އެކްސިޑެންޓަށް ފަހު، ބަސް ދުއްވާ ނިޒާމު ވަރުގަދަ ކުރަނީ

މި ރޯދަ މަހުގެ ފުރަތަމަ ދުވަހު ހުޅުމާލޭގައި ދުއްވާފައި ދިޔަ އެމްޓީސީސީގެ ބަހެއްގެ ދަށުވެ، ޔުކުރެއިނުގެ ޓޫރިސްޓު އަންހެން މީހާ މަރުވި މައްސަލަ އަށް ފަހު، ބަސްތައް ދުއްވުމުގެ ގަވައިދުތައް މުރާޖައާ ކުރަމުން އަންނަ ކަމަށް އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހު އިއްޔެ ވިދާޅުވެއްޖެ އެވެ.


މިދިޔަ ހަފުތާގެ ހޯމަ ދުވަހު ހެނދުނު ހިނގާލަން ނުކުމެ އުޅުނު އުމުރުން 31 އަހަރުގެ އަންހެން މީހާ ބަހުގެ ދަށުވީ ޑްރައިވަރު ނިދީގައި ހުރެ ދުއްވުމުން ކަަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މި މައްސަލައިގައި ބަސް ޑްރައިވަރު ވަނީ ތަހުގީގަށް ބަންދުކޮށްފަ އެވެ.

އެ އެކްސިޑެންޓަށް ފަހު، "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ޝާހު ވިދާޅުވީ، އަލަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ބަސް ދުއްވުމަށް ވަކި ލޭނުތައް ހެދުމާއި ޑްރައިވަރުންނަށް ކޮންމެ އަހަރަކު ދޭ މެޑިކަލް ޝެކްއަޕް މެންޑޭޓަރީ ކުރުމާއި އެ މީހުންނަށް އިތުރު ތަމްރީނުތައް ދިނުން ހިމެނޭ ކަމަށެވެ.

"ކްރައުޑް މެނޭޖްމެންޓް، އެންގާ މެނޭޖްމެންޓް، ފަޔާ ފައިޓިން ކަހަލަ އެއްޗެއްހި ޑްރައިވަރުންނަށް ދަސްކޮށްދެމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.

އެމްޓީސީސީގެ ސީއީއޯ ޝާހު: އެ ކުންފުނީގެ ބަސްތަކުގައި ކެމެރާ ހަރުކުރާނެ ކަމަށް ވިދާޅުވި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ޝާހު ވިދާޅުވި ގޮތުގައި، ސަރުކާރު އަދި އެމްޓީސީސީން ވެސް އާންމުންގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދެ އެވެ.

އެހެންވެ، އެމްޓީސީސީގެ މުވައްޒަފުންގެ ތެރޭގައި އެހެން ތަނެއްގައި ވަޒީފާ އަދާކުރާ ބަޔަކު އުޅޭތޯ ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު، ޝާހު ވިދާޅުވީ އެމްޓީސީސީގެ ބަސް ޑްރައިވަރުންގެ ތެރޭގައި ދާއިމީކޮށް ޓެކްސީ ކުރާ ބަޔަކު ތިބިކަން މިހާތަނަށް ފާހަގަ ކުރެއްވިފައި ނުވާ ކަމަށެވެ.

"ޓްރާންސްޕޯޓް އޮތޯރިޓީއާ ގުޅިގެން ދަނީ ހުރިހާ ޑްރައިވަރުންގެ ޕޮލިސީ ރެކޯޑްސް ވެސް ބަލަހައްޓަމުން،" އޭނާ ވިދާޅުވި އެވެ.

ޝާހު ވިދާޅުވި ގޮތުގައި، ބަސް ޑްރައިވަރުންގެ ލައިންސެންސް ވެރިފައި ކުރުމާއި ބަހުގައި ކެމެރާތައް ހަރުކޮށް، ކޮންޓްރޯލް ރޫމުން ޑްރައިވަރުންގެ އަމަލުތައް ވަގުތުން ބަލައިލެވޭނެ އިންތިޒާމުތައް ވެސް އަންނަނީ ހަމަޖައްސަމުންނެވެ.

އެކްސިޑެންޓުތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ބަސް ޑްރައިވަރުން ކޮންމެ ދުވަހަކު ވެސް ބަހަށް އެރުމުގެ ކުރިން ޑިކްލެރޭޝަން ފޯމެއް ނުވަތަ ކޮންސެންޓް ފޯމެއް ފުރާގޮތަށް ހަމަޖައްސާނެ ކަމަށް ޝާހު ވިދާޅުވި އެވެ.

އެމްޓީސީސީގެ ބަސް ޑްރައިވަރުން ޑިއުޓީ އަދާކުރަން ޖެހެނީ އަށް ގަޑިއިރަށެވެ. އެކަމަކު، ބަސް ދުއްވުމުގައި އެ މީހުން އާންމުކޮށް ހޭދަކުރަނީ އޭގެ ތެރެއިން ހަތަރު ގަޑިއިރެވެ.

އެމްޓީސީސީގައި 31 ބަސް ޑްރައިވަރުން ތިބޭއިރު ބަސް ކޮންޑަކްޓަރުންގެ އަދަދަކީ 30 އެވެ.