ފައިސާ ލިބޭ ޕާޓީތައް ބުރާސްފަތި ދުވަހު އާއްމުކުރަނީ

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް މި އަހަރަށް ކަނޑައެޅި ފައިސާ ލިބޭ ޕާޓީތައް އަންނަ ބުރާސްފަތި ދުވަހު އާއްމުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.


އެ ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް މިއަދު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ އަދަދަށް ބޮޑެތި ބަދަލުތަކެއް މިހާރު އައިސްފައިވާ ކަމަށެވެ. މިދިޔަ ނޮވެމްބަރު މަހުން ފެށިގެން އެޕްރީލް މަހުގެ ނިޔަލަށް ޕާޓީތަކުން ހުށަހެޅި 40،000 ފޯމު ބުދަ ދުވަހު ވެރިފައިކޮށް ނިމޭނެ ކަމަށް ވިދާޅުވި އެވެ.

"ޕާޓީތަކުގައި މެމްބަރުން ތިބި ސައްހަ އަދަދު ކަނޑައެޅޭނީ ފޯމުތައް ވެރިފައިކޮށް ނިމުމުން. އިލެކްޝަންސް ކޮމިޝަނުން މި ބަލަނީ ޕާޓީތަކަށް ފައިސާދޫކުރަން އަންނަ ހަފުތާގައި ފިނޭންސް މިނިސްޓްރީ އަށް ފޮނުވޭނެ ކަމަށް،" އަކްރަމް ވިދާޅުވި އެވެ.

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާގެ އަދަދު ކަނޑައަޅަނީ މެމްބަރުންގެ އަދަދަށް ބަލައިގެންނެވެ.

ސިޔާސީ ޕާޓީތަކަށް ކަނޑައަޅާ ފައިސާ، ގާނޫނުގައިވާ ގޮތުން، އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ދޭންޖެހެ އެވެ. މި އަހަރުގެ ބަޖެޓުގައި ޕާޓީތަކަށް 25 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

އެ ފައިސާ ދޫކުރުން ލަސްވީ، އިލެކްޝަންސް ކޮމިޝަނުން ބުނިގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ޕާޓީތަކުން އެއްފަހަރާ ގިނަ އަދަދެއްގެ ފޯމު ހުށަހެޅުމުންނެވެ.

އިލެކްޝަންސް ކޮމިޝަނުގައި މިހާތަނަށް ނުވަ ޕާޓީއެއް ރަޖިސްޓްރީކޮށްފައިވެ އެވެ. އެކަމަކު ފައިސާ ދޫކުރާނީ 10،000 އަށް ވުރެން މެމްބަރުން ގިނަ ޕާޓީތަކަށް އެކަންޏެވެ. އެ އަދަދަށް މެމްބަރުން މިދިޔަ އަހަރު ހަމަވީ ޕީޕީއެމާއި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން އެމްޑީއޭގައި އެކަންޏެވެ.

އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައިވާ ގޮތުން ޖުލައި، 31، 2018 އާ ހަމައަށް އެންމެ މެމްބަރުން ގިނައީ ޕީޕީއެމްގަ އެވެ. އެއީ، 48،129 މެމްބަރުންނެވެ. ދައުލަތުގެ ބަޖެޓުން މިދިޔަ އަހަރު އެންމެ ގިނަ އަދަދެއްގެ ފައިސާ ދޫކުރަން ނިންމީ ވެސް އެ ޕާޓީ އަށެވެ.

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީ، މެމްބަރުންގެ އަދަދުން، އޮތީ ދެ ވަނައިގަ އެވެ. ސައްހަ މެމްބަރުންގެ ގޮތުގައި އެ ޕާޓީގައި ރަޖިސްޓްރީކޮށްފައި ވަނީ 29،008 މެމްބަރުންނެވެ. އެކަމަކު، މަޖިލީސް އިންތިޚާބާ ދިމާކޮށް އެ ޕާޓީން ވަނީ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީކޮށްދޭން އެދި 35،000 ފޯމު ހުށަހަޅައިފަ އެވެ.

ތިން ވަނައިގައި އޮތް ޖޭޕީގައި ތިބީ 10،090 މެމްބަރުންނެވެ.

ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނެފައި ވަނީ ކޮންމެ އަހަރެއްގެ ވެސް ދައުލަތުގެ ބަޖެޓުގެ 0.1 ޕަސެންޓުގެ ފައިސާ ސިޔާސީ ޕާޓީތަކަށް ޚާއްސަ ކުރަންޖެހޭ ކަމަށެވެ. މި އަހަރަށް 25.6 މިލިއަން ރުފިޔާ ކަނޑައެޅި އިރު، އެއީ ޕާޓީތަކަށް ސަރުކާރުން މި އަހަރު ދިން އަދަދަށް ވުރެ، އެއް މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.