެ ބޯޓް އަތުލައިގަތް ދުވަހު ފުލުހުން ބުނީ އެ ބޯޓުން ގާތްގަނޑަކަށް 50 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި އިތުރު މަސްތުވާތަކެތި ހުންނާނެ ކަމަށް ބަލައި ފާސް ކުރަމުން އަންނަ ކަމަށްވެސް އެ ދުވަހު ބުންޏެވެ.

ބޯޓް ބަލައި ފާސްކޮށް ނުނިމޭ ކަމަށް ފުލުހުން ބުނި ނަމަވެސް އިތުރު ތަފްސީލެއް އަދި ނުދެ އެވެ.

އަތުލައިގަތް ބޯޓުގެ ހަތް ފަޅުވެރިން ހައްޔަރުކޮށްފައި ވާއިރު އެ މީހުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ދީފަ އެވެ.

މަސްތުވާތެކެތި ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އީރާނުގެ ބޯޓްތައް މީގެ ކުރިން ވެސް ވަނީ އަތުލައިގެންފަ އެވެ. އަދި ވަރަށް ފަހުން ވަނީ ގދ. ހުޅުވާރުލުގައި ވަޅުލާފައި ހުއްޓާ 149 ކިލޯގެ މަސްތުވާތަކެތި ހޯދައިފަ އެވެ. އެ މައްސަލާގައި ދިވެހިންތަކެއް ވެސް ހައްޔަރު ކޮށްފައިވެ އެވެ.